44 ވަނަ އަންހެން ވޮލީ ބޯޅަ މުބާރާތް މާދަމާ ހަވީރު 4:00 ގައި އިހަވަންދޫގައި ފެށިގެން ދާނެކަމަށް، މިއަހަރުގެ މިމުބާރާތް ވޮލީބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް އާއި ގުޅިގެން އިންތިޒާމުކުރާ ކުލަބު ޕޯލްސްޓާރ އިން މަޢުލޫމާތު ދީފިއެވެ. އިހަވަންދޫ.ކޮމް އަށް އެކްސް ކުލޫސިވްކޮން، ދެއްވި އިންޓަރވިއު އެއްގައި ކުލަބް ޕޯލްސްޓާރގެ މިދައުރުގެ ނައިބްރައިސް އަލްފާޟިލް މުޙައްމަދު ސުޖާއު ހާމަކޮށްފައިވާ ގޮތުގައި، މާދަމާގެ ހަވީރު މިމުބާރާތް ފެށިގެން ދާއިރު މުބާރާތުގެ މެޗުތަށް ހަވީރާއި ރޭގަނޑުވެސް ކުރިއަށް ދާނެއެވެ.
މިއަހަރުގެ ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތް އިހަވަންދޫގައި ބޭއްވާގޮތަށް ހަމަޖެހިފައިވަނީ، އެމުބާރާތުގެ އެންމެހާ އިންތިޒާމުތަށް އިހަވަންދޫ ކުލަބު ޕޯލްސްޓާރއިން ކުރިއަށް ގެންދާ ގޮތަށެވެ.
“ގާތްގަނޑަކަށް 2 ލައްކައާ ގާތްކުރާ އަދަދަކަށް، މުބާރާތުގެ އިންތިޒާމުތައް ކުރުމަށް ޚަރަދުކުރުމަށް މިވަނީ ނިންމާފަ.” ޕޯލްސްޓާރގެ މިދައުރުގެ ނައިބްރައީސްގެ އިންޓާރ ވިއުގައި ފާހަގަކުރެއްވިއެވެ.
މުބާރާތުގެ އެންމެހާ އިންތިޒާމުތައް މިހާރުވެސް ކުރިއަށް ދާކަމަށާއި، މުބާރާތަށް ފަރިތަކުރުންތައްވެސް މިހާރުވެސް ކުރިއަށް ދާކަމަށް ކުލަބުޕޯލްސްޓާރއިން މައުލޫމާތު ދެއްވައެވެ. މާދަމާ ހަވީރު މުބާރާތުގެ ފުރަތަމަ މެޗް ކުޅެވޭނެ ކަމަށާއި، ނަމަވެސް، މުބާރާތް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ރޭ 8:00 ގައި ކަމަށް މުބާރާތުގެ ކަންތައްތައް އިންތިޒާމުކުރުމުގައި ޚަރަކާތްތެރިވާ، ކުލަބް ޕޯލްސްޓާރގެ މިދައުރުގެ ސެކެރަޓަރީ އަލްފާޟިލް މޫސާ ޢަބްދުލް ޙަފީޒް މަޢުލޫމާތު ދެއްވިއެވެ.
މިފަހަރުގެ މިމުބާރާތް އިހަވަންދޫގައި ކުރިއަށް މިގެންދެވެނީ، އެސޯސިއޭޝަނުން ހުޅުވާލި ފުރުސަތެއްގައި، އިހަވަންދޫ ކުލަބް ޕޯލްސްޓާރ އިން ޕްރޮޕޯސަލް ހުށައަޅައި އެކަން ކާމިޔާބު ކޮށްގެން ކަމަށާއި، ނަމަވެސް މިމުބާރާތުގެ އެންމެހާ ކަންތައްތައް އިންތިޒާމުކުރުމާއި އެހެނިހެން ކަންތައްތަކުގައި، ކުލަބު ޕޯލްސްޓާރގެ މެމްބަރުންގެ އިތުރުން، ކުލަބްޕޯލްސްޓާރއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކާއި، އިހަވަންދޫގެ އެންމެހާ ރައްޔިތުންގެ ފަރާތުން ލިބެމުންދާކަން ޝުކުރުވެރިކަމާއެކުގައި ކުލަބް ޕޯލްސްޓާރއިން ފާހަގަ ކުރާކަމަށް ކުލަބްޕޯލްސްޓާރގެ މިދައުރުގެ ނައިބްރައީސް އަލްފާޟިލް މުޙައްމަދު ސުޖާއާއި، ސެކެރެޓަރީ އަލްފާޟިލް މޫސާ ޢަބްދުލް ޙަފީޒާއި ދެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.