އިހަވަންދޫގައި އެމްއައިބީގެ އޭޓީއެމް ކިއޮސްކްއެއް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއެކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމް އެއް ބެހެއްޓުމަށް އެކުންފުންޏާއި އިހަވަންދޫ ކައުންސިލާއި ދެމެދު އެއްބަސް ވުމެއްގައި ސޮއެކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އިހަވަންދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕޯސް ހޯލްގައި ބޭއްވި ޖަލްސާގައެވެ.

އެމްއައިބީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެބޭންކްގެ ހެޑް އޮފް ޑިސްޓްރިބިއުޝަން، އިބްރާހިމް ސުހައިލްއެވެ. އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް، އަޙްމަދު ސޮބާހްއެވެ.

އިހަވަންދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމް ކިއޮސްކް ޤާއިމްކުރުމަށް ބިން ދޫކުރުމަށް، އިހަވަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ، 181 ވަނަ އާއްމު ޖަލްސާގައި  ވަނީ ނިންމާފައެވެ. އެގޮތުން އެކުންފުންޏަށް ދޫކުރުމަށް ނިންމާފައިވަނީ 3200 އަކަ ފޫޓްގެ ބިމެކެވެ. އަކަފޫޓެއް 2ރ ގެ ރޭޓުން 20 އަހަރު ދުވަހަށް ދޫކުރާ އެބިން އޮންނަނީ އިހަވަންދޫ ބީއެމްއެލް ބުރާންޗާއި އިންވެގެން އިރުމަތީ ފަރާތުގައެވެ.

އިހަވަންދޫގައި މިވަގުތު އޭޓީއެމްގެ ޚިދުމަތް ދެމުން އަންނަނީ ބޭންކް އޮފް މޯލްޑިވެސް ބީއެމް އެލް އިންނެވެ.