އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ޝަމްވީލް އާއި ޖަޒުވާ

ޢަބުދުﷲ ޙަމީދު

މިދިޔަ އަހަރު އިހަވަންދޫ ސްކޫލްގެ ހުރިހައި ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމަށް ހއ. އިހަވަންދޫ، ރިވަރ  މުހައްމަދު ޝަމްވީލް އާއި ހއ. އިހަވަންދޫ، އައިރިސް އައިޝަތު ޖަޒުވާ ހޮވައިފިއެވެ.

މުހައްމަދު ޝަމްވީލް ހުރިހައި ގޮތަކުން އެންމެ މޮޅު ދަރިވަރަށް ހޮވިފައިވަނީ ޘާނަވީ ބައިންނެވެ. މަތީ ޘާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކީ އައިޝަތު ޖަޒުވާ އެވެ.

ޘާނަވީ ސުކޫލް ނިންމާ އިމްތިހާނުތަކުން މުހައްމަދު ޝަމްވީލް ވަނީ މުޅިރާއްޖެއިން 3 ވަނަ ޙާޞިލްކޮށްފައެވެ.

މަތީ ސާނަވީ މަރުޙަލާ ނިންމާ 2017 ވަނަ އަހަރު އޭލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ދިވެހިރާއްޖޭގެ ގަދަ ދިހައެއްގެ ދިހަވަނަ މަގާމު ޖަޒްވާ ވަނީ ހާސިލުކޮށްފައެވެ.

ޖަޒްވާ ފާހަގަވެގެން ގޮސްފައިވަނީ އަދަބީ ދާއިރާގެ ފުންނާބު އުސް ދަރިވަރެއްގެ ގޮތުގައެވެ. 2015 ވަނަ އަހަރު، ދިވެހިބަހުގެ އެކަޑަމީގެ ފަރާތުން ކުރިއަށް ގެންދިޔަ މަޒުމޫނު 32 ވަނަ ޤައުމީ މުބާރާތުން 16 އަހަރާއި 21 އަހަރާއި ދެމެދުގެ އުމުރު ފުރައިން 2 ވަނަ ހާސިލުކޮށްފައިވެއެވެ.  2016 ވަނަ އަހަރު ބޭއްވުނު ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުން 16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއިން 3 ވަނަ ޖަޒުވާ އަށް ލިބިފައިވއެވެ.

މަތީ ސާނަވީ ބައިން އެންމެ މޮޅު ދަރިވަރަށް ހޮވުނު ޢާއިޝަތު ޖަޒުވާގެ މަންމަ އެވޯޑާ ހަވާލުަނީ..

2016 ވަނަ އަހަރު އިހަވަންދޫ ސްކޫލްގެ ތަޢުލީމީ ގޮތުން، އެންމެ ރަނގަޅު ސްކައުޓަކަށް ހޮވާފައިވަނީ ހއ. އިހަވަންދޫ، ޖަނަވަރީމާގެ އައިމިނަތު ޒަހާ ޒާހިރު އެވެ.

2016 ވަނަ އަހަރު ހުރިހާގޮތަކުން އެންމެ ރަނގަޅު ސްކައުޓަށް،(ބެސްޓް އޯލް ރައުންޑް ސްކައުޓް) ހޮވާފައިވަނީ ހއ. އިހަވަންދޫ އާޒާދީބަހާރު، ހުސައިން ފަޔާޒް އެވެ.

2016 ވަނަ އަހަރު ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ކެޑޭޓަކަށް ހޮވާފައިވަނީ ހއ. އިހަވަންދޫ ޔުރެނަސް، އާމިނަތު އަރީޝާ އެވެ.

2016 ވަނަ އަހަރު ހުރިހާގޮތަކުން އެންމެ ރަނގަޅު ކެޑޭޓަކަށް (ބެސްޓް އޯލް ރައުންޑް ކެޑޭޓް) ހޮވާފައިވަނީ ހއ. އިހަވަންދޫ މާހިރީމަންޒިލް، އަހްމަދު ހިޝާމް އެވެ.

ހުކުރު ވިލޭ ރޭ އިހަވަންދޫ ސްކޫލްގައި ބޭއްވި އެސްކޫލްގެ މިދިޔަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ ސިވިލްސަރވިސް ކޮމިޝަންގެ ރައީސް ޑރ ޢަލީ ޝަމީމް އެވެ.