ކުދިންނަށް ޖެހިދާނެ ބަލިތަކުންނާއި ކުރިމަތިވެދާނެ ނުރައްކާތެރިކަމުން ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު އެޅިފައިވާ ބަޔަކީ މައިންބަފައިން ކަމުގައި މިއަދުގެހުކުރުހުތުބާގައިބުނެފިއެވެ.
މިއަދުގެހުކުރުހުތުބ ބިނާވެފައިއޮތީ ދަރިންގެ ޞިއްޙަތަށް ރައްކައުތެރިވުމުގެމައްޗަށެވެ.
ކުޑަކުދިންނަކީ އެކުދިންގެ ޢުމުރުގެ ޅަފަތުގައި އެކުދިންނާ ކުރިމަތިވާ ކަންތައްތަކުގެ ނުރައްކާތެރިކަން ދެނެގަންނަން އެނގޭނެ ބައެއް ނޫން ކަމަށާއި އެކުދިންނަކީ އެނުރައްކާތަކުން އެކުދިންގެ ނަފުސުތައް ޙިމާޔަތް ކުރުމުގެ ބާރު ލިބިގެންވާ ބައެއް ނޫން ކަމަށް މިއަދުގެހުތުބާގައިބުނެފައިވެއެވެ. ކުޑަކުދިންނަށް ޖެހިދާނެ ބަލިތަކުންނާއި ކުރިމަތިވެދާނެ ނުރައްކާތެރިކަމުން އެކުދިންގެ ޙަޔާތް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު މައިންބަފައިންގެ ބޮލުގައި އިސްލާމްދީން އަޅުވާފައި ވަނީ މިހެންވެގެންކަމަށާއި މިމަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެބައިމީހުންގެ ދަރިންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމާއި ބޭނުންތައް ފުއްދައި ދިނުމަކީ މައިންބަފައިންނަށް އަދާކުރަން ޖެހިފައިވާ ވާޖިބެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
އެކަންތައް ކުރެވޭނީ އެކުދިންނަށް އެކަށީގެންވާ ރަނގަޅު ކާނާ ދީގެންނާއި ހުރިހާ ބަލިތަކަކުން އެކުދިން ރައްކައުތެރިކޮށްދިނުމަށް މަސައްކަތްކޮށްދިނުމާއި އެކު އެކުދިންނަށް ގެއްލުމެއް ލިބިދާނެ ކޮންމެ ބައްޔަކުން އެކުދިން ދިފާޢުކުރުމަށް އެހީވެދީގެން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ. ކުޑަކުއްޖާއަށް އޭނާގެ ޅަފަތުގައި ކުރިމަތި ވެދާނެ އެއް ނުރައްކަލަކީ އެކުއްޖާގެ ޙަޔާތް ބަރުބާދުކޮށް ހަލާކުކޮށްލާ، ހިމަބިއްސާއި، ރުބެއްލާ ފަދަ ގައިންގަޔަށް އަރާ ބައެއް ބަލިތައް ކަމަށާއި މިފަދަ ބަލިތަކަކީ ކުޑަކުދިންނަށް ހަމަލަދީ އެކުދިން ނުކުޅެދޭ ބަޔަކަށް ހަދާފާނެ ބަލިތަކެއް ކަން ފާހަގަ ކުރުމާއި އެކު މިއިން ބައްޔެއްގެ ސަބަބުން ނުކުޅެދޭ މީހަކަށް އެއިން ކުއްޖަކު ވެއްޖެނަމަ މިކަމުގެ ހިތާމަ މުޅި ޙަޔާތުގައި އެކުއްޖާއަށާއި އެކުއްޖާގެ މައިންބަފައިންނަށް އުފުލަން ޖެހޭނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
އިސްލާމް ދީނުގައި ދަރިން ޙިމާޔަތް ކުރުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އަންގަވާފައިވާ ކަމަށާއި މިފަދަ މަސްއަލަތަކުގައި ފަރުވާކުޑަ ނުކުރުމަށް ދީން އިންޒާރުކޮށް ނަޞޭޙަތް ދީފައިވާ ކަން ފާހަގަ ކުރެއްވުމާއި އެކު މިއަދުގެ ހުތުބާގައި ވަނީ ކުޑަކުދިންނަށް ޖެހިދާނެ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިނާއި އިންޖެކްޝަންތަކާއި އެހެނިހެން ޞިއްހީ ފަރުވާތަށް އެކުދިންނަށް ލިބިދިނުމަށްޓަކައި މައިންބަފައިންގެ މައްޗަށް ހުރީ އެކުދިން ގޮވައިގެން ޞިއްޙީ މަރުކަޒުތަކަށާއި ހަސްފަތާލުތަކަށް އެކުދިން ގޮވައިގެން ކަނޑައެޅިފައިވާ ވަގުތުތަކުގައި ކަންޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދިއުންކަމަށް ބުނެފައެވެ.