"ރޯލާ... ހިތްހަމަ ޖެހެންދެން ރޯލާ... އާދޭ...." ހައްޖަ އޭނާގެ އުނގުގައި ސަވީތާ ބާއްވާލަމުން ބޮލުގައި ފިރުމާލަދިނެވެ. ކަރުނައިން ތެމެމުން ދިޔަ އޭނާގެ ބުރުގާ ރަނގަޅުކޮށްލަމުން ލޯބިން ފުރިގެންވާ ގޮތަކަށް ރަހުމާއެކު ބޮލުގައި ފިރުމާދެމުން ދިޔަ އެވެ. ސަވީތާގެ ގިސްލުން އިތުރުވި އެވެ. މީހާގެ ހަށިގަނޑުން ގިސްލުމުގެ އަސަރުތައް ފާޅުވަމުން ދިޔަ އެވެ. ހައްޖަ ބޭނުންވީ ސަވީތާއަށް ފުރުޞަތުދީގެން މަޑުން އިންނާށެވެ. އެއީ އޭނާއަށް އާ ކަމެއް ނޫނެވެ. ސަވީތާގެ އެ ޒާތުގެ ކަންކަން އޭނާއަށް އެނގޭތީ އެވެ. އެކަމުގެ ފަރުވާއަކީ ކޮބައިކަން ޔަޤީންވާތީ އެވެ. ހިނދުހިނދުކޮޅުން ސަވީތާގެ ހަށިގަނޑުގެ ތުރުތުރު ދިޔައީ ހިނދެމުންނެވެ. ގިސްލުމުގެ އަޑު މަޑުވަމުން މީހާ ހަމައަށް އެޅެމުންނެވެ. ހީވާކަހަލަ އެވެ. އޭނާގެ ލޮލުގެ ކަރުނަތައް ހުސްވީ އެވެ. ނޫނީ އެ ވަގުތަށް ހަމަޖެހިފައިވާ މިންވަރަށް ރޮއެ ނިންމާލީ އެވެ. ސަވީތާ ހަމައަކަށް އެޅުމުން ހައްޖަ ފުރުޞަތުގެ ބޭނުން ހިފޭތޯ ބަލަމުން ދިޔަ އެވެ.
"ސަވީ... ސަވީ..." ނިކަން އަސަރާ ލޯތްބާއެކު ސަވީތާއަށް ހައްޖަ ގޮވާލި އެވެ.
"އާނ... ހައްޖު.... އަހަރެން... އަހަރެން ހައްޖުއަށް މިކަން... މިކަން މިއަދު..." ސަވީތާއަށް ވާހަކަދައްކަން އުދަނގޫ ވުމުން ހުއްޓާލި އެވެ. ހައްޖަވެސް ސަވީތާއަށް ފުރުޞަތު ދެމުން މަޑުކޮށްލި އެވެ.
"ހައްޖު އަހަންނަށް އެހެން ހަދަނީ ކީއްވެތަ؟" ސަވީތާ ހައްޖައަށް ސުވާލެއް އަމާޒުކުރި އެވެ. ހައިރާންވެފައި އިނދެ ހައްޖައަށް ބަލާލެވުނީ ސަވީތާގެ މޫނަށެވެ.
ބޭއިޚްތިޔާރުގައި ހައްޖައަށް ބުނެވުނީ "ކޮން؟ ކާކު؟" ހެއްޔެވެ.
"އޭނާ... އަހަރެން މިހާރު... މިހާރު މިކަމާ ވިސްނާ ވިސްނާ... ދެން މިކަމުން ސަލާމަތްވާނީ..." ބުރިބުރިކުރަމުން އެކިތަނުން އެކި ވާހަކަ ނަގާ އެއްކުރަމުން މުޅި ވާހަކަ ވަށާޖައްސާލަން ސަވީތާ ބޭނުންވީ އޭނާއަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުންނެވެ.
"ނިކަން ސާފުކޮށް ތި ވާހަކައެއް އަހަންނަށް ކިޔައިދީބަ؟ ތިގޮތަށް ކިޔައިދިނުމަކުން ވާނުވާއެއް ސާފެއް ނުވޭ" ހައްޖަ ބޭނުންވީ ސަވީތާ ދައްކަމުން ދިޔަ ވާހަކަތައް އެއްކޮށް ދެނެގަންނާށެވެ. އޭނާގެ ދެލޯ ފަދަ ރަޙުމަތްތެރިޔާއަށް ޖެހިފައިވާ ބަލިމަޑުކަމުން އެފަކީރު ސަލާމަތްކުރުމުގެ ބޭނުމުގަ އެވެ. އޭނާގެ ހާލާމެދު ހަމްދަރުދީ ވެވޭތީ އެވެ.
ސަވީތާ ފުންނޭވާއެއް ދޫކޮށްލި އެވެ. ހައްޖަގެ އުނގުން ތެދުވަމުން މޫނުގައި އަތްފިރުމާލަމުން ދެލޯމަރާލި އެވެ. އެ ހަޤީޤަތް ހާމަކުރަން އޭނާގެ ނަފުސާއި ސިކުނޑި ތައްޔާރުކޮށްލުމުގެ ބޭނުމުގަ އެވެ.
"ހައްޖޫ... އެއީ އަހަރުމެން ގްރޭޑް ނުވައެއްގަ އުޅުނު އިރު! އޭރު އަހަރެން އުޅުނީ އާމިނާދިޔޯ ހައުހުގަ! އަފްޒަލްގެ ބޭބެ އަފްރޭ ވެސް އުޅުނީ ހަމަ އެހައުގަ! އަފުރޭ އަކީ ހައުސް ކައްޕި! އޭނަ އުޅުނީ އެގާރާގަ އަހަރެން އުޅުނީ ސެކެރެޓަރީއަކަށް! އެހެންވެ ދެމީހުން ނިކަން ގާތްވެ ވާހަކަދައްކާ ރަހުމަތްތެރި ވެވުނު! އަހަރެން އޭރު ކުއްޖަކާ ރައްޓެހިވުމުގެ އެއްވެސް ޚިޔާލެއް ފިކުރެއްވެސް ނެތް! އެކަމުވެސް..." ސަވީތާ ދައްކަމުން ދިޔަ ވާހަކަ ދޭތެރެއަކުން މެދުކަނޑާލަމުން ހަމަޖެހުމުގެ ނޭވާތައް ތަކުރާރުކުރަމުން ވާހަކަކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ. ހައްޖަވެސް ސަވީތާގެ ވާހަކައިގެ ތެރެއަށް ގެނބެމުން ވާހަކައިގެ ތެރެއަށް ފީނަމުން ފުނަށް ދަތުރުކުރަމުން ދިޔަ އެވެ. ސަވީތާވެސް ވާހަކަ ކިޔައިދެމުން ކަންވީ ގޮތުގެ މަންޒަރު ސިފަކުރަމުން، ހަޔާތުގެ ސަފްޙާތަކުން ހިރަފުސް ފޮޅަމުން މަޑުމަޑުން ކުރިއަށް ޖެހެމުން ދިޔަ އެވެ.
"ސަވީ... އަހަރެން ބޭނުން ނިކަން ބޮޑު ވާހަކައެއް ދައްކަން" މަދަރުސާގެ އިތުރު ހަރަކާތްތަކަށް ޚާއްޞަކުރެވިފައިވާ ކޮޓަރީގައި އިނދެ ސަވީތާއަށް އިޝާރާތްކޮށް އަފްރާޙް ބުނަމުން ދިޔަ އެވެ.
"އަވަހަށް ބުނޭ... ނިކަން ބޮޑު ކަމެއް ވެއްޖެއްޔާ ވަގުތު ފާއިތު ނުވަނީސް ބުނަންވާނެ!" ސަވީތާ ސަމާލުކަމާއެކު ލިޔަން އިން ސިޓީގެ މަސައްކަތް ހުއްޓާލަމުން އަފްރާޙަށް ވަގުތު ހުސްކޮށްލި އެވެ.
"ދެން މިވަގުތަކު ނޫން...! ޔުނީފޯމްގައި އިނދެ ދައްކާކަހަލަ ވާހަކަ އެއް ނޫން" ކައިރީއޮތް ކަޅުފައިލް ހުޅުވާލަމުން އަފްރާޙް ސަވީތާއަށް ބަލާލި އެވެ. އޭނާގެ މޫނަށް ކަޅިހުއްޓާލަމުންނެވެ.
"ދެން... ކޮންވާހަކައެއް އަހަރެން..." ސަވީތާއަށް ޝައްކުވާން ފެށުމުން އަފްރާޙް ހުއްޓާލި އެވެ.
"އަހަރެން އެވާހަކަ ބުނާނީ ކި..."
"ކޮން އިރަކުން... އަހަންނާ އަފްރާޙް އާ ދެމެދުގައި މިއޮތީ ޒިންމާގެ ގޮތުން އޮތް ގުޅުމެއް... މިއަށްވުރެ މި ގުޅުން އިތުރަށް..." ސަވީތާ އަށް އަފްރާޙް ދައްކަން އުޅުނު ވާހަކަ މޭރުންވުމުން ސީދާ ޕޮއިންޓާ ހަމައަށް އޭނާގެ ވާހަކަ އަމާޒުކުރަމުން ދިޔަ އެވެ.
"އެކަމަކު ސަވީ... މީ މަދަރުސާއޭ... އަހަރެން ދައްކަން މިއުޅެނީ ޕަރސަނަލް ވާހަކައެކޭ..." އަފްރާޙް އަތުގައި އޮތް ފައިލް މޭޒުމަތީގައި ބާއްވާލަމުން ހަމަޖެހިލި އެވެ. އަދި ސަވީތާގެ ހުޝިޔާރު ކަމާމެދު ކަންބޮޑުވަމުން ދައްކަންވީ ވާހަކަ ހިތުގައި ރާވާލި އެވެ.
"ޔުނީފޯމްގައި ތިބެ މި ރޫމްގައި އިނދެ ނުދެއްކޭ ފަދަ ވާހަކައެއްނަމަ ވަރަށް ބޮޑަށް ސޮރީ އޭ ބުނަންޖެހެނީ" ސީދާ މައުޟޫޢުގައި ސަވީތާ ސާބިތުކަމާއެކު ވާހަކަ ދެއްކި އެވެ.
"އަދި ނޭނގެއެއްނު ކޮންކަހަލަ ވާހަކައެއް ދައްކަން އުޅޭކަމެއްދޯ... ސަވީގެ ވާހަކައިން އަހަރެންގެ ހިތުގަ އެތަކެއް ސުވާލުތަކެއް އުފެދެން ފަށައިފި" އަފްރާޙް ސަވީތާގެ މޫނަށް ބަލަހައްޓައިގެން ކަޅި ޖަހާނުލާ އިނދެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
"ބުނެބަ އަހަރެން ދެކެ ރުޅި އަންނަނީ ކީއްވެ؟" އަފްރާޙްގެ އަޑުގައި މޮޅިވެރިކަން އިތުރުވަމުން ދިޔަ އެވެ.
"ކޮބާ އަހަރެންގެ ކުށަކީ... އަހަރެންނަށް ސަވީ ހިތްހަމަ ނުޖެހޭ ކަމެއް ކުރެވުނީތަ؟ ނޫނީ..." އަފްރާޙް ތަކުރާރުކޮށް ވާހަކަދައްކަމުން ސަވީތާއަށް ބަލަމުން ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
"އަހަންނަށް އެނގޭ އަފްރާޙްގެ ހިތުގައި ތިވަނީ ކޮންކަމެއްކަން... ބަލަ ބުރުގާއަޅާކަށް ނޫނޭ މަގޭ ބޯ މިހުންނަނީ…" މަލަމާތުގެ ރާގުގައި ސަވީތާ އަފްރާޙަށް ޖަވާބުދިނެވެ.
"ކޮންކަމެއް؟" ހައިރާންކަމާއެކު އަފްރާޙް ސަވީތާއަށް ބަލާލި އެވެ.
"އަޅައިގަތުން... މޮޔަވެގެން އުޅުން... މީހުންނަށް ގޮތްދައްކަން މާވެގަނެގެން އުޅުން" ސަވީތާ ތުންއަނބުރާލަމުން މަލާމާތްކުރާ ޒާތަށް ބަލާލަމުން ބުނެލި އެވެ.
"ގޮތްދައްކާށޭ... އަހަރެން ގޮތްދައްކަން ކުރީ ކޮންކަމެއް؟" އަފްރާޙް ހިތުގައި ޖެހުނުކަން އޭނާގެ އަޑުން ފާޅުވަމުން ދިޔަ އެވެ.
"އާނ... ގޮތްދައްކަން... މާ ކާމިޔާބު މީހަކަށް ވެގަނެގެން..."
"ތިހެން ނުބުނޭ ސަވީ... ސަވީއަށް އަހަރެން މިވާ ލޯބި އަދި ނޭނގެނީ... ލޯތްބަކީ ވެގަނެގެން އުޅުމެއް ނޫން! ލޯތްބަކީ... ލޯތްބަކީ އެއަށްވުރެ މާ މާތް މާ ތެދުވެރި ގުޅުމެއް!" އަފްރާޙަށް ބުނެވުނީ މިހާ ހިސާބަށެވެ.
"ހެއް...! ތިޔަ އުޅެނީ ލޯތްބަކީ ކޮން އެއްޗެއްކަން ކިޔަވައިދެންތަ؟" ސަވީތާގެ ރާގު ބަދަލުވަމުން ރުޅިވެރިކަން ވާހަކައިން ހާމަކުރަމުން ދިޔަ އެވެ.
"އޭތް ހާދަ އޮލަވެގެން... ކޮންކަމަކާ މަޝްވަރާކުރަނީ..." ސަވީތާމެން ތިބި ކުލާސް ކޮޓަރިއަށް ވަދެގެން އައި އިޒުހާމް އެ މީހުންނާ ދިމާކޮށްލަމުން ބުނެލި އެވެ.
"އޮލަ އެއް ނޫން... މި... މި ސަވީއަށް ލޯބި ޑިފައިން ކޮށްދެނީ... ސަރ ބުނެބަ ލޯބީގެ ޑެފިނީޝަން އަކީ ކޮބައިތަ... ސަރ ދެކޭގޮތުގަ" އަފްރާޙަށް ލިބުނު ކުއްލި ސިހުމާއެކު ވާހަކަދައްކަން ފެށުމުން ހިސާބަކަށް އާގަންނަގޮތް ވީނަމަވެސް ފަހުން ފަހުން އެކަން އޮބި މީހާ ހަމައަކަށް އެޅެމުން ދިޔައީ އިޒުހާމް އައިސް ގޮނޑީގައި ހަމަޖެހިލުމުންނެވެ. އިޒްހާމަކީ އަފްރާޙްގެ އެންމެ ގާތް ރަހުމަތްތެރި އެއް ފަދަ މުދައްރިސަކަށް ވީމައާވެސް އެކުގަ އެވެ.
"ލޯބި ދޯ! ސަރ ދެކޭ ގޮތުގަ ލޯތްބަކީ ހަމްދަރުދީ! އޯގާތެރިކަން... އެކަކު އަނެއްކަކަށް ދޫ ދިނުން! އެކަކު އަނެއްކަކަށް އިޙްތިރާމުކުރުން! ހިއްސާކުރުން! އިޙްތިރާމު ކުރުމާއި އިޙްތިރާމް ލިބިގަތުމުގެ މައްޗަށް ބަރޯސާވެގެން ދެ ފަރާތެއްގެ ދެމެދުގައި އުފެދޭ ބުނެދޭން ނޭނގޭ އިޙްސާސްތަކަކާއި ޖަޒުބާތުތަކެއް!" އިޒުހާމް އަމިއްލަ ތަޖުރިބާގެ އަލީގައި އަފްރާޙަށް ޖަވާބު ދިނެވެ.
"އެހެންވީއިރު ތިމާ ރުޅިއަންނަ މީހެއް ދެކެ ލޯބި ވެވިދާނެތަ؟" އަފްރާޙް ބޭނުންވީ ސަވީތާއަށް ކަމެއް ސާބިތުކޮށްދޭށެވެ.
"އޮފް ކޯޒް... އެއީކީ ތި ހީކުރާކަހަލަ ކަމެއް ނޫން... ލޯތްބަކީ ގަސްތުގައި ވާ އެއްޗެއް ނޫން... އެއީ އެކުއުޅުމާ ފެނިދެނިވެ ބަދަލުކުރެވޭ ކަންކަމާ ކުރެވޭ މުވާސަލާތުގެ ތެރެއިން ޠަބިއީގޮތުން އެކެއްގެ މައްޗަށް އަނެއްކާގެ ހިތް ލެނބޭ ލެނބުމެއް! އެއްވެސް މީހަކު ލޯބިވަނީ ގަސްތުގައި އެމީހަކު ލޯބިވާން ބޭނުމޭ ކިޔާފައެއް ނޫން!" އިޒުހާމް ނަޒަރު ހުއްޓާލީ ސަވީތާގެ މޫނަށެވެ.
"ތޭންކްސް ސަރ!" އަފްރާޙް ހިނިތުންވެލަމުން އިޒްހާމަށް ބަލާލި އެވެ.
"އަނެއްކާ ކަމެއްތަ؟" އިޒްހާމް ސަވީތާއަށް ނިތް އެއްލަމުން އަފުރާޙުއަށް އިޝާރާތްކޮށްލި އެވެ.
"ހައް... ނޫނޭ އަދި ނޫން... އެކަމަކު ކޮޅު އެއްލައިގެން މަސް ފިކުރާވާ އެންކޮޅެއް ނޫންވީމަ! އެންކޮޅުގެ ރަހަ ނުބަލާ މަސް ބުނަނީ ބޭނުމެއް ނެތޭ!" އަފްރާޙް ދެ މާނަ އެކުލެވޭ ގޮތަށް ވާހަކަ ބައްޓަންކުރީ އެ ގޮތަށް ވާހަކަ ދެއްކުމުން ސަވީތާއަށް ދޭހަކުރަން އުނދަގޫ ވާނެކަން ޔަޤީންވާތީ އެވެ.
"އެހެންތަ؟ މަހަށް ޖެހޭނީ އެންކޮޅުގަ ހިފަން ސަރ މިބުނާ ގޮތަށް ހެދީމަ!" މޫނުމައްޗަށް ގެނައި ހަރަކާތާއެކު ނިތް އަރުވާލަމުން އިޒުހާމް ހިނިތުންވެލި އެވެ.
"އެއީ؟" އަފްރާޙް ސަވީތާގެ މޫނަށް ބަލާލަމުން އިޒްހާމަށް ސުވާލު އަމާޒުކޮށްލި އެވެ.
"އެއީ ސިއްރެއް.. ފަހުންދޯ! ސަރ މިއައީ ދިވެހިދުވަހުގެ ކަންތައް ދިޔަ ހިސާބެއް ބަލާލަން!" އިޒުހާމް މައުޟޫޢު ބަދަލުކޮށްލީ ސަވީތާގެ ސުވާލުމާކުން ފުރިފައިވާ ދެ ލޯ އިޒުހާމަށް އަމާޒުވުމުންނެވެ.
"މިހާރު ލިސްޓް ފައިނަލް ވަނީދޯ ސަވީ! މިރޭ ފައިނަލް ޕްރެކްޓިސް!" އަފުރާޙު ހުއްޓާލީ އިޒުހާމް ފެށުމުންނެވެ.
"އެހެންތަ؟ ސަރ މިއަދު ވަރަށް އުފާވެއްޖެ އަފުރާޙުމެން ކަހަލަ ހަރުދާނާ ކުދިންކޮޅެއް މި ސްކޫލުގަ ތިބީމަ! ދެން ދަނީ ކަމެއް އޮތިއްޔާ އަންގާލާ އިނގޭ!" އިޒުހާމް ތެދުވުމުން އަފުރާޙު ވެސް އޭނާ އާ އެކު ބޭރަށް ނުކުތުމަށް ހިނގައިގަތެވެ.
ސަވީތާ ފުންނޭވާ އެއް ދޫކޮށްލި އެވެ. ހައްޖަގެ މޫނަ ބަލާލަމުން ފަނޑުގޮތަކަށް ހިނިތުންވެލި އެވެ. އޮއްސެމުން ދިޔަ އިރުގެ ދޯދިތަކުން ފޮނުވަމުން ދިޔަ ރަން އަވި ސަވީތާގެ ކޯތާފަތަށް އެޅުމުން އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ހާމަވާ މިންވަރު އިތުރުވަމުން ދިޔަ އެވެ. ކޯތާފަތުގައި ހަރުލާ ހިކެމެން ދިޔަ ކަރުނަތަކުން ފަނޑުވިދުމެއް ހާމަވާން ހުއްޓެވެ. އެ ފުން ދެލޮލަށް ނަޒަރު ހުއްޓާލައިގެން ހައްޖަ އިނީ ސަވީތާގެ ވާހަކަތައް އަޑުއެހުމަށް ސަމާލުވެގެންނެވެ. ސަވީތާގެ ހަރަކާތްތަކަށް ސަމާލުވެލަމުން ހައްޖަ ނިތުގެ އިޝާރާތުން ދެންވީ ކީއްތޯ ސުވާލު ކޮށްލާފަދަ ހަރަކާތެއް ގެނުވި އެވެ. އެއާއެކު ސަވީތާ އަނެއްކާ ވެސް ފެށި އެވެ.
"އެގޮތުގައި އަހަރެން ސާބިތުވެ ހުރިން އެކަމަކު އަފްރޭގެ ފަރާތުން އެކި ކަހަލަ ހުށަހެޅުންތައް ވެސް ލިބޭ މިންވަރު އިތުރުވަމުންދިޔަ. އަފްރޭ އެގޮތުގައި ހުއްޓާ އަހަރެން އަފްޒަލްއާ ރައްޓެހިވީ ވެސް! އެކަން އަފްރޭ އަށް އެނގުމުން!" ސަވީތާ ހުއްޓާލި އެވެ.
"އެނގުމުން؟" ހައްޖަގެ ހިތުގައި ސުވާލު އުފެދުނެވެ.
"އޭނަ ވަރަށް ރުއި... އަހަރެން ނޫން އެހެންމީހަކާ އިންނާކަށް ބޭނުމެއް ނޫނޭކިޔާ...! ވަރަށް..! ދެން ނޭނގެ..! އަހަރެން ނުލިބިއްޖެ ނަމަ އޭނާ މޮޔަވެދާނޭ ކިޔާ ވަރަށް... ދުވަހަކުވެސް އަހަރެންގެ ކުރިމަތީ މީހަކު އެވަރަކަށް ނުރޯ އަދި..." ސަވީތާގެ ހިތުގެ ހާލަތު އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔަ އެވެ. މަޑުމަޑުން ގިސްލެވެން ފެށުނީ އޭނާގެ ހިތުގައި ޖެހުނުލެއް ބޮޑުކަމުންނެވެ.
"ދެން... އޭނަ ސަކަރާތްވީ އޭގެ ފަހުންތަ؟" ހައްޖަ ބޭނުންވީ ކަންވީގޮތް ސާފުކުރާށެވެ.
"އޭގެ ހަފުތާއެއް ފަހުން!" ސަވީތާއަށް ކޮންޓްރޯލެއް ނުކުރެވުނެވެ. އޭނާ ބަޑިފަޅައިގެން ދިޔައީ އެވެ. މޫނުމަތީ އަތްއަޅައިގެން އިނދެ ގިސްލަ ގިސްލާފައި ރޮމުން ދިޔަ އެވެ.
ސަވީތާގެ ކޮނޑުގައި މަޑުމަޑުން ފިރުމާލަމުން އޯގާތެރިކަމާއެކު ހައްޖަ ވާހަކަދައްކަން ފެށި އެވެ. ސަވީތާއަށް ވިސްނައި ދިނުމުގެ ބޭނުމުގަ އެވެ.
"ސަވީ... ތިކަމުގައި ސަވީގެ އެއްވެސް ކުށެއް ނެތެއްނު! ސަވީ ބޭނުންވާ ގޮތް ސަވީ ހާމަ ކުރީމެއްނު! ދެމީހުން ރައްޓެހިވަނީ ކުޅޭކުޅޭ ކުޅިވަރެއް ކުޅޭކަށް ނޫން... އެއީ ދިރިއުޅުމެއް ފެށުމުގެ މަޤްޞަދުގައި އަޅާލެވޭ ބިންގަލެއް... އެބިންގާ ހަރުދަނާވާނީ އެކަކު އަނެއްކަކު ރަނގަޅަށް އެނގި ދަސްވެގެން! އަފްރޭ ކިތައްމެ ލޯބިވިޔަސް ސަވީ ލޯބި ނުވާނަމަ ކޮބާ އެ ބިންގާ ހަރުދަނާވެފަ! ބައެއް ކުދިންނަށް ހީވެފަ އޮންނަ ކަމެއް އެއީ ގިނަ ކުދިންނާ ރައްޓެހިވީމައޭ ކާމިޔާބު މީހަކަށްވެވޭނީ... ދެން... ތިކަމުގައި ސަވީގެ އެއްވެސް މައްސަލައެއް ނެތް... ދެން ނުރޮއި ހުއްޓާލާ!" ހައްޖަ ބޭނުންވީ ސަވީތާހަމައަކަށް އަޅުވާށެވެ.
"ހައްޖޫ... އެކަމަކު އަފްރޭ... އަހަންނާ ހެދި؟" ސަވީތާއަށް އިތުރުއެއްޗެއް ނުބުނެވުނެވެ.
"ސަވީ ތި ވިސްނަނީ... އަފްރޭ އަށް އެހެންވީ؟" ހައްޖައަށް ވެސް އަސަރު ކުރަން ފެށި އެވެ. އެހެންވެ އޭނާ އިތުރަށް އެއްޗެއް ނުބުނެ މަޑުން އިނީ އެވެ. ސަވީތާގެ ބޮލުގައި އޯގާތެރިކަމާ އެކު ފިރުމަމުންނެވެ. ސަވީތާ ހަމައަކަށް އެޅުމުން އަނެއްކާ ވެސް ހައްޖަ ފެށި އެވެ.
"މިހާރު ވެސް އަފްރޭ ސަވީއަށް އުނދަގޫ ކުރޭތަ؟" ސަވީތާ ހަމައަކަށް އެޅި ކޮޅަށް ތެދުވުމުން ސަވީތާގެ ބުރުގާ ރީތި ކޮށްދެމުން އަހާލި އެވެ. ސަވީތާ އެއްޗެއް ނުބުނެ ދެތިން ފިޔަވަޅު ކުރިއަށް ޖެހިލި އެވެ. ދިޔަރެސް މަތީ ލައްގާފައި އޮތް ގަސްގަނޑާ ދިމާއަށެވެ. ވިއްސަކަށް ފޫޓް ދިގު ހިކި ގަސްގަނޑުގެ ބުޑުގައި އިށީނދެލި އެވެ. ހައްޖައަށް ކުރިމަތި ލައިގެންނެވެ.
"ތި އަހަރެން މިހާރު ކަންބޮޑުވާ ކަމަކީ... ހައްޖަ އަށް އެނގޭތަ މިދިޔަ ރޯދަމަހުވީ ކަމެއް" ސަވީތާ ހަމަޖެހޭ ކަން ދައްކާލަމުން ވާހަކަ ފެށި އެވެ.
"ކޮން؟" އަވަސް އަވަހަށް ހައްޖަ ސުވާލު ކޮށްލި އެވެ.
"ވީ ގޮތަކީ... ބަންދު ދުވަހެއްވީމަ މަންމަ ބުނީ ތެލިތައް ދޮވެލަން ދާށޭ، އެހެންވެ އަހަރެން ނުވައެއް ޖަހާ އެހާ ކަންހާއިރު އެފަރާތު ގޮނޑުދޮށަށް ދާން ދިޔައީ، އެއްވެސް ފިކުރެއް ޚިޔާލެއް ނެތި ގޮސް ތެލިތައް އުނގުޅާ ނިންމާލުމަށްފަހު، ލޮނުން ދޮވެލަން އުޅެނިކޮށް ކޮންމެވެސް މީހަކު އައިސް އަހަރެންގެ ފަހަތުން މޫނުގައި އަތްއެޅީ! އެއާއެކު އަހަރެންގެ އަތުން ތެލިތައް ދޫވި! އަހަރެން ހީކުރީ އެއީ ފަޔާކަމަށް! އެހެންވެ ކުއްލިއަކަށް އަހަންނަން ބުނެވުނީ...!
"ކާކު...؟ ކާކު...؟ ފަޔާ ދޯ... ދެން ފަޔާ ދޫކޮށްބަ! ހުވާ ހައްޖު ކައިރީ ބުނާނަން އެހެން ނޫނީ..."
އެމީހާ އަހަރެންގެ ވާހަކަތަކަށް ސަމާލުކަމެއް ނުދީ މަޑުމަޑުން އޭނާގެ ހަށިގަނޑުގައި އަހަރެން ލައްކޮށްލި! އަދި އޭނާގެ ދެ އަތް އަހަރެންގެ މޫނުމަތިން ނަގާ ފަހަތުން އަހަރެންގެ ގައިގަ ބައްދާލި! އަހަންނަށް ސަލާމަތްވާނެ އެއްވެސް ފުރުޞަތެއް ނުދީ! އަހަރެންގެ މޫނުމަތިން އަތް ނެގުމުން އެއީ ކާތުތޯ ބެލުމަށް ހިތް އަވަސްވަމުން ދިޔަ! އަހަންނަށް ފެންނަނީ ހަމައެކަނި އެމީހާ ލައިގެން ހުރި އަތްދިގު ގަމީހުގެ އަތްކުރި! ފަހަތަށް އެނބުރި ބަލާލަން ފުރުޞަތެއް އަހަންނަކަށް ނުލިބޭ. އޭނާ ހުރީ އެއަށްވުރެ ބާރަށް އަހަރެންގެ ގައިގާ ބައްދައިގެން! އަހަރެންގެ ބުރުގާ މައްޗަށް އަރަމުން ދާހެން ހީވަމުން ދިޔަ... އޭނާގެ ހޫނު ނޭވާ އަހަރެންގެ ކަނދުރާއަށް އެޅެމުންދާކަމުގެ އިޙްސާސް އަހަންނަށް ވާންފެށުމުން ގަދަބާރުން ސަލާމަތްވެވޭތޯ އުޅެން ފެށިން... އޭނާގެ އަތްދަށުން ސަލާމަތްވާނެ ގޮތެއް ވިސްނަންފެށިން... ކުއްލިއަކަށް އައީ އޭނާގެ އަތުގައި ދަތްއެޅުމުގެ ޚިޔާލު. އެހެންވެ ބަލާކަށް ނުހުރެ އޭނާގެ އަތުގައި ދަތްއެޅިން! އެއާއެކު އޭމީހާގެ ކިބައިން އަހަރެން ވީއްލުނު! ނަމަވެސް އަހަރެންގެ ބުރުގާ... ބުރުގާ އޮތީ އޭނާގެ އަނގައިގެ ތެރޭގަ! އޭނާ އުޅުނީ ދެއަތުން އަހަރެންގެ ގައިގާ ހިފަހައްޓައިގެން ހުރެ ބުރުގާގައި ދަތްއަޅައިގެން ބުރުގާ ނަގާ..." ސަވީތާ ފުން ނޭވާއެއް ދޫކޮށްލި އެވެ. ހަމަޖެހިލަމުން އަނެއްކާވެސް ވާހަކަ ފެށި އެވެ.
"ހައްޖުއަށް އެނގޭތަ އެއީ ކާކުކަން؟ އެއީ ފަޔާ އެއް ނޫން؟ އަފްރޭ! އަހަރެން ރުޅިއައިސް މަރުވާވަރުވި! އިތުރަށް ފޫހިވެ އެނާއާ ދިމާއަށް ހަޅޭލަވަން ފެށިން...!
"އަހަރެން ހިއެއް ނުކުރަން ކަލޭ ތީ... ތިހާ މުޑުދާރު މީހެއްކަމެއް... ބަލާބަ ހުންނަ ނުލަފާކަން... މީ ރޯދަމަސްކަން ވެސް ހަނދާނެއް ނެތްދޯ... ގެނޭ އަހަރެންގެ ބުރުގާ..."
އެހެން ބުނެ ނުނިމެނީސް އޭނާ އައިސް އަހަރެންގެ ކަންކަށިމަތީގައި ޖަހާފި، ޖެހިލެއް ބާރުކަމުން އަހަރެން ދިޔައީ ތަރި ބުރައިގެން! އެކަހަލަ ކަމަކަށް ތައްޔާރު ނުވެހުރުމުން އަރިއަޅާލާ ގޮތްވި! އަފްރޭއަށް ފުރުޞަތު ލިބުމުން އަނެއްކާ އަހަރެންގެ ގައިގާ އޮޅުލައިގަނެ ބިއްމައްޗަށް ވައްޓާލި! އަހަރެން ލައިގެން ހުރި ޓީޝާޓް މައްޗަށް ނަގާ...! ގައިގެ އެތައްމިތަނުގައި މޫނު...! އަހަރެންގެ އަތް ބަންދުވެފައި އޮތުމުން އަތުން ކުރެވޭނެ އެއްވެސް ކަމެއް އަހަންނަކަށް ނުވިސްނުނު! އޭނާގެ އަތުގައި ދަތްއެޅުމުން އެކަމުގެ އަނިޔާ އަހަންނަށް ލިބޭނެކަން ޔަޤީންވޭ! ނަމަވެސް އަހަރެން ބޭނުންވީ... އޭނާގެ ކިބައިން ސަލާމަތްވާން! އެގޮތް މިގޮތަށް ތެޅެމުން ފޮޅެމުން ގަދަ ދައްކަމުން ދިޔައިން! އެވަރުން ވެސް... އަހަންނަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް. ކުއްލިއަކަށް ހަނދާންވީ... ފުރުޞަތުގެ ބޭނުން ހިފައި ބަލާކަށް ނޯވެ ކަކުލުން އޭނާގެ... ލިބުނު ކުއްލި ސިހުމާއެކު އަފްރޭ ހަޅޭލަވައިގަތް... އަވަސް އަވަހަށް އަހަރެން އޭނާގެ ކިބައިން ސަލާމަތްވީން... ނަމަވެސް... އޭރު އަހަރެންގެ މަތިން އެއްވެސް... އަތުން ނިވާވެލަމުން ދުރުގައި އޮތް އަހަރެންގެ ޓީޝާޓް ނަގާބަލާލި އިރު އެވެސް އޮތީ ކަރުން މެދާ ހަމައަށް ވީދިފަ... ތަންކޮޅެއް ދުރުގަ ބުރުގާ އޮތް އަވަހަށް ބުރުގާ ނަގާ ޓީޝާޓުން އިރިފަ އޮތްތަނާ އެކު އޮޅާލަމުން ބާކީ އޮތްތަން ތެލިތަކުން ނިވާ ކޮށްލަމުން ދުއްވައިގަތިން... އޭރު އަފްރޭ ތެދުވާ ތަން ފެނުނު... ގައިގާ ހުރި ބާރެއްލާފައި އަހަރެން އެއްގަމަށް ދިޔައިން..." ސަވީތާ ހަމަ ޖެހިލި އެވެ. ކުރިން އޭނާގެ ކިބައިން ފެންނަމުންދިޔަ މާޔޫސީކަމުގެ ގޮތްގަނޑު ކެނޑި މީހާ ތާޒާވެލިކަމުގެ ސިގްނަލް ފެންނާން ހުއްޓެވެ. އަމިއްލަ ނަފުސަށް އިތުބާރު ކުރެވި މީހާގެ ޔަޤީންކަން އިތުރުވިކަން މޫނުމަތިން ހާމަވާން ހުއްޓެވެ.
"އެކަމުވާ..! ތި ވަރުވީއިރުވެސް!" ހައްޖަ ހައިރާންކަމާ އެކު ސަވީތާއަށް ބަލަހައްޓައިގެން ހުރެ ސުވާލު ކޮށްލި އެވެ.
"އަހަރެން މިހުރިހާކަމެއް ސިއްރު މިކުރަނީ އަފޫއަށްޓަކައި... ކޮންމެ ގޮތެއް ވިޔަސް އެއީ އަފޫގެ ބޭބެ... އެއީ މޮޔަ އެއް... އަހަރެން ދައްކާ ވާހަކަތައް ޤަބޫލުކުރާނީ ކާކު... މި އަދު..." ސަވީތާގެ މޫޑު އަނެއްކާވެސް ބަދަލުވަމުން ދިޔަ އެވެ.
"ހައްޖު ދެން... އަހަރެން ކިހިނެއް ހަދަންވީ... އަހަރެންގެ ބޯ... ބޯ ގޮވާވަރު ވެއްޖެ... އެކަމަކު މިކަން އެކަކަށް ވެސް ނާންގާ އިހަށް ސިއްރުކޮށްދީ... ކޮންމެ ގޮތެއްވިޔަސް މިކަމުގައި މީހަކަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް..." ސަވީތާ ބޭނުންވީ އެހުރިހާ ކަމެއް ސިއްރު ކުރާށެވެ.
= ނުނިމޭ =