އެހިނދު އައިޝަމް އަށް އައިރީންގެ އަތުގައި އަނގޮޓި އަޅުވަން އުނދަގޫ ވާވަރަށް އަޑުގަދަވި އެވެ. ނަމަވެސް އައިޝަމްގެ ހުޝިޔާރުކަމުން އެކަން ނިންމާލި އެވެ. އެއާއެކު އަނގޮޓިންވެސް ރެނދަން ކެނޑެމުން ދިޔައެވެ. ސުނާމީ ބިނާއިން ފޭދިގެން ރެނދަން ކެނޑެމުން އަނގޮޓި އާ ހަމައަށް ހިމަ ރޮނގެއްގެ ގޮތުގައި ގުޅިފައި ހުއްޓެވެ.
އައިރީން އާއި އައިޝަމް ވަށައިގެން ކުކުޅުބިސް ބުރަކަށް ވާގޮތަށްއެތެރެ ފެންނަ ޒާތަށްވާހުދު ނޫކުލައިގެ ފަށަލައަކުން ސަލާމަތް ތެރިކަން ލެވުނީ އަނގޮޓި އައިރީންގެ އިނގިލީ އެޅުވުމުންނެވެ. އެ ފަށަލަ ނުވާ ނަމަ އެބިނާގެ ދަގަނޑު ބޯޅަތަކުގައި ވިރިކެކެމުން ތިރިއަށް ފައިބަމުންދިޔަހުދު ނޫކުލައިގެ އަލިފާންގަނޑުގެ ހޫނުން އެމީހުން އަންދާލީސް ކަން ކަށަވަރެވެ.
އައިޝަމް އާއި އައިރީންގެ ފާރަވެރިއަކަށް ހުރި ފަރުހާންނަށް ސުނާމީ ބިނާގައި ހިނގަމުންދާ އާދަޔާ ޚިލާފުކަންކަމުގެ އެއްވެސް ހިލަމެއް ނުވެ އެވެ. އެހެންމެ މުޅިމާހައުލުގައި ހިނގަމުންދާ ކަންތައް ކައިރީ ހުރި އައިރީންނަށް ވެސް ތަސައްވަރު ނުކުރެވެ އެވެ. އެނާއަށް ކުރެވެނީ މުޅިން އެހެން އިޙްސާސެކެވެ. އޭނާގެ މަރާލެވިފައިވާ ދެލޮލުން ސިކުނޑިއަށް ސިފަވަމުންދިޔައީ އެހެން ދުނިޔެއެކެވެ. މި ޢާލަމުގައި އޭނާގެ ޖިސްމުވީ ކަމުގައި ވީނަމަވެސް އޭނާގެ އިޙްސާސްތަކާއި އެނާގެ ވިސްނުން އުޅެނީ މާދުރުގައިވާ ދުނިޔެ އެއްގައެވެ. އޭނާގެ ސިކުނޑީގައި ތަމްސީލުވަމުންދިޔައީ މަޑުނޫކުލައިން ފަނޑުވެފައިވާ ފަދަ ފިލްމީ މަންޒަރުތަކެކެވެ. އައިޝަމްގެ ހަޔާތުގެ ފަސާނާ އެވެ. އޭނާގެ ދިރިއުޅުމުގެ ނުފެނި އޮތް ބާބެވެ.
*** *** ***
“ޝަމް މިފަހަރު ނުދަންޏާ އަހަރުމެންވެސް ނުދާނަން” ހިމޭޝް ވާހަކަދައްކަމުން ދިޔައީ ދަރުމަވަންތަ ސްކޫލުގެ ގޯތިތެރޭގައި ހުރި ގޮނޑިތަކުގައި އިށީނދެ ތިބި އެމީހުންގެ ގުރޫޕާ އެއްބައިވުމުގެ ގޮތުންނެވެ.
“ހިމޭ މެން ދޭބަ. އަހަރެން ހަމަ އެއްގޮތަކަށްވެސް ދާހިތެއްނެތް” އައިޝަމް ހިމޭޝްގެ މޫނަށް ބަލާލަމުން ފަރުވާކުޑަ ރާގެއްގައި ބުނެލި އެވެ.
“ޝަމް ނުދަން ތި އުޅެނީ ކީއްވެ؟” ފަރުޙާނަކަށް މަޑަކުން ނީނދެވުނެވެ.
“ސަބަބަކީ… ހޫނ” ފުންނޭވާއެއް ދޫކޮށްލި އެވެ. އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައީ އެމީހުންގެ ގުރޫޕުގައި ހިމެނޭ އަނެއް ތިން ކުދިންގެ ސަމާލުކަން އައިޝަމްއަށް ހުއްޓާލާފައި ވާތީ އެވެ.
“ސަބަބަކީ… ސަބަބަކީ…” އައިޝަމް ހުއްޓުން އެރި އެވެ. އެއާއެކު ފަރުހާން އާއި ހިމޭޝް އަދި ހަނީފުގެ ސަމާލުކަން އިންތިހާއަށް ދިޔަކަން އައިޝަމް ދެނެގަތެވެ.
“ސަބަބަކީ ތި މީހުން ކިޔާވަރެއް ބަލާލަން ހައްހައް ހައްހައް” އެއާ އެކު އައިޝަމްގެ ސީރިއަސްކަން ވެރިވެފައިވާ މޫނުމައްޗަށް ސަކަރާތާ ހުނުމުގެ ސިފަތައް ޖަމާވި އެވެ. ކުޑަވަމުން ކަނިވަމުން ދިޔަ ލޯ ހުޅުވުނެވެ. މަޑުމައިތިރި ކަމާ މައުސޫމުކަމުން ފުރިގެންވި މޫނުމައްޗަށް ލާނެއްކަމުގެ ކުލަވަރު ޖަމާވި އެވެ. އެންމެންގެ ސަމާލުކަން ހޯދާ އެ ގުރޫޕަށް ލަނޑެއް ދެވުނީތީ މަޖާ ކުރަންފެށި އެވެ.
“ތި ކަޑައޭ ޝަމް… އަހަރުން ވަރަށް ކަޑަވެއްޖެ… ހުރޭ ތީގެ ބަދަލު ހިފާނަން… ވިސްނައިގެން އުޅޭތި އޯކޭ…” ހިމޭޝް ދެރަވާގޮތް ދައްކާލަމުން ކޮޅަށް ތެދުވި އެވެ.
“ދާންވީތަ؟” ހަނީފުވެސް ތެދުވި އެވެ.
“އާން އަދި އެބަޖެހޭ ދޯނި ސެޓްކޮށް ދަތުރުގެ ކެއުން ހަމައަކަށް އަޅުވާލަން… މީނދަ ތުއި އަންހެނާޔާ ހުރެ ހުރިހާ ވަގުތެއް ވޭސްޓަށް މި ދިޔައީ… ދެންވެސް ތެދުވަން އުޅޭ” ފަރުހާންގެ އަތުގައި ހިފާ ނަގަމުން ހިމޭޝް އައިޝަމްއަށް ކުދި ކިޔަމުން ދިޔަ އެވެ.
“މި ފަހަރު މި ގޮލަޔަށް ކަމެއް ހަވާލުކުރަން ޖެހޭނެ… އަހަރުމެން ލައްވާ އާދޭސް ކުރުވާފަ އަދި އެބަ އިނެއްނު ފާޑަކަށް ހެވިފަ… އަހަރުމެން ކަޑަކޮށްފަ…” ފަރުހާން ހިމޭޝްއަށް ޚިޔާލެއް ދިނެވެ.
“ތީތި ސަޅި އޭ” ހަނީފު ތާއިދުކޮށްލި އެވެ.
“ޔާ… މިގޮލާއަށް ކެއުން ހަމަ ޖައްސަން ހަވާލުކުރަމާ… އެހެންވީމާ މިފަހަރުގެ ދަތުރުގަ ބައިވެރިވާ ވިހި ކުދިންގެ ކެއުމުގެ ހުރިހާ ކަމަކާ ޝަމް ހަވާލުވަންވީ… އޯކޭ… ނޯ އެކްސް ކިއުޒު މިފަހަރު” ހިމޭޝް އައިޝަމްގެ ބޮލުގައި ޒިންމާއެއް އެޅުވި އެވެ.
“އޭ ކައޭމެން ހާދަ ހެއްވައޭދޯ” އައިޝަމް ދެކޮޅު ހެދޭތޯ ބެލި އެވެ.
“އަހަރުންދޯ ހެއްވައީ. ޝަމް އަމިއްލައަށް ބުއި ބޮނޑިއެއްދޯތީ… އަހަރުންނަށް ދިން ލަނޑުގެ ބަދަލުތީ” ފަރުހާން ހިނިގަނޑެއް ޖަހާލަމުން ބުނެލި އެވެ.
“މައްސައެއްނެތް ހުރިހާ ކަމަކާ މަ ހަވާލު. ކައޭމެން އެއްވެސް ކަމެއް ކުރާނެ ކަމެއް ނެތް. ފަތިހު ތައްޔާރުވެގެން ޓީ ޖެޓީއަށް ނިކުމޭ… ގަޑިއަށް ނުނިކުންނަ މީހަކަށް ހުރިހާ ބިލެއް ހަވާލުކުރާނަން” އައިޝަމް ދަތުރުގެ ހުރިހާ ކަމެއްގެ ޒިންމާ ނަގަމުން ގުރޫޕުގެ އެންމެނަށް ގޮންޖަހާލި އެވެ.
“ގަދަ އިނގޭ. ދަތުރު ކަޑަކޮށްފިއްޔާ ކައޭއަށް ހޭދައްކާލާނަން” ހިމޭޝް ބޯތަޅުވާލަމުން ފަރުހާނަށް ނިތްއަރުވާލި އެވެ.
“ސޯ… އަހަރުން ކިހިނެއްވާންވީ ހިމޭ” ފަރުހާން އަހާލި އެވެ.
“ކައޭމެން ގެއަށް ގޮސް ނިދާ. ހުރިހާ ކަމަކާ އެބޭޅާ ހަވާލުވީނު އަމިއްލައަށް… އިޓްސް އީޒީ ފޯ އަސްދޯ” ހިމޭޝް ކަނާތު ލޮލުން ހަނީފަށް އިޝާރާތްކޮށްލި އެވެ.
“އޯކްސް ހިނގާ ކޮފީއަށް… ޝަމް ދާނަންތަ؟” ފަރުހާން އިސްވެ ހުށަހެޅި އެވެ.
“ކާކު ދެނީ” އައިޝަމް އަހާލި އެވެ.
“ބަލަ ދޭން ބޭނުން މީހާ ދޯ ބުނާނީ… ދޯ ހަނިޗް” ފަރުހާން ގަދަކޮށްލި އެވެ.
“އޯކޭ މޭރީ ބްރައުންނަށް ދާނީ” އައިޝަމް ހިނިގަނޑެއް ޖަހާލި އެވެ.
“އޯކޭ މަ ކަޑައެއް ނުވާނެ ބްރޯ” ގްރޫޕުގެ ކުރިއަށްހުރެ ނުކުންނަމުން ފަރުހާން ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
“ކައޭ ކޮފީއަށް ދިޔައީމަ ހުރިހާ ކަމެއް ސެޓްވާނެތަ؟” ގުރޫޕުގެ ފަހަތުގައި ހުރި ހަފީނު ވާހަކަދެއްކީ އައިޝަމްއާ އެވެ.
“ކައެ ހާސް ކަނޑާޔަބަ؟” ހިމޭޝް އައިޝަމްއާ އެއްބައިވެލުމަށް ތައްޔާރުވި އެވެ.
“ދީބަ ހިމޭ ފޯނު. މަ ފޯނުގެ ބެޓްރީ ފްލެޓްވެއްޖެ. މަމް އަށް އަންގާލަން ޖެހޭނެ. ތިކަން ސެޓްކޮށްލަން” ހިމޭޝްގެ ފޯނަށް އެދި އައިޝަމް އަތްދިއްކޮށްލި އެވެ.
އެވަގުތު ސްކޫލުގެ ބޮޑު ދޮރާށިން އެތެރެއަށް ވަންނަށް އައި ސްކޫލުގެ ޕްރިންސިޕަލްއާ އެގުރޫޕާބައްދަލުވި އެވެ.
“އައްސަލާމް އަލައިކުމް ސަރ” ހިމޭޝް އިސްނަގާ ސަލާމް ގޮވާލި އެވެ.
“ކޮބާ މިހާރު ދަތުރުގެ ކަންތައް ހަމަ ޖެހުނީތަ؟” ޕްރިންސިޕަލް ރާމިޒު ސުވާލު އަމާޒު ކުރީ މުޅި ގުރޫޕަށެވެ.
“ޔޭސް ސަރ” އެންމެ އެއްފަހަރާ ޖަވާބު ދިނެވެ.
“ތި ކުދިން ދިޔައީމަ އަންނަ އަހަރު މުޅި ސްކޫލު ވަރަށް ފަޅުވާނެ. ސަރ މެން ވަރަށް ބޭނުން ތި ކުދިން އަބަދުވެސް ސްކޫލުގަ ގެންގުޅެން. ތިޔައީ ވަރަށް ޚިދުމަތްތެރި ކުދިންކޮޅެއް. ސްކޫލު ނިމުނަސް ސްކޫލު ދެކެ ލޯބިވާން ވާނެ. މިތަނަށް އަންނަންވާނެ” ރާމިޒު އާއްމުކޮށް އެކުދިންނާ ދައްކާ ވާހަކަތައް ތަކުރާރުކޮށްލި އެވެ.
“ސަރ އަޅުގަނޑުމެން މި ސްކޫލު ދެކެ ލޯބިވާކަން ސަރ އަށް ވުރެ ބޮޑަށް އެނގޭނެ މީހަކު ނުހުންނާނެ. މި ދަތުރުގެ ބޭނުމަކީވެސް މި ފަހަރު ސްކޫލު ނިންމި ކުދިންގެ ތެރެއިން އެންމެ ހައި މާކުސް ހޯދި ކުދިންގެ ފަރާތުން ސްކޫލަށް ކޮށްދެވޭނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ސްކޫލުގެ އިސްދަރިވަރުންގެ ޔޫނިއަންނެއް އުފެއްދުމަށް އެންމެން މަޝްވަރާކުރުމަށް ގެދަރިންގ އެއް ހެދުން. ސަރ އަށް ދަތުރު ދެވޭ ނަމަ ވަރަށް ރަނގަޅުވީސް އެކަމަކު” ހިމޭޝް ގުރޫޕުގެ ޚިޔާލުތައް ޕްރިންސިޕަލް އަށް ހިއްސާކުރަމުން ދިޔަ އެވެ.
“ސަރ ވެސް ވަރަށް ބައިވެރިވަން ބޭނުން… އެކަމަކު މިފަހަރު… އޯކޭ ތި ކުދިން ކުރިއަށް ގެންދޭ… ސަރ ވަރަށް އުފާވެއްޖެ… ދެން ދިޔައީ” ރާމިޒު އޮފީހަށް މިސްރާބު ދީލާލި އެވެ. އެއާއެކު އެ ގުރޫޕުވެސް ބޭރަށް ނިކުތުމަށް މިސްރާބު ޖެހިއެވެ.
“އޭ ދާނެކަމެއް ނެތް. އަދި އެއްފަހަރު ޑާންސްކޮށްލަން އާދެބަ” ފަރުހާނު ވާހަކަދައްކަމުން ދިޔައީ އައިޝަމް އާ ހިމޭޝް އެމީހުން ދޫކޮށްފައި ދާތީއެވެ.
“އެބަ އަންނަން އަރޖަންޓް ކަމަކު މިދަނީ ދޯ ހިމޭ… ތި މީހުން ކުރިއަށް ގެންދޭ” ދަތުރުގެ ބައިވެރިވެ ބެރު ޖަހަމުންދިޔަ ގުރޫޕު ގަނޑުގެ ތެރެއިން ނިކުންނަމުން، އައިޝަމްގެ ކަނާތް މުށްކަވަމުން ކުޑަވައިއިނގިލި މައްޗަށް ހިއްލާލަމުން ފަރުހާނަށް ޖަވާބު ދިނެވެ. އެއާއެކު އެމީހުން މިސްރާބު ޖެހީ ކުޑަބަނޑޮހުގެ އަނެއް ފަޅިއަށެވެ. ފާޚާނާތަކާ ދިމާއަށެވެ.
“ހިމޭ އަހަންނަށް ވަރަށް އާދަޔާ ޚިލާފު ކަންތައްތަކެއް…” ފާޚާނާތަކާ ދިމާއަށް ދިޔުމަށް މިސްރާބު ދީލާލަމުން އައިޝަމް ބުނެލި އެވެ.
“ފާޚާނާ ނިންމާފަ ހިނގާ އެ ސައިޑުގަ ޖައްސާފަ ޝެއަރ ކޮށްލަން ދޯ” ހިނދުކޮޅެއްގެ ތެރޭގައި އެމީހުންނަށް ފާޚާނާއާ ހަމައަށް ދެވިއްޖެ އެވެ.
“އޯކޭ” އައިޝަމް ފާޚާނާއަށް ވަނުމުން ހިމޭޝް ބޭރުގައި މަޑުކޮށްލި އެވެ. ދަތުރު އައިސްގެން އުޅޭ ގުރޫޕުތަކަށް ނަޒަރު ހިންގާލި އެވެ. އެވެރިންގެ ހޯބޯލެވުމުގެ އަޑުން މުޅި މާހައުލުވަނީ ގުގުމާފަ އެވެ. ބެރުޖެހުމާއި ފައިގަތަޅާ ކުޅުމުގައި ދެޖިންސުގެ ޒުވާނުން ހޭލަމޭލައަށް އުޅެމުން ދިޔަ އެވެ. ތަންކޮޅެއް ކައިރީގައިވާ ގަހެއްގެ ހިޔަލުގައި ދެއަހަރަށްދާ ދެތިން ތުއްތުކުދިންގެ ގުރޫޕަކާ އެކު ދެވަން ފުރައިގެ އަންހެނަކާ ފިރިހެނަކު ދޮން ވެއްޔާކުޅެން ތިބިތަން ފެނި ހިމޭޝްގާތަށް ފާޑަކަށް ހިނިވެސް އައެވެ. އޭނާގެ މާޒީ އެކަމާ ގުޅުވަމުންނެވެ. އެ ދުވަސްވަރުގެ އުފާވެރިކަން ވެރިވުމުންނެވެ. އާއިލީ ލޯބީގެ އިޙްސާސް ކުރުވުމުންނެވެ. ދުރަށް ނަޒަރު ހިންގާލި އެވެ. އެހިނދު ހިމޭޝްގެ ނަޒަރު ހުއްޓުނީ އެކަހެރިކޮށް ހުރި ގަހެއްގެ ހިޔަލުގައި ތަތްވެގަނެގެން ނިވާކަން ކުޑަގޮތަކަށް ތުންގުޅުވައިގެން ތިބި ޒުވާން ޖޯޑަކަށެވެ.
= ނުނިމޭ =