އިހަވަންދޫ ޓީމެއްނެތި، މައިކަޕްގެ ފައިނަލެއް އަދި ނުކުޅޭ!

.

މިހާތަނަށް މައިކަޕްގެ 13 މުބާރާތެއް ބާއްވާފައިވާއިރު، ފައިނަލްގައި އެއްކޮޅުން އިހަވަންދޫއަށް ނިސްބަތްވާ ޓީމެއް ވާދަނުކުރާ ފައިނަލެއް މިހާތަނަށް ކުޅެފައެއްނުވެއެވެ. އިހަވަންދޫއަށް ނިސްބަތްވާ 8 ޓީމަކުން މައިކަޕް 10 ފަހަރު ކާމިޔާބު ކޮށްފައިވާއިރު، މާރަންދޫގެ 2 ޓީމަކުން މައިކަޕް 3 ފަހަރުވަނީ ކާމިޔާބު ކޮށްފައެވެ.

މިއަހަރުގެ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައިވަނީ އެންމެފަހުން ކުޅުނު، 13 ވަނަ މައިކަޕް މުބާރާތުގެ ސެމީފައިނަލުގައި ކުޅުނު 3 ޓީމްގެ އިތުރުން ހޯރަ ޔުނައިޓެޑެވެ. އެންވީކޭ، ކުޅިމަގު އަދި ދިއްދޫ ހީވެސްނުވޭ ވަނީ 13 ވަނަ މައިކަޕްގެ ސެމީފައިނަލްގައިވެސް ވާދަކޮށްފައެވެ.

14 ވަނަ މައިކަޕްގެ ސެމީފައިނަލް މިއަދު ކުޅޭއިރު، މައިކަޕްގެ ތާރީހް ބަދަލުވާނީތޯ ނުވަތަ އިއާދަވާނީތޯ އެއީ ފޭނުންގެ މެދުގައި އެންމެ ބޮޑަށް އުފެދޭނެ އެއް ސުވާލުކަން ޔަޤީނެވެ. އިއްތިފާގަކުން 14 ވަނަ މައިކަޕްގެ ގުރުލުމާއި ހަމައިންވެސް، އިހަވަންދޫގެ ދެ ޓީމް އަދި އިހަވަންދޫއިން ބޭރު ދެ ޓީމް މިމުބާރާތުގެ ސެމީފައިނަލްގައި ކުޅޭނެކަން އޮތީ ކަށަވަރުވެފައެވެ. އެއީ ބައިވެރިވާ ޓީމްތައް ދެ ގްރޫޕަކަށް  ބަހާލިއިރު، އިހަވަންދޫ ޓީމްތައް ގްރޫޕް “އޭ” އަށް އަދި ރަށުންބޭރު ޓީމްތައް ގްރޫޕް “ބީ” ގައި ހިމެނުމުންނެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ކުޅިމަގު ނުކުންނާނީ ދިއްދޫ ހީވެސްނުވޭއާ ދެކޮޅަށެވެ. އަދި ސެމީ ފައިނަލް ދެވަނަ މެޗްގައި މިރޭ އެންވީކޭ ނުކުންނާނީ ހޯރަފުށި، ހޯރަ ޔުނައިޓެޑާއި ދެކޮޅަށެވެ.

މިއަހަރުގެ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައިވާ ޓީމްތަކަށް ބަލާއިރު، މިމުބާރާތުގެ އެންމެ ފޮނި އަދި ހިތި ތާރީހެއް އޮތީ އެންވީކޭ އަތުގައެވެ. ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ޓީމް ތަކުގެ ތެރޭގައި މިމުބާރާތް ކާމިޔާބު ކޮށްފައިވާ ހަމައެކަނި ޓީމަކީ އެންވީކޭއެވެ. އެންވީކޭއިންވަނީ 2012 ވަނަ އަހަރު ބޭއްވި މައިކަޕް މުބާރާތުގެ ތަށި ހިއްލާލައިފައެވެ. ނަމަވެސް އެޓީމަށް އޮތް ބިރަކީ ފައިނަލް ތަކުގައި ނުކުތް ހިތި ނަތީޖާއެވެ. އެޓީމް މިމުބާރާތުގެ ފައިނަލްގައި 4 ފަހަރު ވާދަކޮށްގެން މުބާރާތް ކާމިޔާބުކުރެވުނީ 1 ފަހަރުއެވެ. 2012 ވަނަ އަހަރު އެންވީކޭއަށް މައިކަޕް ކާމިޔާބުކޮށްދިން ކޯޗް، ހަމްޒާގެ އިރުޝާދުގެ ދަށުން އެޓީމް ނުކެމެފައިއެވަނީ އެހިތި ތާރީހް ބަދަލުކުރަންކަން ޔަޤީނެވެ.  އެންމެފަހުން ބޭއްވި 13 ވަނަ މައިކަޕް މުބާރާތުގެ ސެމީ ފައިނަލްގައި އެންވީކޭ ވާދަކުރިއެވެ. ނަމަވެސް ފައިނަލަށް ދިއުމަށް ހުރަހަކަށްވީ ޔުނައިޓެޑް ޔޫތެވެ.

ދިއްދޫ ހީވެސްނުވޭ ޓީމް ސެމީފައިނަލް މެޗަށް ނުކުންނާނީ ތާރީހް ރިޕީޓް ކުރަންކަން ޔަޤީނެވެ. ޓީމަށް ލިބިގެންދާނެ އެއް ހިތްހަމަޖެހުމަކީ 13 ވަނަ މައިކަޕްފަދައިން މިފަހަރުވެސް ސެމީ ފައިނަލްގައި ކުޅިމަގާއި  ވާދަކުރަންޖެހުމެވެ. އެފަހަރުގެ ސެމީ ފައިނަލް މެޗަކީ މިހާތަނަށް މައިކަޕްގެ ތާރީހްގައި ކުޅުނު އެންމެ ނޭވާ ހިފަހައްޓައިލަންޖެހުނު އެއްމެޗެވެ. ކުޅިމަގުން ފުރަތަމަ ހާފްގައި ދެ ގޯލްޖަހައި ލީޑް ނަގާފައިވަނިކޮށް ހީވެސްނުވޭ އެއްވަރުކުރީ މެޗްގެ އެންމެ ފަހު ވަގުތު ކޮޅުއެވެ. ޕެނަލްޓީގައި 8-7 ގެ ނަތީޖާއެކުން މޮޅުވެ ހީވެސްނުވޭ ފައިނަލަށް ދަތުރުކުރި ނަމަވެސް، ފައިނަލްގައި އެޓީމް ޔުނައިޓެޑް ޔޫތް އަތްދަށުވީއެވެ. މިއީ ހީވެސްނުވޭ ބައިވެރިވި ދެވަނަ މައިކަޕް މުބާރާތެވެ.

13 ވަނަ މިއިކަޕްގެ ހިތި ހަދާންތަކުން ދުރުވުމަށް ކުޅިމަގު، މިއަދު ހަވީރުކުޅޭ ސެމީފައިނަލްގެ ފުރަތަމަ މެޗަށް ނުކުންނާނީ ހީވެސްނުވޭ ކިބައިން ބަދަލުހިފައި ތާރީހް ބަދަލުކުރުމަށްކަން ޔަޤީނެވެ. 2017 އަދި 2019 ވަނަ އަހަރު ކުޅިމަގުވަނީ، ސެމީފައިނަލްގައި ކުޅެފައެވެ. ނަމަވެސް އެޓީމަށް މިހާތަނަށް މައިކަޕްގެ ސެމީފައިނަލް ފަހަނައަޅައި ދެވިފައެއް ނުވެއެވެ.

ހޯރަ ޔުނައިޓެޑް މިމުބާރާތުގެ ސެމީފައިނަލަށް ނުކުންނައިރު އޮންނާނެ އެންމެބޮޑު ހިންހަމަޖެހުމަކީ، މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ސެމީފައިނަލުން ޖާގަހޯދި ހަމައެކަނި ޓީމަކަމީ އެޓީމަށްވުންކަން ޔަޤީނެވެ. މީގެއިތުރުން އެޓީމަކީ ގިނަ ބެލުންތެރިންވެސް ފެވަރިޓުންކަން ޔަޤީނެވެ.

ކޮންމެއަކަސް 14 ވަނަ މައިކަޕްގެ ފައިނަލްގައި ވާދަކުރާނެ ޓީމްތައް މިއަދު ކަށަވަރުވެގެން ދާނެއެވެ. ފައިނަލްގައި ވާދަކުރާ ޓީމްތައް ނިސްބަތްވަނީ ކޮންރަށް ތަކަކަށްކަން އެނގިގެންދާނީ ސެމީފައިނަލްގެ ދެ މެޗަށްފަހުއެވެ.