ހއ. އިހަވަންދޫ، ގުލްފާމްގެ ޑރ. މަރިޔަމް ސުދާ އިހަވަންދޫ އާމިނާދިޔޯ ސިއްޙީމަރުކަޒުގެ ޙިދުމަތާއި ގުޅިވަޑައިގެންފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ޑރ. ސުދާ އާމިނާދިޔޯ ސިއްޙީމަރުކަޒުގެ ޙިދުމަތާއި ގުޅިފައިވަނީ މިއަދުއެވެ.
ޑރ. ސުދާ އާމިނާދިޔޯ ސިއްޙީމަރުކަޒުގައި ޙިދުމަތް ކުރައްވަން ފެޓެވުމާއިއެކު، ޑރ. ސުދާ ވެގެންދާނީ އިހަވަންދޫގައި ދާއިމުވެހުރެ ހިދުމަތްކުރައްވާ ފުރަތަމަ ދިވެހި މެޑިކަލް ޑޮކްޓަރަށެވެ. އަދި ޑރ. ސުދާ ނިސްބަތްވަނީވެސް އިހަވަންދޫއަށް ކަން ފާހަގަކުރެވެއެވެ.
ޑރ. ސުދާ މަތީ ތައުލީމް ހާސިލްކުރެއްވީ، ސްރީ ލަންކާގެ ކޮލޮމްބޯގައި ހުންނަ ކޮޓެލަވަލަ ޑިފެންސް ޔުނިވާސިޓީންނެވެ. 2022 ވަނަ އަހަރު ޑރ. ސުދާ އެޔުނިވާސިޓީއިން ގްރެޖްއޭޓްވީ މުޅި ޔުނިވާސިޓީގެ ފަހުރުވެރި އެއްވަނަ އާއިއެކު، އެ ގައުމުގެ ރައީސް ރަނިލް ވިކްރަމްސިންހުގެ ހާއްސަ މެޑަލްއާ އެކު އެވެ. ކިޔެވުން ނިންމައިލުމަށްފަހު ޑރ. ސުދާ މަސައްކަތް ކުރެއްވީ ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ.
އާމިނާދިޔޯ ސިއްޙީމަރުކަޒުގައި 3 މެޑިކަލް ޑޮކްޓަރުން ތިއްބަވައެވެ. އެއީ އާންމުބަލިތަކުގެ ދެ ޑޮކްޓަރަކާއި ކުޑަކުދިންގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެކެވެ.