އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫ ކައުންސިލުން ބިން ކުއްޔަށް ދޫކުރުމަށް ކޮށްފައިވާ ދެ އިޢުލާނެއް ބާތިލްކޮށްފިއެވެ. ބާތިލްކޮށްފައިވަނީ ގެދޮރު އިމާރާތްކުރުމާ ގުޅޭ އިންޑަސްޓްރިއަލް މަސައްކަތްތަކަށާއި، މަސް ކައްކައި މަސްވެރިކަމާ ގުޅޭ މަސައްކަތްތަކަށް ބިން ކުއްޔަށް ދޫކުރުމަށް ކޮށްފައިވާ އިޢުލާންތަކެވެ.

މީގެ ތެރެއިން އިންޑަސްޓްރިއަލް މަސައްކަތްތަކަށް ބިން ދޫކުރުމަށް އިޢުލާންކުރީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އަދި މަސްވެރިކަމާ ގުޅުންހުރި މަސައްކަތްތަކަށް ބިން ދޫކުރުމަށް އިޢުލާންކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
އިހަވަންދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި އިޢުލާންތައް ބާތިލްކުރަން ނިންމީ، އެ ދެ އިޢުލާނުގައިވާ މައުލޫމާތަށާއި ބިންތައް ހަމަޖައްސާފައިވާ ސަރަހައްދުތައް ރިވިއުކުރުމަށް  މިދައުރުގެ ކައުންސިލުން ނިންމުމާއި ގުޅިގެންނެވެ.

ކައުންސިލްގެ 4 ވަނަ ދައުރުގެ މައިގަނޑު ވިސްނުމަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި މިފަދަ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުން މަނާކުރުމެވެ. ނަމަވެސް، މަސައްކަތްތަކަށް ކަނޑައަޅައި އިޢުލާންކުރި ބައެއް ބިންތައް، ރަށުން އަލަށް ގޯތި ދޫކުރި ސަރަހައްދާ ކައިރި  ކަމަށްބުނެ ބައެއް އާންމުން  ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރަށުގެ އާންމު ތަންތަނުގައި މިފަދަ މަސައްކަތްތައް ކުރުމަކީ ރަށުގެ ރައްޔިތުންގެ ބޮޑު ޝަކުވާއެއް އޮތް ކަމެކެވެ. އަދި މިހާތަނަށް އައި އެއްވެސް ދައުރެއްގެ ކައުންސިލަކަށް މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެވިފައެއް ނުވެއެވެ.