ނޯއާ ދޯނިން މަހަށް ގޮސްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!

.

ނޯއާ ދޯނިން މަހަށް ގޮސްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު އޮތްކަން، އެ ދޯނީގެ ވެރިޔާ އަބްދުލްހަލީމް ޢަބްދުއް ނާޞިރު އިއުލާން ކޮށްފިއެވެ. އަބްދުލްހަލީމް އިއުލާން ކޮށްފައިވާ ގޮތުގައި އެފުރުސަތު ދިނުމަށް ނިންމާފައިއޮތީ، ނޯއާ ދޯނީގައި މަސައްކަތްކުރާ ދިވެހި ފަޅުވެރިންގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށެވެ.

ހަލީމްވަނީ އުމުރާ ދަތުރު ދިނުމަށް ހޮވާ ގުރުއަތަގައި ބައިވެރި ކުރާނެ ފަޅުވެރިންގެ ހުންނަންވާނެ ޝަރުތުތައްވެސް ހާމަކޮށްފައެވެ. އެގޮތުން ނޯއާ ދޯނީގައި 1 އަހަރު މެދުނުކެނޑި މަސައްކަތް ކުރުމާއި، އިޙްލާސްތެރި ހީވާގި މަސްވެރިއެއް ކަމުގައި ވުމުގެ އިތުރުން އެއީ ދިވެއްސަކަށް ވާންޖެހެއެވެ. އެއް އަހަރު ގުންނަން ފަށާނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 12 މަސް ދުވަހަށެވެ. ހަލީމް އިއުލާން ކޮށްފައިވާ ގޮތުގައި މިފުރުސަތުގައި އުމްރާއަށް ފޮނުވާނީ އަންނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން (9666699) ހަލީމްއާއި ގުޅުމަށް އޭނާ އެދެއެވެ.

އިހަވަންދޫގައި މަސްވެރިކަމަށް ނުކުންނަ 14 އުޅަނދަށްވެސް، ފަޅުވެރިން ނުލިބުމުގެ މައްސަލަ ވަރަށްބޮޑަށްވަނީ ކުރިމަތިވެފައެވެ. މަސްވެރިކަމަށް އަލަށް ގުޅޭ ޒުވާނުންގެ އަދަދު ބޮޑުތަނުން މަދުވެފައިވާއިރު، ޒަމާނުންސުރެ މަސްވެރިކަމުގައި އުޅުނު ބައެއް ފަރާތްތައްވެސްދަނީ އެހެން ވަޒީފާތަކަށް ބަދަލުވަމުންނެވެ. މިކަމުގެ ސަބަބެއްކަމުގައި މަސްވެރިން ބުނަމުން އަންނަނީ މަހަށް ހަމަ އަގު ނުލިބުމުގެ އިތުރުން މަސްވެރިކަމުގައި ކުރަންޖެހޭ ހަރަދު އެތައްގުނަޔަކަށް ބޮޑުވެފައިވުމެވެ. ވަރަށް ފަހަކާ ޖެހެންދެއްވެސް އިހަވަންދޫގެ ދޯނި ފަހަރުގައި އެއްވެސް ބިދޭސީއެއް ނުގެންގުޅެއެވެ. ނަމަވެސް މިހާރު ހުރިހާ ދޯންޏެއްގައިވެސް ބިދޭސީ ފަޅުވެރިން ގެންގުޅެއެވެ.