Banner Image Description

ވިންޑޯސް 11 އަންނަނީ..؟

މުޙައްމަދު އިމްރާން

މައިކްރޮސޮފްޓުން މިއުޅެނީ ކީއްކުރަންބާވައެވެ؟ މައިކްރޮސޮފްޓްގެ ރަސްމީ ޓުއިޓާ އެކައުންޓުން، މިމަހުގެ 24 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ މައިކްރޮސޮފްޓް އިވެންޓަށް އެންމެންނަށް މިވަނީ ދައުވަތުދީފައެވެ. އެހެންވެ، އެސުވާލުވެސް އުފެދެނީއެވެ. މައިކްރޮސޮފްޓުން އިވެންޓްގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ. ދަޢުވަތާއެކުގައި އެއްހީރާސްކޮށްފައިވަނީ އެންމެ 6 ސިކުންތުގެ ވީޑިއޯއެކެވެ. މި ކުރު ވީޑިއޯކޮޅުން ފެންނަނީ، މައިކްރޮސޮފްޓުގެ ވިންޑޯސް ރަމްޒުކޮށްދޭ ލޯގޯ ކަމުގައިވާ ކުޑަދޮރުފަތުން އެތެރެއަށް ފުރޭނިގެން ވަދެފައިވާ އިރުގެ އަލިކަމާއި، އިރުގެ ހިނގުމާއިއެކުގާ އެ އަލިގަނޑު ބަދަލުވަމުންދާ ގޮތެވެ. އެއިންދޭހަކޮށްދޭ ވާހަކަތައް ޓެކްނޮލޮޖީއަށް ލޯބިކުރާ ފަރާތްތަކުން އެމީހަކު އެންމެ ހިތްހަމަޖެހޭ ގޮތަށް އެބަ މާނަކުރެއެވެ. ހިޔަނިން ފެންނަގޮތުން، ވިންޑޯސްގެ ލޯގޯ ހަތަރު ދޮރުފަތް ހާމަކުރުމަށް، ހުރަހަށް އަޅާފައިވާ ‘ފަތިގަނޑު’ ގެ ހިޔަނި ނުފެނެއެވެ. އެހެންކަމުން އެއްބަޔަކު މާނަކުރަނީ، ވިންޑޯސްގެ ލޯގޯ ދެ ދޮރުފަތުގެ ކުޑަދޮރަކަށް ބަދަލުވަނީ ކަމަށެވެ. އެއީވެސް ވެދާނެކަމެކެވެ.

އެއްބަޔަކު ބުނަނީ، މައިކްރޮސޮޓްގެ ވިންޑޯސް އަށް ގެންނަން ނިންމާފައިވާ ބަދަލުތައް ދައްކައިލަން ބާއްވާ އިވެންޓެން ކަމަށެވެ. އަނެއްބަޔަކު ބުނަނީ، މި ޒަމާނުގެ ވަރުގަދަ ފާޑުވެރި ބަދަލުތަކެއް ވިންޑޯސް އަށް ގެންނަންއުޅެނީކަމަށެވެ. ވިންޑޯސްގެ ލޯގޯވެސް އިތުރަށް ފުރިހަމަވަނީއޭ ކިޔާއަޑުވެސް އިވެއެވެ. އެގޮތުން، ވިންޑޯސްގެ ލޯގޯ އާއި ކުލަތަކަށް މި ޒަމާނުގެ ޖީލާ ގުޅޭ ކުލަވަރެއް ގެންނާނެ ކަމަށްވެއެވެ. އެންމެ ވަރުގަދައަށް އިވޭ ވާހަކައަކީ، ވިންޑޯސް 11 ދައްކާލަން އުޅެނީކަމަށްބުނެ ދެކެވޭ ވާހަކައެވެ. މަކަމަށް އެންމެ ބޮޑަށް ބާރުދޭ ކަމަކީ، މައިކްރޮސޮފްޓުގެ މި ހާއްސަ އިވެންޓް ބާއްވާ ގަޑިއެވެ. އާއްމުގޮތެއްގައި، މައިކްރޮސޮފްޓުން، ސަރފަސްގެ އެކިއެކި އުފެއްދުންތަކާއި ވިންޑޯސްގެ އެކިއެކި ބަދަލުތައް ގެނެސްދިނުމަށް ކުރިން ބޭއްވި އިވެންޓްތަކާ ހިލާފަށް މި އިވެންޓް ބާއްވަން ނިންމާފައިވަނީ، މެންދުރުގެ 11 ޖަހާއިރުކަމުގައިވާކަމެވެ.

މީގެ އިތުރުން ވިންޑޯސްއަށް ބަދަލުތަކެއް އަންނަ އުޅޭކަމުގެ އިޝާރާތެއް ދާދިފަހުން، މައިކްރޮސޮފްޓްގެ ސީއީއޯ ސަޓިއާ ނަޑެލާވަނީ ދީފައެވެ. ސަޓިއާ ނަޑެލާ ވިންޑޯސްއަށް ލޯބިކުރާ ފަރާތްތަކަށް ދީފައިވާ ޔަޤިންކަމަކީ، ވިންޑޯޒް އަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެންނަ އިރު، ގަޔާވާނެ ކަހަލަ ފުރިހަމަ އަދި ޗާލު ސިފަތަކަކެއް ގެނެސްދޭނެކަމުގެ ޔަޤީންކަމެވެ. މީގެ ކުރިން މައިކްރޮސޮފްޓުންވަނީ، ވިންޑޯސް 10 ނެރެފައިވަނީ، ވިންޑޯސް 8 ގެ ފަހުން، ވިންޑޯސް 9 ނުނެރެއެވެ. މިފަހަރުވެސް، ކިޔާލަން ފަސޭހަ އަދަދަކާ ދިމާއަށް މައިކްރޮސޮފްޓުން ނުދާނެއެކޭ ނުބުނެވޭނެއެވެ. ހަމަ ޔަޤީނުންވެސް، ފާހަގަވާފަދަ ބޮޑެތި ބަދަލުތަކެއް ވިންޑޯސްއަށް ގެންނައިރު، ވިންޑޯސް 10 އަދާހަމަކުރުމުގެ ބަދަލުގައި އެހެންނަމެއްގައި އަލަށް ވިންޑޯސް އުފަންކުރުމަކީ، އެންމެ ލާއިގު ގޮތްކަމުގައި ޤަބޫލުކުރެވެއެވެ.