އިހަވަން ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ މުއްދަތު ޖުލައި މަހުގެ 6 އަށް އިތުރުކޮށްފި!

އިސްމާއިލް ހައްމާޒް

ހއ. އިހަވަންދޫ ސީ.ޕީ.އެސް. ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލްބް (ސާރކް) އިން އިންތިޒާމުކޮށްގެން މި މަހު 25 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިހަވަން ފުޓްސަލް ޗެލެންޖު 2025 ގައި ބައިވެރިވުމުގެ މުއްދަތު ޖުލައި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މިހާތަނަށް މި މުބާރާތުގައި 8 ޓީމެއް ބައިވެރިވެފައިވެއެވެ. ހއ. އަތޮޅަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ މި އަހަރުގެ މުބާރާތުގައި މިހާތަނަށް ބައިވެރިވެފައިވަނީ އިހަވަންދޫ އަށް ނިސްބަތްވާ 8 ޓީމެވެ. އެއީ، ބޮޑުމަގު، އެން.ވީ.ކޭ، ޔުނައިޓެޑް ޔޫތު، މިސްކިތްމަގު ސްޕޯޓްސް ކުލަބް، ކުޅިމަގު، ސެންސިޓީ، ބޮޓަފޯގޯ ވައި.ޖީ، އަދި ފަސްގަނޑެވެ. މި މުބާރާތުގައި ބައިވެރިވެވެނީ އިހަވަންދޫއިން ސާރކްގައި ރަޖިސްޓްރީ ކޮށްފައިވާ ޓީމުތަކުގެ އިތުރުން، އިހަވަންދޫ ފިޔަވާ ހއ. އަތޮޅުގައި ހުރި ރަށު ކައުންސިލްތަކަށާއި، ކުލަބް ޖަމާޢަތްތަކަށާއި، އަދި ރިސޯޓްތަކަށެވެ.

ސާރކްގައި އިހަވަންދޫގެ 9 ޓީމެއް ރެޖިސްޓަރ ކޮށްފައިވާއިރު، ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ޓީމަކަށް 2 ޓީމު ބައިވެރިކުރެވޭނެއެވެ. އެގޮތުން، ‘ބޮޓަފޯގޯ ވައި.ޖީ’ ބައިވެރިވެފައިވަނީ ބޮޑުމަގު މެނޭޖްމަންޓްގެ ދަށުންނެވެ. އަދި ‘ފަސްގަނޑު’ ބައިވެރިކޮށްފައިވަނީ ކުޅިމަގު މެނޭޖްމަންޓްއިންނެވެ. މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ޖުލައި މަހުގެ 6 ވަނަދުވަހުގެ ނިޔަލަށް ހަމަވިކަމުގައި ވީނަމަވެސް، ޓީމު ލިސްޓް ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 20 ވަނަ ދުވަހެވެ.
މުބާރާތުގެ ބައިވެރިވުމުގެ މުއްދަތު އިތުރު ކުރުމާއި ގުޅޭގޮތުން، ސާރކްގެ ރައީސް މުޙައްމަދު ނާޔިފު ބުނެފައިވަނީ، މި މުބާރާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ރަށުން ބޭރު ޓީމުތަކުންވެސް ފާޅުކޮށްފައިވުމާއެކު، މި މުބާރާތް ކުރިއަށްދާ ވަގުތު އަތޮޅުގެ އެހެން ރަށްތަކުގައިވެސް ފުޓްސަލް މުބާރާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާތީ، ބައިވެރިވުމުގެ މުއްދަތު އިތުކޮށްދިނުމަށް ބައެއް ރަށްރަށުން އެދިލެއްވުމާއި ގުޅިގެން އެ ފުރުސަތު ޓީމުތަކަށް ފަހި ކޮށްދިނީކަމަށެވެ. އަދި މި އަހަރުގެ މުބާރާތުންވެސް ރަށުން ބޭރު ޓީމުތައް ފެނިގެންދާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތްކަމުގައިވެސް ނާޔިފު ބުނިއެވެ.
މީގެކުރިން ސާރކް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންގޮސްފައިވަނީ ‘ބޮޑު ތިލަދުންމަތީ ފުޓްސަލް ޗެލެންޖު’ އެވެ. އެ މުބާރާތަކީ ހއ، ހދ، އަދި ށ އަތޮޅަށް ހުޅުވާލެވިގެން ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. ފާއިތުވި ދެ އަހަރުވެސް ރާއްޖޭގެ ދެވަނަ ހދ. ނައިވާދޫ އެ މުބާރާތުގައި ބައިވެރިވެފައިވެއެވެ. ބޮޑު ތިލަދުންމަތީ ފުޓްސަލް ޗެލެންޖުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ބޮޑުމަގެވެ.