މައިކަޕް މިއަދު ފަށަނީ، ފުރަތަމަ މެޗްގައި ބައްދަލުކުރަނީ އިރަމާ އަދި ސެންސިޓީ

ލުޤުމާން އަޙްމަދު

އިހަވަންދޫގެ ދެ ޓީމް ކަމަށްވާ ކްލަބް އިރަމާ އަދި ސެންސިޓީގެ ކުރިމަތިލުމަކުން، ބިއުޓިފުލް ބްލޫ މައިކަޕް 2024 ފުޓްބޯޅަ މުބާރާތް މިއަދު ފަށާނެއެވެ. ކްލަބު ޕޯލްސްޓަރ އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މިމުބާރާތުގެ ފުރަތަމަ މެޗް ފަށާނީ މިއަދު ހަވީރު 16:00 ގައެވެ.

މިމުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 20:00 ގައެވެ. މިރޭވެސް މިމުބާރާތުގެ މެޗެއް ކުޅޭނެއެވެ. އެމެޗްގައި ބައްދަލުކުރާނީ އެންވީކޭ އަދި ކުޅިމަގެވެ. މިމުބާރާތް ކުރިޔަށްދާނީ، މިމުބާރާތުގައި ބައިވެރިވި 9 ޓީމް ދެ ގްރޫޕަކަށް ބަހާލައިގެން ލީގް އުސޫލުން ގްރޫޕް ސްޓޭޖްކުޅެ، ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. ގްރޫޕް “އޭ” ގައި ހިމެނުނީ ، އިހަވަންދޫއަށް ނިސްބަތްވާ ޓީމްތައް ކަމަށްވާ ކްލަބް އިރަމާ، ސެން ސިޓީ، ކުޅިމަގު އަދި އެންވީކޭއެވެ. ގްރޫޕް “ބީ” ގައި ހިމެނުނީ މުޅިންވެސް އިހަވަންދޫއިން ބޭރުގެ ޓީމް ތަކެވެ. އެއީ ބީބީ ބްރަދާސް، އުލިގަން، ތުރާކުނު އާރު.ސީ، ހޯރަ ޔުނައިޓެޑް އަދި ހީވެސްނުވޭއެވެ.

ބިއުޓިފުލް ބްލޫ މައިކަޕް 2024، ފުޓްބޯޅަ މުބާރާތުގައި 6 ރަށަކުން 9 ޓީމް ވަނީ ބައިވެރިވެފައެވެ.  މައިކަޕްގެ ބާނީއަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެވެ.  2007 ވަނަ އަހަރުންފެށިގެން މިހާތަނަށް މައިކަޕްގެ 13 މުބާރާތެއް ބާއްވާފައިވާއިރު، މިއީ މިސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް މުބާރާތެވެ.  މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކޮށްފައިވަނީ ބިއުޓިފުލް ބްލޫއެވެ. ބިއުޓިފުލް ބްލޫއިން މުބާރާތުގެ ފޯރި ގަދަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދާނެކަންވަނީ އިއުލާންކޮށްފައެވެ. މިއަހަރުގެ މައިކަޕްގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމައިފައެވެ.