ދީން

ބާވެފައިވާ މުޞްޙަފު، ދީނީ ފޮތް ފަދަ ތަކެތި ނައްތާލާނީ ކިހިނެއް؟

ބާވެފައިވާ މުޞްޙަފު ނައްތާލުމާ ބެހޭގޮތުން ޢިލްމުވެރިންގެ ރައުޔުތައް ހުރީ މިފަދައިންނެވެ. 1- ބާވެ ހަލާކުވެފައިވާ މުޞްޙަފު ނައްތާލާނީ ބިންގަނޑުގައި ވަޅުލައިގެންނެވެ. މިއީ ޙަނަފީންނާއި ޙަންބަލީންގެ ރައުޔެވެ. (ބައްލަވާ: “الدر المختار” (1 / 191). އަދި “كشاف القناع” (1 / 137)) އިބްނު ތައިމިއްޔާގެ ރައުޔަކީވެސް މިއީއެވެ. 2- ބާވެ ހަލާކުވެފައިވާ މުޞްޙަފު ނައްތާލާނީ އަލިފާނުން އަންދާލައިގެންނެވެ. މިއީ މާލިކީންނާއި ޝާފިޢީންގެ ބަސްފުޅެވެ. މިބޭކަލުންގެ ދަލީލަކީ ކީރިތި ޤުރްއާން ޖަމާކޮށް އެއްމުސްޙަފެއްގައި ލިޔެ ބާކީ ހުރި ހުރިހާ މުޞްޙަފްތައް އަންދާލުމަށް ޢުޘްމާނު ރަޟިޔަﷲ ޢަންހު މީސްތަކުންނަށް އަމުރުކުރެއްވުމެވެ. (……فَأَرْسَلَ عُثْمَانُ إِلَى حَفْصَةَ أَنْ أَرْسِلِي إِلَيْنَا بِالصُّحُفِ نَنْسَخُهَا فِي الْمَصَاحِفِ ثُمَّ نَرُدُّهَا إِلَيْكِ ، فَأَرْسَلَتْ بِهَا حَفْصَةُ إِلَى عُثْمَانَ ، فَأَمَرَ زَيْدَ بْنَ ثَابِتٍ ، وَعَبْدَ اللَّهِ بْنَ الزُّبَيْرِ ، وَسَعِيدَ بْنَ الْعَاصِ ، وَعَبْدَ الرَّحْمَنِ بْنَ الْحَارِثِ بْنِ هِشَامٍ ، فَنَسَخُوهَا فِي الْمَصَاحِفِ …وَأَرْسَلَ إِلَى كُلِّ أُفُقٍ بِمُصْحَفٍ مِمَّا نَسَخُوا ، وَأَمَرَ بِمَا سِوَاهُ مِنْ الْقُرْآنِ فِي كُلِّ صَحِيفَةٍ أَوْ مُصْحَفٍ أَنْ يُحْرَقَ ) – {رواه البخاري في صحيحه (4988)} ޢުޘްމާނު ރަޟިޔަﷲ ޢަންހު، ޙަފްޞާ ރަޟިޔަﷲ ޢަންހާގެ އަރިހަށް ސިޓީފުޅެއް ފޮނުއްވިއެވެ. އެ ސިޓީފުޅުގައި ”ކަމަނާގެ އަތުގައި ހުރި ޤުރުއާން ލިޔެފައިވާ ފަތްފުށްތައް މުޞްޙަފުގައި ލިޔެ ނަކަލުކުރުމަށްޓަކައި ފޮނުއްވާ ދެއްވުމަށާއި އަދި ނަކަލުކޮށް ނިމުމުން އެ ފަތްފުށްތައް ކަމަނާއަށް ރައްދުކޮށްދެއްވާނަން” ކަމަށް ވިދާޅުވެފައިވެއެވެ. ފަހެ އެކަމަނާ އެ ފަތްފުށްތަށް ފޮނުއްވެވިއެވެ. ދެން އެފަތްފުށްތައް ނަކަލު ކުރުމަށް ޢުޘްމާނުގެފާނު، ޒައިދު ބިން ޘާބިތަށާއި، ޢަބްދުﷲ ބިން އައްޒުބައިރަށާއި ސަޢީދު ބިން އަލްޢާޞް އާއި ޢަބްދުއްރަޙްމާން ބިން އަލްޙާރިޘް ބިން ހިޝާމަށް އަމުރުކުރެއްވިއެވެ. ދެން މުޞްޙަފުތަކަށް އެބޭކަލުން އެ ފަތްފުށްތައް ނަކަލުކޮށްފިއެވެ. ދެން އަލަށް ހެއްދެވި މުޞްޙަފުތަކުގެ ކޮޕީއެއް ކޮންމެ އިސްލާމީ ރަށަކަށް ފޮނުއްވެވިއެވެ. އަދި ކީރިތި ޤުރުއާނުގެ އަލަށް ޖަމާކުރެވުނު މުޞްޙަފުނޫން، ޤުރުއާން ލިޔެފައިވާ ފަތްފުށްތަކާއި އެހެނިހެން މުޞްޙަފުތައް އަންދާލުމަށް އެކަލޭގެފާނު އަމުރު ކުރެއްވިއެވެ.” ޝްރެޑިންގ (ކަރުދާސް ކުދިކުރާ މެޝިނުން ވީދުން) މީގެ މެޝިނުން ކީރިތި ޤުރުއާން ލިޔެފައިވާ ކަރުދާސްތައް ނުވަތަ ބާވެފައިވާ މުޞްޙަފެއް ކުދިކުރާނަމަ ލަފުޒުތައް ކަރުދާހުގައި ވަކިވާން ނުހުންނަވަރަށް ކުދިކުދި ކުރަންޖެހޭނެއެވެ. އެހެންނޫނީ މިފަދަ މެޝިނުން ކުދިކޮށްގެން ނައްތާލުން ހުއްދައެއް ނުވާނެއެވެ. ލަފުޒުތަކާއި އަކުރުތައް ވަކިވާން ނުހުންނަވަރަށް އެހާވެސް ބޮޑަށް ކުދި ކުރެވޭނަމަ މިފަދަ މެޝިނަކުން ކުދިކޮށްގެން ނައްތާލުން ހުއްދައެވެ. (ބައްލަވާ ޝައިޚް ޢުޘައިމީންގެ ފަތުވާ “فتاوى نور على الدرب” (2 /384)) މި ރައުޔުތަކަށް ބަލާއިރު، އެންމެ ޞައްޙަކަންބޮޑު، އަދި އެންމެ ރަނގަޅަށް އޭގެ މަޤްޞަދު ޙާޞިލްވާނެގޮތަކަށް ބެލެވެނީ އަންދާލުމެވެ. ވީމާ ބާ މުޞްޙަފާއި، ކީރިތި ޤުރުއާން ލިޔެފައިވާ ފޮތްތަކާއި ކަލަންޑަރުފަދަ ތަކެތި އަދި ﷲ ގެ އިސްމުފުޅު ލިޔެފައިވާ ލިޔުންތައްވެސް ނައްތާލަން އެންމެ ރަނގަޅުގޮތަކީ އެފަދަ ތަކެތި އަންދާލުމެވެ.   މުހިއްމު ނުކުތާތައް 1- ބާވެފައިވާ މުޞްޙަފާއި، ވީދިފައިވާ މުޞްޙަފު، އަދި ކީރިތި ޤުރުއާނުގެ މުޞްޙަފުން ވަކިވެފައިވާ ގަނޑުތައް، ކީރިތި ޤުރުއާން ލިޔެފައިވާ ފޮތްތައް ނައްތާލާނީ މިގޮތަށެވެ. 2- ސްކޫލް މަދަރުސާ ކުދިން ބޭނުންކުރާ ބައެއް މާއްދާތަކުގެ ފޮތްތައް މިސާލަކަށް އިސްލާމް މާއްދާގެ ފޮތްތައްވެސް ނައްތާލާނީ މިގޮތަށެވެ. 3- އާޔަތްތައް ލިޔެފައިވާ ކަލަންޑަރު ފަދަ ތަކެތިވެސް ނައްތާލާނީ މި ގޮތަށެވެ. 4- ބާވެފައިވާ މުޞްޙަފާއި، ޤުރުއާނާއި ﷲ ގެ އިސްމުފުޅު ހިމެނޭ ފޮތްތައް، އާޔަތްތައް ލިޔެފައިވާ ކަލަންޑަރު ނޫސް މަޖައްލާ ފަދަ ތަކެތި ކުނިގޮނޑަށް އުކުމަކީ ހުއްދަކަމެއް ނޫނެވެ. އެއީ ﷲ ގެ ކަލާމްފުޅަށާއި އެއިލާހުގެ އިސްމުފުޅަށް އިހާނެތިކޮށް ހިތުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. 5- މުޞްޙަފު އަދި ﷲ ގެ އިސްމުފުޅު އޭގައި ހިމެނޭ ފޮތްތައް އަންދާލުމަށްފަހު އޭގެ އަޅިއަށް ވަކިގޮތެއް ހަދާކަށް ނުޖެހޭނެއެވެ. 6- މޫދަށް ނުވަތަ ކަނޑަށް އެއްލާލުމަކީވެސް އެހާ ރަނގަޅުގޮތެއް ނޫނެވެ. މުޞްޙަފު ލިޔެފައި ހުންނަނީ ވަރަށް މޮޅު ކަރުދާހެއްގައި ކަމުން، ފެނަށް ގިރިގެން ނުގޮސް، ރަށްރަށަށް ލެއްގުމަކީވެސް ކައިރީގައިވާ ކަމެކެވެ. 7- ބިސްމިﷲ ލިޔެފައި ހުންނަ ސިޓީތަކުގައި ބައެއް މީހުން، އޭގެ މަތީގައި ޤަލަމަކުން ނުވަތަ މާކަރެއް ފަދަ އެއްޗަކުން އަކުރުތައް ވަކިނުވާގޮތަށް ކުލަގަދަކޮށް ފަވާލައެވެ. މިގޮތަށް ހެދުމަކީވެސް އެހާ ރަނގަޅުކަމެއް ނޫނެވެ. ސަބަބަކީ މިފަދައިން ހަދާފައި އެއްލާލާ ބައެއް ސިޓީފަދަ ތަކެތި ވާރޭ ވެހުމުގެ ސަބަބުން ނުވަތަ އެނޫންވެސްގޮތަކަށް ތެމިގެން ޤަލަމުގެ ދެލި ނުވަތަ މާކަރުގެ ދެލި ފެވި ނުވަތަ ފަނޑުވެ، އިސްމުފުޅު ލިޔެފައިވާ ބައި ފަހުން ފާޅުވާގޮތް މެދުވެރިވެއެވެ. މިކަމުގައި ޢަމަލު ކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ އެފަދަ ސިޓީއެއް ނައްތާލުމުގެ ކުރިން ބިސްމި އިން ތަންކޮޅު ވަކިން ކަފާލުމެވެ. އަދި ފަހުން އެގޮތަށް ކަފާލާފައިވާ ބިސްމިލިޔެފައިވާ ތަންތަންކޮޅު އަންދާލުމެވެ. 8- އެފަދަ ތަކެތި އަންދާލާ އަޅިއަށް ވަކިގޮތެއް ހަދާކަށް ނުޖެހޭނެއެވެ. އުކާލީމާ ނިމުނީއެވެ.   މަރްޖިޢުތައް https://islamqa.info/ar/answers/114932 https://islamqa.info/ar/answers/105326
އައްޝައިޚު މުޙައްމަދު ޝާފިޢު