މާލެއިން މާފުއްޓަށް ދިޔަ ލޯންޗަކުން ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅޭ ކަމަށް ތުހުމަތުކުރެވިގެން، މާފުށީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި މާފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ޕޮލިސް ކޮންސްޓަބަލް ހއ އިހަވަންދޫ، މާވިލާގޭ ޢަލީ ރައްޒާންގެ ހާލު މިހާރު ރަނގަޅުކަމަށް އޭނާގެ އާއިލާގެ ފަރާތުން މިނޫހާއި ވާހަކަދެއްކި މީހަކު ބުނެފިއެވެ. އޭނާ އިތުރަށް ބުނިގޮތުގައި އަލީ ރައްޒާނަށް އަދިވެސް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ކަމަށާއި މިއަދު އޮޕަރޭޝަނެއްވެސް ކޮށްފައިވާކަމަށެވެ.
ފުލުހުން އާނމުކޮށްފައިވާ ބަޔާނެއްގައި ވާގޮތުން ރައްޒާނަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ މާފުއްޓަށް އައި ލޯންޗުން އައި މީހަކު މޫދަށް ފުންމާލައިގެން މާފުއްޓަށް އަރަން މަސައްކަތްކުރަނިކޮށް އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް އެހެން ފުލުހުންނާއެކު މަސައްކަތްކުރަމުން ދަނިކޮށެވެ. އަދި އޭނާއަށްދިން ހަމަލާ އަމާޒުވެފައިވަނީ އޭނާގެ ކުރިމަތިން ވައަތު ކޮނޑާ މެއާ ދޭތެރެއަށެވެ. މި މައްސަލައާއި ގުޅިގެން ރައްޒާނަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މީހާއާއި މާލެއިން މާފުއްޓަށް އައި ލޯންޗުގެ ކެޕްޓަނާއި އެ ލޯންޗުގައި އެވަގުތު ތިބި އިތުރު ދެ މީހަކު، ޖުމްލަ 4 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފްވަނީ އައިޖީއެމް ހޮސްޕިޓަލަށް ދުރުވެ އަލީ ރައްޒާންގެ ހާލު ބައްލަވާލައްވާފައެވެ. އަލީ ރައްޒާން ފުލުހުންގެ ހިދުމަތާ ގުޅުނީ މިއަހަރުއެވެ.