އައިޝަމް ހައިރާން ކަމާއެކު ފަރުހާންގެ މޫނަށް ބަލާލި އެވެ. ފަރުހާންގެ ބޯ ތަޅުވާލި އެވެ. އާއެކޭ ބުނުމުގެ ގޮތުންނެވެ. އެއްފަހަރު ފަރުހާންގެ މޫނަށް އަނެއް ފަހަރު އައިރީންގެ މޫނަށް އައިޝަމް ބަލާލި އެވެ. އައިރީންގެ މޫނު މަތީގެ ހާލަތު އޭނާއަށް ތަޞައްވަރު ނުކުރެނު ކަން އެއީ ކާކުގެ ނަސީބެއް ކަމެއް ނޭނގެ އެވެ. އައިރީންގެ މޫނަށް ވަނީ ދިއްލާފައިވާ ހޮޅި ބުރިތަކުގެ އަލިކަން ހުރަސް އަޅާފަ އެވެ. އެހެންނަމަވެސް، އެމޫނަށް އުފާވެރިކަމުގެ އަލިކަން ވެރިވާނެކަމަށް އައިރީން އުއްމީދު ކުރާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
“އަހަރެން މިއައީ ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ކަމަށް؟” އައިރީންގެ އަޑުގައި ތުރުތުރެއް އެކުލެވިވާ ކަން ފަރުހާން ދެނެގަތެވެ.
“އަހަރެން މި ދަނީ ގާޑިޔާތަކުގެ ކައިރިއަށް. ނިމުނީމަ މިސް އެއްދީ” ފަރުހާން އައިރީނާ އައިޝަމަށް ފުރުޞަތު ފަހިކޮށްދިނެވެ. ރޭވިފައިވާ ގޮތަށެވެ. އެކަމެއް އައިޝަމް ނުދަނެ ހުއްޓެވެ. ނަމަވެސް އާއެކޭ ބުނުމުގެ ގޮތުން އައިޝަމް ބޯ ޖަހާލި އެވެ. އަދި އައިޝަމް އާއި ފަރުހާން އެކުގައި ކޮޅަށް ތެދުވި އެވެ. ފަރުހާން ހިނގައިގަތީ ސުނާމީ ބިނާގެ އެތެރެ ކޮށިގަނޑުން ބޭރަށް ނުކުންނާށެވެ. އައިރީން އާ ހަމަވުމުން ހުއްޓިލާފައި އަތުގެ އިޝާރާތުން ކުރިއަށް ދިއުމަށް އިޝާރާތްކޮށްލި އެވެ. އަދި ވައިއަޑުން “ގުޑް ލަކް” އޭ ބުނެލި އެވެ.
“ތޭންކްސް” އައިރީންގެ ތުންފަތް ހަރަކާތްކުރީ މަޑުމަޑުންނެވެ. އަދި މަޑުމަޑުން ކުރިއަށް ޖެހިލި އެވެ.
އައިޝަމްގެ އަތުގެ އިޝާރާތުން އިށީންނަންވީ ޖަގަހަ ދައްކުވައިދިނެވެ. އައިރީން އިށީނުމުން އައިޝަމްވެސް ފޫޓެއް ދުރުމިން ދެމުން އިށީނެވެ. ސުނާމީ ބިނާގެ ކަނޑަށްވީ ފަރާތަށް މޫނު ލައިގެންނެވެ. ޖެހެމުން ދިޔަ ހިމޭން ވައިރޯޅިތަކަށް މޫނު އަމާޒުކުރަމުންނެވެ. ތަނަށް ވެރިވެފައިވަނީ ޤުދުރަތީ މިޔުޒިކެވެ. އިތުރަށް ލޮނު ހެޔޮވަރު ކޮށްލަނީ ޒުވާން ގުރޫޕަކުން ހެލްޕެޑް ސަރަޙައްދުގައި ޖަހަމުންދާ ސަކަރާތުގެ އަޑުތަކުންނެވެ. ބޮޑުތަކުރުފާނު މަގުން ދުއްވަމުންދާ އުޅަނދު ފަހަރުގެ އަޑުތަކު ބަރުގޮނުގެ އަޑުތަކާއި އިންޖީނުގެ އަޑުތައް އިވެމުންދިޔައީ ޤުދުރަތީ އަޑުތަކެއް ފަދައިންނެވެ. އައިޝަމް އާ އައިރީން ތިބީ ވާހަކަދައްކަންވީ ކާކުކަން ނޭނގިގެން ކަންނޭނގެ އެވެ. ފަށާނެ މީހަކު ނޭނގި ތިބި ފަދައަކުންނެވެ. ލިބިފައިވާ ފުރުޞަތުގެ ބޭނުން ހިފުމަށް އައިރީން އިސްނެގި އެވެ.
“ޝަމް… އަހަރެން… މި އަ” އައިރީންގެ ދޫ ބަންދުވި ކަހަލަ އެވެ. އޭނާ ފަރިތަކޮށް އެތައް ފަހަރަކު ތަކުރާރު ކުރި ހަރަކާތްތަކުން އެއްވެސް ފައިދާއެއް ނުކުރިކަމަށް ޚުދު އޭނާ އިޢުތިރާފުވާން މަޖުބޫރު ކުރުވީ ލަދުވެތިކަމެވެ.
“ކިހިނެއްވީ؟ ކޮން؟” އައިޝަމްގެ އަޑުގައިވަނީ ހިމޭންކަމެވެ.
“ބުނަން އައީ ކޮން ވާހަކައެއް ކަން އަހަންނަށް އެނގޭ… އަހަންނަށް އައި ބުނަން އުޅޭ އެއްޗެއް އެބަ ސާފުވޭ… އެކަމަކު އެމީހަކު ބުނަން ބޭނުންވާ ވާހަކަތަކެއް އެމީހަކު ބުނުމީ ދުނިޔެ ދަސްކޮށްދެމުންދާ ފިލާވަޅެއް… ފެށުނީއްސުރެ ދުނިޔެ ހިނގަމުން ދަނީ އެމަގުން… ވީއިރު އައި މިކަމާ ފަސްޖެހެންވީ ސަބަބެއް ނެތް…” އައިޝަމްގެ ޖުމުލަތަކުން އައިރީންގެ ލަދުވެތިކަމުގެ ތަޅުލެވެމުން ދިޔަ ދޫ އިތުރަށް ބާރުވެ ބަންދުވި ކަހަލައެވެ.
“އަހަންނަކަށް ނޭނގެ ފަށަންވީ ހިސާބެއް” އައިރީން ހިތްވަރުކޮށްފައި ވާހަކަދެއްކޭތޯ ބެލި އެވެ.
“ފެށުނު ހިސާބަކުން ފަށާ… މަޤްޞަދަކީ ހިތުގެ އިޙްސާސްތައް ބޭރުކުރުން… އަހަން އިން މީހާއަށް އެކަން ހާމަކުރުން” އައިޝަމްގެ ވާހަކަދެއްކުމުގައި ހުރި ހަރުދަނާކަމުގެ ސަބަބުން އައިރީން އިތުރަށް ފަސްޖެހެވޭ ގޮތްވި އެވެ.
“ޝަމް އަހަންނަށް ވަރަށް ކަމުދޭ… އަހަންނާ ރައްޓެހި…” އައިރީން އަށް އެހާ ހިސާބަށް ނުބުނެވެނީސް ކުއްލިއަކަށް ސުނާމީ ބިނާގެ ކޮށިގަނޑުގެ ތެރެއަށް ރާޅެއް މުގުރާލި އެވެ. އައިރީނާއި އައިޝަމް ލޮނުން ފެންވަރުވާލި އެވެ. އައިރީންއަށް ލިބުނު ކުއްލި ސިހުމާއެކު ކޮޅަށް ތެދުވެވުނެވެ. މޫދަށް ބަލާލެވުނެވެ. ރާޅުގެ ހިލަމެއް ވޭތޯ އެވެ. ދިޔަވަރުގެ ހާލަތު ވަޒަންކޮށްލާށެވެ. އެއްވެސް ހިލަމެއް ހުވަމެއް ނެތެވެ. އައިރީން ހިތަށް ވެރިވީ އެއީ ވަހްމަކަށް ވެދާނެ ކަމެއް ކަމަށެވެ. އެހެނަސް އައިރީންއަށް ޔަޤީންވާ އެއްކަމަކީ އޭނާ ލޮނުން ތެމުނު ކަމެވެ. ރާޅެއްގެ ސުންޕާ އެމީހުންނަށް ފޯރިކަމެވެ.
“ތި ހީކުރީ ހަމަ ރަނގަޅަށް… ތީ ހީ އެއް ނޫން ހަޤީޤަތެއް… ތީ އަސްލަކީ… އެއީ ސިއްރަކީ” އައިޝަމް ވާހަކަދައްކަށް ފެށީ އައިރީން ބިރުގެންފައި ހުރިވަރުންނެވެ.
“ކޮން؟ ކޮން އަސްލެއް؟”
“މިރޭ އައި އަށް ތިޔަ ފެންނަނީ ޙަޤީޤަތުގެ ޞަފްޙާތަކުން ބައި ޞަފްޙާގެ ދެބައިކުޅަ އެއްބައިވަރު”
“ކީކޭ…” އައިރީންގެ ހިތުގައި ސުވާލުގެ ޒަލްޒަލާއެއް އުތުރިގަތް ކަހަލަ އެވެ.
“އައި މިކަމާ ކުރިމަތިލާން ބޭނުންތަ؟ މިކަން އެނގެން ބޭނުންތަ؟ މީ ޙަޤީޤަތަކީ؟ މީ އައި ތިޔަ ލޯބިވާ ޝަމްގެ ބަލިފަޔަކީ؟ މީ އަހަރެންގެ ނުފެންނަ ފަރާތަކީ؟”
“ކޮން ފަރާތެއް… ކޮން ހަޤީޤަތެއް… އަހަންނަކަށް ނުވިސްނޭ އަހަރެން… އަހަންނަށް ކިޔައިދީބަލަ… ސާފުކޮށް ބުނެ.. ބުނެދީ ބަލަ…” އައިރީންގެ އަޑުގައި ކުރަކިކަމެއް އެކުލެވި ކަރުނައިން ދެ ލޯ ފެންކަޅިވީ އެވަގުތު އެވެ.
“މާޔޫސް ނުވޭ އަހަރެން… އަހަންނާމެދު އައި ވިސްނާކަން އަހަންނަށް އެނގޭ… އެކަމު އަހަންނަކީ” އައިޝަމް ފުންނޭވާއެއް ދޫކޮށްލި އެވެ. ހަމަޖެހިލަމުން ވާހަކަ އަލުން ފެއްޓި އެވެ.
“މީ އަދި އެއްވެސް މީހަކަށް ނޭނގޭ ޙަޤީޤަތެއް… މިކަން ފުރަތަމަ ހިއްސާ މިކުރަނީ އައި އަށް…ދެން މިކަން އެނގޭނެ ދެވަނަމީހަކީ ހިމޭ” އައިޝަމް އޭނާގެ މާޒީގެ ޗޭނުގައި ޖަހަމުންދިޔަ ދަބަރުތަކަށް ތެޔޮޖެހުމަށް ފޫގަޅާލިއެވެ. އެ ޗޭނުގެ ބޮޅުތަކުން ބޮޅެއްގެ ހަޤީޤަތް އައިރީނަށް ޙިއްސާކުރުމަށް އަޒުމު ކަނޑައަޅައިގެންނެވެ.އޭނާގެ ދިރިއުޅުމަށް ދިމާވި ކަޅުއަނދިރި ކަމަށް ނިމުމެއް ގެނައުމަށް އުއްމީދު ކުރާތީ އެވެ.
އައިޝަމްގެ ޖީބުގައި އޮތް ވޮލެޓް ނެގި އެވެ. އެވޮލެޓުން ބޮނބި ނަރެއްހާ ހިމަ އަނގޮޓިއެއް ނަގާ އައިރީންއާ ގާތްވެލި އެވެ. މަޑުމަޑުން އައިރީންގެ އަތުގައި ހިފާލި އެވެ. އައިރީންގެ ހިމަ ހޯޅި ތަކެއް ފަދަ އިނގިލަތަކުގައި ހިފާ ގަޔާ ގާތްކޮށްލި އެވެ. އައިޝަމްގެ ހޫނު އިޙްސާސް ކުރެވޭހާ ކައިރި އަށެވެ. އައިރީންގެ އިނގިލިތަކުގައި ހިފާ އަތްތިލައަށް ބަލާލި އެވެ. ހީވަނީ އެތަކެއް ދުވަހަކު ރައްޓެހިވެގެން އުޅޭ ދެ ލޯބި ވެރިން ހެންނެވެ. އައިޝަމްގެ ކޮންމެ ހަރަކާތަކަށް އައިރީން މަރުޙަބާ ކިޔަމުންދިޔައީ އޭނާގެ މަންޒިލު ފެންނަން ފެށިކަމުގެ ފުރިހަމަ ޔަޤީންކަމާ އެކުގައެވެ. އައިޝަމް މަޑުމަޑުން އައިރީންގެ އިނގިލިތަކުގައި ހިފަހައްޓަމުން ބުނެލި އެވެ.
“ލޯމަރާލާ… އަހަރެން މި އަނގޮޓި އަޅުވާއިރު އައިރީން ބޭނުން ކަމެއް ހިތަށް އަރުވާ”
“އޭރުން” އައިރީންގެ ކެތްތެރިކަން ކޮޅުންލީ އެވެ.
“އެކަމެއް ވުމުގެ ފުރުޞަތު ފަހިވާނެ… އެކަމަކަށް ހުރި ގޮން ޖެހުންތައް ނެތިގެންދާނެ”
“އޯކޭ..” އައިރީންގެ ދެލޯ މަރާލަމުން އޭނާގެ ހިތުގައި ޢަޒުމެއް ކަނޑައެޅި އެވެ. ކޮންމެ ހާލެއްގައި ވިޔަސް އޭނާގެ ލޯބިވެރިޔަކީ އައިޝަމް ކަމުގައި ހެދުމުގެ ޢަޒުމެވެ. ކޮންމެ ގޮތަކުން ވެސް އައިޝަމް ހާސިލުކުރުމުގެ ޢަޒުމެވެ.
ލޮނުން ތަތްތެޅިފައިވާ އައިރީންގެ ފުރަގަހަށް ވާގޮތަށް އައިޝަމް އެނބުރިލަމުން އައިރީންގެ ކަނދުރާގައި އައިޝަމްގެ ހޫނު ނޭވާ ބީހިލުމަށް ފުރުޞަތު ފަހިކޮށްލި އެވެ. އެއާއެކު މަޑުމަޑުން އައިރީންގެ ވައަތުގެ ކަށި އިނގިލީގައި ހިފަހައްޓާލަމުން އައިޝަމްގެ އަތުގެ ތެރެއަށް އައިރީންގެ އަތްތިލަ ލިއެވެ. އަދިވައި އަޑުން މަޑުމަޑުން ބުނެލި އެވެ.
“އެއްވެސް އަޑެއް އިވުނަސް ލޯ ނުހުޅުވާތި… ލޯ ހުޅުވާނީ ހުރިހާ ކަމެއް ނިމުނީމަ”
“އޯކޭ”
އައިޝަމް މަޑުމަޑުން އައިރީގެ އިނގިއްޔަށް އަނގޮޓި އަޅުވަން ފެއްޓި އެވެ. އެހިނދު ސުނާމީ ބިނާގެ އެންމެ މަތީ ދަނގަޑުތަކުން ރެނދަންލަމުން ދިޔަ އެވެ. މަޑުމަޑުން ރެނދަން ތިރިއަށް ޖެހެމުން ޖެހެމުން ދިޔަ އެވެ. މުޅި ބިނާގައި އެއްކޮށް ރެނދަންލަމުން ރެނދަން ލަމުންނެވެ. އެ ބިނާގެ ކޮންމެ ދަނގަޑެއް ދިއްލެމުން މުޅިތަން ހުދު ނޫކުލައިން އަލިވަމުން ދިޔައެވެ. ހީވަނީ ލޭޒަރ ބޮކިތަކެއް ދިއްލިފައި ހުންނަ ހެންނެވެ. އެއާއެކު ދަގަނޑު ބޯޅަތަކުން އަލިފާން ކަނިވާން ފެށިއެވެ. ކޮންމެ ބޯޅައެއް ހީވަނީ އަލިފާން ރޯކޮށްފައިވާ ހުދު ނޫކުލައިގެ ދަންމަރެއް ހެންނެވެ. ކަނޑުގެ މާހައުލަށް ކުއްލި ބަދަލުތަކެއް ވެރިވަމުން ދިޔައީ ހަމަ އެވަގުތުއެވެ. ރާޅުތައް އާދަޔާ ޚިލާފަށް ބޮޑުވަމުން ދިޔަ އެވެ. ހިސާބަކަށް ލޮނުގެ އަސަރު އައިރީންއަށް ކުރެވެމުން ދިޔައެވެ. ސުނާމީ ބިނާގެ އެތެރެ ކޮށިގަނޑަށް ލޮނު އަރާ ފުރެމުންދާ ކަމުގެ އިޙްސާސް އޭނާއަށް ކުރެވެމުން ދިޔައެވެ. ފައިތިލަ ލޮނުން ފޮރުވޭ ކަމުގެ އިޙްސާސެވެ. މަޑުމަޑުން ލޮނު އަރަމުން ކަކުލާ ހަމައަށް ލޮނު އަރަމުންދާ ކަމުގެ އިޙްސާސެވެ. އެއާ އެކު އައިޝަމް އައިރީންގެ ގައިގާ ބާރަށް ބައްދާލިއެވެ. އެހިނދު ޖައްވުން ބާރު އަޑުފައްގަނޑެއް އިވިއިވި ހުއްޓެވެ. ހޮޅިއަކަށް ވައި އެޅުމުން އިވޭ ކަހަލަ އަޑުފައްގަނޑެކެވެ. ހޮނުގުގުރީގެ އަޑު ކެނޑިގެން ނުގޮސް ހުރިކަހަލައެވެ. އެއަޑުފައްގަނޑު މަޑުމަޑުން ބާރުވަމުން ދިޔައެވެ.
“ނޫން އައިޝަމް….ނޫން ނޫން….އައިޝަމް………” ހޮނު ގުގުރީގެ އަޑު ފަދައިން އިވެމުންދިޔަ އަޑު މަޑުމަޑުން ބަދަލުވަމުން ދިޔަ އެވެ. ރީތި އަންހެން އަޑަކަށެވެ.
= ނުނިމޭ =