އިހަވަންދޫ ކުޑަކުދިންގެ ޕާކުގެ މަސްފެންގަނޑުގައި ހުރި މަސްތައް ނީލަންކިޔުމަށް ކައުންސިލުން އުސޫލު ބަދަލުކޮށްގެން މިއަދު ކުރިއަށްގެންދިޔަ ތިންވަނަ ނީލަން ވެސް އެއްވެސް މަހެއް ނުވިކި، ނާކާމިޔާބުވެއްޖެއެވެ.
މިދިޔަ ދެ ފަހަރު ވެސް އާންމުންގެ އެދެވޭ ތަރުހީބެއް ނުލިބުމުން، މިއަދު ހަވީރު 16:30 ގައި ކުރިއަށްގެންދިޔަ ނީލަން ފެށުމަށް ހަމަޖެއްސީ ނީލަމުގެ ބައިވެރިން ބޭނުންވާ އަގަކުންނެވެ. ނަމަވެސް، މި ފުރުސަތުގެ ބޭނުން ހިފުމަށް ވެސް އާންމުންގެ ފަރާތުން އެއްވެސް ތަރުހީބެއް ލިބިފައެއް ނުވެއެވެ.
މިއަދުގެ ނީލަމުގައި ނީލަންފެށޭ އަގު ކަނޑައެޅުން، ކައުންސިލުން އާންމުންނަށް ދޫކޮށްލި ނަމަވެސް، މިއަދުގެ ނީލަމަށް ހާޒިރުވީ ކައުންސިލްގެ މުވައްޒަފެއްގެ އިތުރުން މަސްގަތުމަށް ޝައުގުވެރިކަން ފާޅުކުރި އެންމެ ފަރާތެކެވެ. މައުލޫމާތު ލިބޭގޮތުގައި:
ހުށަހެޅި އަގު: ނީލަމަށް ހާޒިރުވި ހަމައެކަނި މީހާ، މަހެއް -އެއް ރުފިޔާގެ- މަގުން މަހެއް ގަތުމަށް ހިޔާލުކުރިއެވެ.
ނުގަނެ ދިޔަ ސަބަބު: ނަމަވެސް ފެންގަނޑުގައި ހުރި މަސްތައް މާ ބޮޑެތިވުމުގެ ސަބަބުން، އެ ބެލެހެއްޓުމަށް ކުރިމަތިވެދާނެ ދަތިތަކަށް ބަލައި، އޭނާ ވެސް އެންމެ ފަހު ވަގުތު މަސްތައް ނުގަނެ ދޫކޮށްލީއެވެ.
މިއާއެކު، ތިންވަނަ ފަހަރަށް ކުރި މަސައްކަތުން ވެސް ކައުންސިލަށް އެންމެ މަހެއް ވެސް ވިއްކާލެވޭ ގޮތް ވަނީ ނުވެފައެވެ.
2009 ވަނަ އަހަރުހެދި މިމަސްފެންގަނޑު، ބޮޑު މަރާމާތަކަށްފަހު އެންމެ ފަހުން ހުޅުވީ 20 ޑިސެމްބަރު 2024 ގައެވެ. އެއަށްފަހު ފެންގަނޑު ހިޔާކުރުމަށާއި މެއިންޓެއިނަންސްއަށް ކޮންމެ މަހަކު ކައުންސިލުން ބޮޑެތި ހަރަދުތަކެއް ކުރަންޖެހުމަކީ މަސްތައް ހުސްކޮށްލަން ކައުންސިލުން ނިންމި މައިގަނޑު ސަބަބުކަމަށްވެއެވެ.
ނަމަވެސް، މި ނިންމުމަށް އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސް އަހްމަދު ސޮބާހް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި ކުޑަކުދިންގެ ހިތްހަމަޖެހުމަށް ބޮޑު ހަރަދުކޮށްފައިވާ މިފަދަ ވަސީލަތްތައް ނައްތާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ތިންވަނަ ނީލަން ވެސް ފެނަށް ދިއުމާއެކު، މިހާރު އުފެދޭ ސުވާލަކީ ކައުންސިލުން ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މަސްތައް ހިލޭ ބަހާލާނީ ހެއްޔެވެ؟ ނުވަތަ ކުރީގެ ރައީސްގެ ފާޑުކިއުންތަކާއެކު މަސްފެންގަނޑު ކުރިއަށް އޮތް ތަނުގައި ވެސް ބަލަހައްޓަމުން ގެންދާނީ ހެއްޔެވެ؟ ކައުންސިލްގެ ދެން އަމަލުކުރާނެ ގޮތަކަށް ރައްޔިތުން މިހާރު ތިބީ އިންތިޒާރުގައެވެ.