އަރާދުވާ މިފަހަރު ނުކުންނަނީ ކުޅެގެން މޮޅުވަން

ޢަބުދުﷲ ޙަމީދު

“ކުޅެގެން މޮޅުވަން” މި ޢަޒުމާއެކު ޓީމް އަރާދުވާ، މި ފަހަރުގެ މައި ކަޕްގައި ވާދަކުރުމަށް ނުކުތީ، އާ ހިތްވަރަކާއެކުއެވެ.  ލިބުނު ނާކާމިޔާބީއަކީ ކާމިޔާބީގެ ތަޅުދަނޑި ކަމުގައި ދެކި، ޓީމަށް ކުރިއެރުން ހޯދާދިނުމުގެ ޖޯޝާއި ފޯރީގައި ޓީމް ނުކުންނައިރު، ޓީމް އަރާދުވާގެ ހިތްވަރާއި ސާބިތުކަން ވަރަށް ބޮޑެވެ. ޓީމްގެ ފެންވަރާ ދޭތެރޭ މެނޭޖްމެންޓް ވަރަށް ހިތްހަމަ ޖެހެއެވެ. ޓީމާ ދޭތެރޭ ކުޅުންތެރިންގެ އުންމީދު ވަރަށް ވެސް ބޮޑެވެ. އަދި ޓީމް އަރާދުވާ އިން ބުނަނީ، މުބާރާތަށް ޓީމް ވަރަށް ފުރިހަމަޔަށް ތައްޔާރުކަމަށާއި މުޅި ޓީމް މަސައްކަތް ކުރަނީ ކާމިޔާބަށް އެދި ކަމަށެވެ.

ޓީމް އަރާދުވާ އަށް މައި ކަޕްގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 2016 ވަނަ އަހަރު ސެމީ ފައިނަލްގައި ވާދަކުރެވުން ކަމުގައި އެ ޓީމުން ފާހަގަ ކުރެއެވެ. ނަމަވެސް އެއާ ޚިލާފާށް، މި ފަހަރު ޓީމާ ދޭތެރޭ މެނޭޖްމެންޓްގެ އުންމީދު ބޮޑެވެ. އެގޮތުން އެބޭފުޅުން ޤަބޫލުކުރާގޮތުގައި، ޓީމްގައި ފެންވަރު ރަނގަޅު، ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން އެބަތިއްބެވެ. އަދި ޓީމް ފައިނަލާ ހަމަޔަށް ގެންގޮސްދެވޭނެފަދަ ޤާބިލިއްޔަތުކަން ކުޅުންތެރިންގެ އެބަހުރި ކަމުގައިވެސް އެބޭފުޅުން ފާހަގަކުރެއެވެ. އަދި ހަމައެހެންމެ، ކުޅުންތެރިންގެ ކުޅުމާއި އަޚްލާގާ ދޭތެރޭ ޓީމްގެ މެނޭޖްމެންޓް ވަރަށް ހިތްހަމަ ޖެހޭކަންވެސް ފާހަގަކޮށްލަމެވެ.

އާ ހިތްވަރަކާއެކު ޓީމް ނުކުންނައިރު، ޓީމާ ދޭތެރޭ ކުޅުންތެރިންގެ އުންމީދު ކުރިއަށް ވުރެވެސް ބޮޑެވެ. ޓީމް، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމަށް، ކުޅުންތެރިންގެ ފަރާތުން ލިބޭ އެއްބާރުލުން ވަރަށް ވެސް ފުރިހަމަ ކަމުގައި ޓީމް އަރާދުވާ އިން ބުނެއެވެ. އެގޮތުން ޓީމްގެ ފަރިތަކުރުންތަކަށް ދިޔުމަށް އެކަކު އަނެކަކަށް ބާރުއަޅާ، ގޯސްކޮށް ކުރެވޭ ކަންކަން ކިޔާދީ، އެކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރާ ކަމުގައި އެޓީމުން ފާހަގަ ކުރެއެވެ. ޓީމްގެ ކުޅުންތެރިން ބުނަނީ މިފަހަރު ތަފާތު ފެންނާނެ ކަމަށެވެ.

މައި ކަޕް 2018 އަށް ޓީމް އަރާދުވާއިން ބުނަނީ އެންމެ ފުރިހަމަށް ތައްޔާރުކަމަށެވެ. ޕްރެކްޓިސް ބަރާބަރަށް ކުރިޔަށްދާ ކަމަށާއި، ކުޅުންތެރިން ފިޓް ކަމަށެވެ. އަދި ޕްރެކްޓިސް މެޗްތަކުގައި ޓީމްގެ ޕާފޯމެންސް ވަރަށް ރަނގަޅު ކަމުގައިވެސް އެ ޓީމުން ފާހަގަކުރެއެވެ. އަދި ހަމައެއާއެކު ،ބޮޑެތި ޓީމްތަކާ ވާދަ ކުރެވޭނެ ގާބިލްކަން ކުޅުންތެރިންގެ އެބަހުރިކަމަށާއި ކާމިޔާބަށް އެދި ޓީމް ކުރާ މަސައްކަތަށް ބަލާ، މުބާރާތުގާ ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ޓީމްގެ އެބައޮތެވެ.

ކަންމިހެން އޮތުމާއެކު، ޓީމް އަރާދުވާ އަށް މައި ކަޕް 2018 ގައި މޮޅު ކުޅުމެއް ދެއްކިދާނެ ކަމަށް ޤަބޫލުކުރެވެއެވެ. ޓީމްގެ ފެންވަރާ ދޭތެރޭ މެނޭޖްމެންޓްގެ ހިތްހަމަ ޖެހުމާއި، ކުޅުންތެރިންގެ އުންމީދާއެކު މައި ކަޕް 2018 ގެ ތަށި އުފުލާލުމަކީ އަރާދުވާ އަށް ނުވާނެ ކަމެކޭ ބުނެވޭކަށް ނެތެވެ. މުބާރާތަށް ކުޅުންތެރިން ތައްޔާރު ވެފައިވާލެއް ފުރިހަމަކަމާއި، ކާމިޔާބަށް އެދި ކުރާ މަސައްކަތާއެކު އަރާދުވާ އަށް މި މުބާރާތުގައި ރަނގަޅު ކުޅުމެއް ދެއްކިދާނެއެވެ. ޓީމްގެ ސްލޯގަން އާ އެއްގޮތަށް، ޓީމް އަރާދުވާގެ ޢަޒުމަކީ “ކުޅެގެން މޮޅުވުމެވެ.”