ޖަންގަލް އަތުން ބަދަލު ހިފައި އިރަމާ ފައިނަލަށް

މުޙައްމަދު އަކުރަމް

ޖަންގަލް ބަލިކޮށް ކައުންސިލް ކަޕް ވޮލީ މުބާރާތް 2024، ގެ ފައިނަލަށް ކްލަބް އިރަމާ ދަތުރުކޮށްފިއެވެ. މިމުބާރާތުގެ ފައިނަލަށް އިރަމާ ދަތުރުކުރީ މިރޭކުޅުނު ސެމީފައިނަލް  މެޗްގައި  ޖަންގަލްގެ މައްޗަށް 3-2 ސެޓުން ކުރި ހޯދައިގެންނެވެ.

މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި މިދެ ޓީމް ބައްދަލުކުރި މެޗް ޖަންގަލް ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މިރޭގެ މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އިރަމާގެ ޖާޒީ ނަންބަރު 12 ހުޒާމްއެވެ.

މިމަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މިމުބާރާތުގެ ފައިނަލް މެޗްގައި ވާދަކުރާނީ އިރަމާ އަދި ކުޅިމަގެވެ. ކުޅިމަގު މިމުބާރާތުގެ ފައިނަލަށް ދަތުރުކުރީ، ގްރޫޕް ސްޓޭޖުގައި ކުޅިމަގު ކުޅުނު ހުރިހާމެޗަކުން މޮޅުވެ 9 ޕޮއިންޓް ހޯދައިގެން 1 ވަނަ ޓީމްގެ ގޮތުގައެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖް ލީގު އުސޫލުން ކުޅުނުއިރު، އެންމެ ގިނައިން ޕޮއިން ހޯދި ޓީމަށް ފައިނަލުން ސީދާ ޖާގައެއް ކަށަވަރުވެއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި އިރަމާ އަދި ކުޅިމަގު ބައްދަލުކުރި މެޗް 3-1 ސެޓްއިން ކާމިޔާބުކުރީ ކުޅިމަގެވެ.

މިމަހުގެ 12 އިން 17 އަށް  ކުރިޔަށްދާ މިމުބާރާތުގައި ބައިވެރިވެފައިވަނީ  ޔުނައިޓެޑް ޔޫތް، ކުޅިމަގު، ކުލަބް އިރަމާ އަދި ޖަންގަލްއެވެ. މިމުބާރާތުގެ  ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެވަނަ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.