ހއ. އުލިގަން ޔޮޓު ބަނދަރާއި ގުޅުންހުރި ނިންމުންތަކެއްގައި އުލިގަން ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައްޔިތުންނާ ބައްދަލުކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
އުލިގަން ކައުންސިލުން ބުނެފައިވަނީ ހއ. އުލިގަމުން ޔޮޓު ބަނދަރެއް ޓޫރިސްޓު ހޮޓަލަކާއެކު ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލެވުނު ބީލަމަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ އެބީލަން އަލުން ހުޅުވާލެވުމުގެ މަސައްކަތް މިނިސްޓުރީ އޮފް ޓޫރިޒަމް އިން ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެކައުންސިލުން ބުނެފައިވަނީ މިރޭ 8:30 ގައި ބާއްވާ ބައްދަލުބުމަކީ ޔޮޓު ބަނދަރުގެ މަސައްކަތަށް ދެވަނަ ފަހަރަށް ބީލަން ހުޅުވާލެވޭއިރު ސިޓީ ހޮޓާ ހިންގާނެ ބިމާއި އެއްކޮށް ދޫކުރާނެ ފަޅުގެ ސަރަހައްދުވެސް ފާހަގަ ކުރަން ނިންމާފައިވާތީ، ސިޓީހޮޓަލާއެކު ދޫކުރާނެ ފަޅުގެ ސަރަހައްދާއި ޔޮޓު ބަނދަރު ހެދުމަށް ދޫކުރާނެ ފަޅުގެ ސަރަހައްދު ކަނޑައެޅުމަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ކަމަށެވެ.
އުލިގަން ކައުންސިލްގެ ފަރާތުން ރައްޔިތުންނާ ބައްދަލުކުރުން އޮންނާނީ މިރޭ 8:30 ގައި އެރަށު އިޖުތިމާއީ ހިޔާ ހޯލުގައެވެ.