ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ބާއްވާ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް، އިހަވަން ފުޓްސަލް ޗެލެންޖަށް ރިބްރޭންޑްކޮށް މިއަހަރުގެ ޖުލައި މަހުގެ 25 ގައި ފަށާނެކަން، ސާކް އިން އިޢުލާން ކޮށްފިއެވެ. ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖަކީ ސާކުން 2023 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފުޓްސަލް މުބާރާތެކެވެ.
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް، އިހަވަން ފުޓްސަލް ޗެލެންޖަށް ރިބްރޭންޑް ކޮށްފައިވާއިރު، ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ، މިމުބާރާތް ހއ އަތޮޅަށް ހާއްސަ ކޮށްފައިވުމެވެ. ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް، ކުރިން އާމާޒް ކޮށްފައި އޮންނަނީ ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކަށެވެ.
އިހަވަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 30،000ރ އަދި ރަނަރަޕް ޓީމަށް 7،000ރ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ. ސާކްގެ ރައީސް ނާއިފް ވިދާޅުވީ، މިއަހަރުގެ މުބާރާތުގެ ތައްޔާރީތަކާއި އިންތިޒާމް، ކުރީގެ މުބާރާތްތަކަށްވުރެ ރަނގަޅުވާނެ ކަމަށާ، މިއަހަރުގެ ޖޫން މަހު މިމުބާރާތުގައި ބައިވެރިވުމަށް ހުޅުވައި ލާނެކަމުގައެވެ.
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2023 ގައި 10 ޓީމެއް ބައިވެރިވެފައިވާއިރު އެފަހަރުގެ މުބާރާތް ކާމިޔާބުކުރީ ޔުނައިޓެޑް ޔޫތެވެ. އެންމެފަހުން ބޭއްވި ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024 ގައި 9 ޓީމެއް ބައިވެރިވިއިރު ޗެމްޕިއަން ޓީމަކީ އެފްސީ ބޮޑުމަގެވެ.