މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޖަންގަލް 2-0 އިން ބަލިކޮށް މައި ކަޕް 12 ވަނަ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މާރަންދޫ ޔޫތު ސޮސައިޓީން ހޯދައިފިއެވެ.
މެޗު ފަށައިގެން ދެޓީމުން ކުޅެމުންދިޔައީ ދާދި ހަމަހަމަކޮށް ނަމަވެސް މާރަންދޫ ޓީމުންވަނީ ގިނަ ޕާސްތަކެއްކޮށް މެޗު އެމީހުންގެ ކޮންޓްރޯލުގެދަށަށް ގެނައުމުގައި ކުރިހޯދައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި މާރަންދޫއިން ނުރައްކާތެރި ހަމަލާއެއް ޖަންގަލްގެ ގޯލަށް ފޮނުވާލި ނަމަވެސް އެބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. އޭގެ ދެމިނެޓް ފަހުން ޖަންގަލްއަށް ލިބުނު ކޯނަރަކުން އެޓީމުން ލަނޑެއް ޖެހުމާ ވަރަށް ގާތަށް ދިޔައެވެ. ނަމަވެސް ޖަންގަލް ޓީމުގެ ކުޅުންތެރިޔަކު ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަދެވަދެ އޮއްވައި މާރަންދޫ ޔޫތު ސޮސައިޓީގެ ކުޅުންތެރިޔަކުވަނީ ދިފާއުކޮށްފައެވެ. މެޗުގެ ލީޑުނަގަން ރަނުގެ ފުރުސަތެއް ޖަންގަލް ޓީމުގެ އެންމެ ކުރިއަށް ކުޅުނު މުސްލިހުއަށް ލިބިވަނީ ބޭކާރުވެފައެވެ. ކީޕަރުވެސް ކުރިއަށްއަރައި ހުއްޓައި ލިބުނު ބޯޅަ މުސްލިހުއަށް ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.
މާރަންދޫ ޔޫތު ސޮސައިޓީން މެޗުގެ ލީޑުނެގީ ފުރަތަމަ ހާފުގެ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 1 މިނެޓްގެ ތެރޭގައި އުފެއްދި ހަމަލާއަކުން އެޓީމުގެ ޖާޒީ ނަމްބަރ 9، ޢަލީ އިހުސާނެވެ.
ދެވަނަ ހާފުގެ 9 ވަނަ މިނެޓްގައި މާރަންދޫ ޔޫތު ސޮސައިޓީން ފޮނުވާލި ހިލޭ ޖެހުމަކުން އެޓީމުން ދެވަނަ ގޯލެއްޖެހުމާ ވަރަށް ކައިރިކުރި ނަމަވެސް އެބޯޅަ ޖަންގަލްގެ ކީޕަރުވަނީ ދިފާޢުކޮށްފައެވެ. މާރަންދޫ ޔޫތު ސޮސައިޓީން މެޗުގެ ދެވަނަ ގޯލުޖަހައި ޗެމްޕިއަންކަން ޔަޤީން ކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނިކުން އެޓީމުގެ ޖާޒީ ނަމްބަރ 19، މުޙާއްމަދު އާދަމް އެވެ.
2014 ވަނަ އަހަރު މާރަންދޫ ޒުވާނުންގެ ޖަމިއްޔާއިން މުބާރާތް ކާމިޔާބު ކުރުމަށްފަހު ޖެހިގެން އައި 3 އަހަރު މާރަންދޫއަށް ނިސްބަތްވާ ޓީމެއް ކޮންމެ އަހަރަކު މުބާރާތުގެ ފައިނަލް ކުޅެ ބަލިވަމުންދާ ދިއުމަށް މާރަންދޫ ޔޫތު ސޮސައިޓީން މިވަނީ ނިމުން ގެނެހެވެ.