ދަރިވަރުންނަށް ނަޞޭހަތް ދިނުމުގެ ސެޝަނާއެކު ދަރުސް ޕްރޮގްރާމް ފަށައިފި

ޢަބުދުﷲ ޙަމީދު

އިހަވަންދޫ ޔޫތު އެސޯސިއޭޝަން ފޯރ ރެކްރިއޭޝަން އެންޑް އާރބަނައިޒޭޝަން (އިޔާރު) އާއި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މިމަހު 18 އިން 20 ށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމް ފަށައިފި އެވެ. މިޕްރޮގްރާމުގައި ނަޞޭހަތްދެއްވަނީ އައްޝައިޚް ނަޞްރުﷲ މުސްޠަފާ އެވެ.

އިހަވަންދޫ މަދަރުސާގެ ދަރިވަރުންނަށް ޙާއްސަކޮށްގެން ނަގައިދޭ ދީނީ ނަޞޭހަތް ދިނުމުގެ ސެޝަނަކާއެކު މިއަދު މެންދުރުފަހު 2:00 ގައި ދަރުސް ޕްރޮގްރާމް ފެށުނުއިރު، މިއަދު އަޞްރު ނަމާދަށް ފަހު މަސްޖިދުއް ތަޢާވުން ގައި ދިނީ ނަޞޭޙަތް ދިނުމަށްވަނީ ހަމަޖެހިފަ އެވެ. އަދި މިޕްރޮގްރާމުގެ ދަށުން މިރޭ 9:30 ގައި އިހަވަންދޫ ރައްޔިތުންނަށް ޚާއްޞަކޮށްގެން “ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ” މިމައުލޫއަށް މަދަރުސާގެ ހޯލުގައި ދީނީ ދަރުސެއް ދިނުމަށްވަނީ ހަމަޖެހިފަ އެވެ. އަދި މާދަމާ ހެނދުނު އިހަވަންދޫ މަދަރުސާގެ އިސްލާމް މުދައްރިސުންނަށް ސެޝަނެއް ނަގައި ދިނުމަށްފަހު ޝައިޚް އިހަވަންދޫން ފުރާވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވަނީ މަސްޖިދުއް ތަޢުބާގައި އިމާމުވެ ހުކުރު ކުރެއްވުމަށްފަހު ގައެވެ.

އެއަށްފަހު ޝައިޙް ދެން ވަޑައިގަންނަވާނީ ހއ. ތަކަންދޫ އަށެވެ. އެރަށު ހުކުރު މިސްކިތުގައި އަޞްރު ނަމާދަށްފަހު ދީނީ ނަޞޭހަތްދޭ ގޮތަށް ހަމަޖެހިފައިވާއިރު އެދުވަހުގެ ރޭ 9:30 ގައި ތަކަންދޫ މަދަރުސާގެ ހޯލުގައި ރައްޔިތުންނަށް ޚާއްސަކޮށް ދަރުސެއް ދޭގޮތަށްވަނީ ހަމަޖެހިފައެވެ.

މިޕްރޮގްރާމުގެ ދަށުން ޖުލައި 20 ވާ ހޮނިހިރު ދުވަހު، ޝައިޚް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވަނީ ހއ. މާރަންދޫއަށެވެ. މާރަންދޫ ސުކޫލުގެ ދަރިވަރުންނަށް އެދުވަހު ހެނދުނު ޚާއްސަ ސެޝަނެއް ނަގައިދިނުމާއެކު އަޞްރު ނަމާދަށްފަހު އެރަށު ހުކުރު މިސްކިތުގައި ދީނީ ނަޞޭހަތްދޭ ގޮތަށް ހަމަޖެހިފައެވެ. ދިނީ ނަޞޭހަތް ދިނުމުގެ މިޕްރޮގްރާމު ނިންމާލުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 9:30 ގައި މާރަންދޫ ސުކޫލުގެ ހޯލުގައި އެރަށު ރައްޔިތުންނަށް ޚާއްސަކޮށް ދޭ ދަރުސާއެކު އެވެ.