އިހަވަންދޫ.ކޮމް ގެ ނޫސްވެރިންނާއި އެޑިޓަރުން ދަމަހައްޓާނެ ހަމަތަކާއި ސުލޫކީ މިންގަނޑެއް ކަނޑައެޅުމުގެ މަގުސަދަކީ ރާއްޖޭގައި ރަޖިސްޓަކޮށްގެން ހިންގާ، އޮންލައިން ނޫހެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ޒިންމާދާރު ކަމާއެކު ހަބަރާއި މައުލޫމާތު އަދި އެހެނިހެން ކޮންޓެންޓު ގެނެސްދިނުމެވެ. ކޮންޓެންޓް އުފެއްދުމުގެ އެކި، މަރުހަލާތަކުގައި ނޫސްވެރިން އަމަލުކުރާނީ، އިހަވަންދޫ.ކޮމް ގެ ސުލޫކީ މިންގަނޑާ އެއްގޮތަށެވެ. ޕްރޮފެޝަނަލްކޮށް ނޫސްވެރިކަމުގެ އެކި، މަސައްކަތްތައް ކުރުމުގައި, ތިރީގައިވާ މައިގަނޑު ހަތަރު ސިފަޔަށް އިސްކަން ދޭނެއެވެ.
- ތެދު މައުލޫމާތާއި ހަބަރު ފެތުރުން
- އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައި ނުވުން
- އާންމު މަސްލަހަތަށް އިސްކަން ދިނުން
- އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ގާނޫނަށް ހުރުމަތްތެރިކޮށް ހިތުން
މި ހަމަތަކުގައި ހިފެހެއްޓުމަށްޓަކައި "އިހަވަންދޫ.ކޮމް" ގެ ނޫސްވެރިން ތަބާވާނެ މިންގަނޑުތަކަކީ:
- ޚަބަރާއި މައުލޫމާތު ގެނެސްދޭނީ ވީ އެންމެ ބޮޑަށް ހަޤީގަތް ހޯދައި ތެދު މައުލޫމާތުގެ މައްޗަށެވެ. އަދި އިހަވަންދޫ.ކޮމް ގައި އަދި އަޅުގަނޑުމެންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޝާއިއުކުރާ ހަބަރާއި މައުލޫމާތަކީ ސައްހަ، ތެދު މައުލޫމާތުކަން ކަށަވަރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ އެވެ.
- "އިހަވަންދޫ.ކޮމް" ގައި ޝާއިއުކުރާ ހަބަރާއި މައުލޫމާތުގައި އެއްވެސް ކުށެއް ވާކަން އެނގިއްޖެނަމަ، ވީހާވެސް އަވަހަށް އެކުށެއް އިސްލާކުރާނެއެވެ. އަދި އެކުށަކީ ފަރުދެއް ނުވަތަ އިދާރާއެއް، މުއައްސަސާއެއްގެ ހައިބަތާއި ކަރާމާތަށް އުނިކަން އައިސްފާނެ އަދި ކިޔުންތެރިންނަށް ސައްޙަނޫން މައުލޫމާތެއް ލިބިފައިވާނެ ފަދަ ކުށެއްނަމަ، އެކުށް އިސްލާހުކުރުމުގެ އިތުރުން އެކަމާއިގުޅޭ ބަޔާނެއް، ނުވަތަ އައު ލިޔުމެއް އިހަވަންދޫ.ކޮމް ގައި ނުވަތަ އިހަވަންދޫ.ކޮމް ގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޝާއިއުކުރާނެއެވެ.
- ދެވަނަ ފަރާތެއްގެ ލިޔުންތަކާއި މައުލޫމާތު އިހަވަންދޫ.ކޮމް ގައި ލިޔާއިރު އެ ފަރާތްތަކަށް ހަވާލާ ދޭނެ އެވެ. އަދި ދެވަނަފަރާތެއްގެ ފަރާތެއްގެ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ހިމަނާނަމަ، އެ ފަރާތަކަށް ކްރެޑިޓް ދޭނެ އެވެ.
- ނުފޫޒުން އެއްކިބާވެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އަބަދުމެ ހިމާޔަތްކޮށް ދަމަހައްޓާނެ އެވެ. އަދި ކަސިޔާރު ނުފޫޒެއް ފޯރާފާނެ ހުރިހާކަމަކުން އިހަވަންދޫ.ކޮމް ގެ ނޫސްވެރިން އަބަދުވެސް ތިބޭނީ ދެރުވެއެވެ.
- އިހަވަންދޫ.ކޮމް ގެ އެއްވެސް ނޫސްެވެރިޔަކު ސިޔާސީ ޕާޓީއެއްގެ އެއްވެސް މަޤާމެއް ނުފުރާނެއެވެ. އަދި އިހަވަންދޫ.ކޮމް ގެ އެއްވެސް ނޫސްެވެރިޔަކު ސިޔާސީ ޕާޓީއެއްގެ ހަރަކާތެއްގައި ނުވަތަ ސިޔާސީ ޕާޓީއަކުން ހިންގާ ހަރަކާތެއްގައި ބައިވެރިއެއް ނުވާނެ އެވެ. ނަމަވެސް ނޫސްވެރިއެއްގެ ހައިސިއްޔަތުން އެފަދަ ހަރަލާތްތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ހަރަކާތްތެރިވުން މީގެތެރޭގައި ނުހިމެނޭނެއެވެ.
- އިހަވަންދޫ.ކޮމް ގައި ޝާއިއުކުރާ އެއްވެސް ކޮންޓެންޓަކަށް މައުލޫމާތާއި ފޮޓޯ ހޯދާއިރު ނޫސްވެރިޔާ އަކީ ކާކުކަމާއި އެ މައުލޫމާތު ނުވަތަ ފޮޓޯ/ވީޑިއޯ ނަގަނީ ކީއްކުރަންކަން ހާމަކުރާނެއެވެ. އަދި އެއްވެސް ފަރާތެއްގެ އިންޓަވިއުއެއް ނަގާނީ ނުވަތަ ރެކޯޑްކުރާނީ އެއިންޓަވިއު ދޭ މީހާގެ ރުހުމުގައެވެ.
- އިހަވަންދޫ.ކޮމް ގައި ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިތްވަރުދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އެއްވެސް ލިޔުމެއް ނުވަތަ ފޮޓޯއެއް/ވީޑިއޯއެއް ޝާއިޢެއް ނުކުރާނެއެވެ.
- އިހަވަންދޫ.ކޮމް ގައި ޝާއިޢުކުރާ ހުރިހާ ކޮންޓެންޓެއްގައިވެސް، ޢާންމު އިޖްތިމާޢީ މިންގަނޑުތަކަށް ނުފެތޭ ހަޑިހުތުރު ބަހާއި މަންޒަރު ބޭނުން ނުކުރާނެއެވެ.
- ކުޑަކުދިން، ނުކުޅެދުން ތެރިކަން ހުންނަ ފަރާތްތައް އަދި ޖިންސީ ގޯނާ ލިބިފައިވާ ފަރާތްތަކާ ގެވެށި އަނިޔާ ލިބިފައިވާ ފަރާތްތަކާއިގުޅޭ ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރާއިރު އެފަރާތްތަކުގެ ކަރާމަތާއި ޙައްޤުތައް ހިމާޔަތްކުރާނެއެވެ. އަދި އެފަރާތްތަކުގެ ވަނަވަރު ހާމައެއް ނުކުރާނެ އެވެ.
- އަނިޔާވެރި ކަންކަމާއި، އަމިއްލަޔަށް މަރުވުމާއި ގުޅުންހުރި ކޮންޓެންޓް ޝާއިޢުކުރާއިރު، އެފަދަ ޢަމަލުތަކަށް ހިތްވަރު ލިބޭފަދަ ގޮތަކަށް ޝާއިޢުކުރުމުން ދުރުހެލިވާނެއެވެ.
- އިހަވަންދޫ.ކޮމް ގެ ހުރިހާ ނޫސްވެރިންނަކީވެސް ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަަށްވުމަށް ޓަކައި، އެއްޗެއް ލިޔުއްވުމަށް، ނުވަތަ އުފައްދައި ޕަބްލިޝްކުރުމަށް، އެއްވެސް ފަރާތަކުން ދޭ ރިޝްވަތެއް އެއްވެސް ނޫސްވެރިޔަކު ޤަބޫލެއްނުކުރާނެއެވެ.
- އިހަވަންދޫ.ކޮމް ގެ ނޫސްވެރިން، ސިޔާސީ ވަކި ފިކުރަކަށް ތާއީދުކޮށް ނުވަތަ ސިޔާސީ ވަކި ފިކުރަކާ ދެކޮޅަށް މަސައްކަތެއް ނުކުރާނެ އެވެ.
- މީހުން ޒާތީ ދިރިއުޅޫމާއި ގުޅޭ މައުލޫމާތު ހާމަކުރުމުގައި އިހަވަންދޫ.ކޮމް ގެ ނޫސްވެރިން ތަބާވާނީ، ނޫސްވެރިކަމުގެ ޕްރޮޕެޝަނަލިޒަމްއާއި މުޖުތަމައުގެ އާންމު އަހުލާގީ މިންގަޑާއި މުޖުތަމަޢު އެކަމެއް އެނގެން ބޭނުންވާނެ މިންވަރެއްގެ މައްޗަށެވެ. އަދި އެކަމަކީ އާންމު މުޖުތަމައުއަށް ކޮންމެހެން އެނގެންޖެހޭނެ ކަމެއް ނޫންނަމަ، އެފަދަ ވާހަކަތައް ލިޔާނީ އެމީހުން ނުވަތަ އެއްބައެއް ރުހުން ހޯދައިގެންނެވެ.
- އިހަވަންދޫ.ކޮމް ގައި ޝާއިޢުކުރާ ކޮންޓެންޓްގައި ވީވަރަކުން ބޭނުންކުރާނީ އެހަބަރަކާ ގުޅޭ ފޮޓޯ އަދި ވީޑިއޯއެވެ. އެފެދަ ފޯޓޮއެއް ނުވަތަ ޥީޑިއޯއެއް ނުލިބިގެން އެހެން މެޓީރިއަލްއެއް ބޭނުންކުރާނަމަ އެކަން އަންގައިދިނުމަށް ކެޕްޝަންގައި ތަފްސީލް ލިޔާނެއެވެ. އެފަދަ ހާލަތުގައި އެ ފޮޓޯއިން ނުވަތަ އެ ވީޑިއޯއިން ފެންނަ ބަޔަކަށް ނުހައްގު ބަދުނާމެއް ނުލިބޭނެކަން ކަށަވަރުކުރުމަށް އެޅެންހުރި ފިޔަވަޅުތައް ނޫސްވެރިޔާ އަޅާނެއެވެ.
- އިހަވަންދޫ.ކޮމް ގެ ނޫސްވެރިން ހަބަރާއި މައުލޫމާތު ފަތުރާއިރު މައުލޫމާތުދޭ ފަރާތް ހާމަކުރަން އިސްކަންދޭނެއެވެ. ނަމަވެސް ނަން ހާމަކުރަން ބޭނުންނުވާ މަސްދަރުތައް ނޫސްވެރިޔާ ސިއްރުކުރާނެއެވެ. ޝާއިއު ކުރާ މައުލޫމާތެއްގައި އެއްވެސް ފަރާތެއްގެ ނަން ބޭނުން ކުރާނަމަ، މައުލޫމާތު ހޯދުމަށްކުރެވޭ މުއާމަލާތުގައި އެފަރާތަށް އެކަން އަންގާނެއެވެ.
- މިނިވަން ނޫސްވެރިކަން ކުރަން ހުރަސް އެޅޭ ގޮތަކަށް އިހަވަންދޫ.ކޮމް ގެ އެއްވެސް ނޫސްވެރިޔަކު އެހެން ނޫސްވެރިޔަކާ ދެކޮޅަށް އަދި އެހެން އެހެން މީޑިއާއަކާ ދެކޮޅަށް ބިރުދައްކައި ތަފާތުކޮށް ނުވަތަ ފުރައްސާރަ ކުރުމުގެ އެއްވެސް އަމަލެއް ނުހިންގާނެއެވެ.
- އިހަވަންދޫ.ކޮމް ގެ ނޫސްވެރިން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރާނީ އެންމެ ޕްރޮފެޝަނަލް އަދި ޒިންމާދާރު ގޮތުގަ އެވެ.