ޝަރުއީ ހަމަތަކާ އެއްގޮތަށް ކުރެވޭ ކައިވެނި ކުރަން ޖެހޭނީ ވީހާވެސް ގިނަބަޔަކަށް އެނގޭނެހެން ފާޅުކަން ބޮޑުގޮތެއްގައި ކަމަށާއި ކައިވެނި ކުރުމަށްފަހު ވަލީމާ ދިނުން ޝަރުއުކުރައްވާފައި ވަނީވެސް އެސަބަބަށްޓަކައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ހުކުރުނަމާދުގެ ކުރިން ދިން ހުތުބާގައި ވިދާޅުވެފައިވާ ގޮތުގައި ކައިވެނި ކުރުމަށްޓަކައި އިސްލާމްދީނުގައި ވަކި ހަމަތަކަކާއި އުސޫލުތަކެއް ވާކަމަށާއި އެކަންކަމަށް ޤާނޫނާއި ޤަވާއިދު ތަކެއް ހެދިފައިވާކަމަށެވެ. ކޯޓުން ބޭރުގައި ކުރެވޭ ކައިވެނިން ލިބޭ ކުދިންގެ ގިނަގުނަ ހައްގުތަކެއް ގެއްލިގެންދާކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވެފައި ވަނީ އެހައްގުތައް ހޯދާދެވޭނެ އެއްވެސް މަގެއް ނޯންނަ ކަމަށާއި އެއީ ސައްހަ ދަރިއެއް ކަމުގެ އެއްވެސް ލިޔުމެއް އަދި ހެއްކެއްވެސް ނޯންނަ ކަމަށެވެ.
ހެދިފައިވާ ގާނޫނުތަކާއި އުސޫލުތަކަށް ނުފެތޭގޮތަށް ސިއްރުން ކައިވެނީގެ ނަމުގައި ގުޅޭގުޅުމަކީ ޤާނޫނާ ހިލާފު، އިސްލާމީ ޝަރީއަތާވެސް ބީރައްޓެހި އަމަލެއްކަން ފާހަގަކުރައްވަމުން އެފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ހުތުބާގައި ފާހަގަ ކުރައްވާފައި ވެއެވެ. އެފަދަ ނުރައްކާތެރި ވިސްނުމުގެ މީހުން ދެކޭގޮތުގައި އަންހެން ދަރިންނަށް ކިޔަވައިދިނުމާއި ވެކުސިން ދިނުން ހުއްދަނުވާނެ ކަމަށް ބުނާއިރު އަންހެން ކުދިން ބަލިވުމުން ދައްކަން ބޭނުންވަނީ އަންހެން ޑޮކުޓަރުންނަށް ފާހަގަ ކުރައްވާ، އަންހެނުން ކުދިންނަށް ކިޔަވާނުދޭކަމަށް ވަނީނަމަ އަންހެން ޑޮކްޓަރުންނާއި އަންހެން ޓީޗަރުންނާއި ތަފާތު ފަންނުތަކުގެ ހުނަރުވެރި އަންހެން ކަނބަލުން ހޯދާނީ ކޮންތާކުންތޯ ހުތުބާގައި ސުވާލު އުފައްދާފައި ވެއެވެ.