ހާހަކަށްވުރެ ގިނަމީހުން މާދަމާ އިހަވަންދޫއަށް އަންނާނެކަމަށް ލަފާކޮށް، މެހެމާނުންނަށް މަރުހަބާ ކިޔަން ކައުންސިލުން ތައްޔާރުވަނީ!

މުޙައްމަދު އަކުރަމް

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ރޯދަ ބާޒާރުކުރުމަށާއި، ރަށްޓެހިންނަށް ޒިޔާރަތްކުރުމަށް، ހާހަކަށްވުރެ  ގިނަ މީހުން މާދަމާ އިހަވަންދޫއަށް އަންނާނެކަމަށް ލަފާކޮށް، އެމީހުންނަށް މަރުހަބާކިޔުމަށް ތައްޔާރުވަމުން އެބަދެއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް މައުލޫމާތު ދެއްވިގޮތުގައި، މާދަމާ އިހަވަންދޫއަށް 1000 އަށްވުރެ ގިނަ މީހުން އަންނާނެކަމަށް ލަފާކުރެވޭ ކަމުގައެވެ. އެމީހުންނަށް މަރުހަބާކިޔަމަށާއި މެހެމާންދާރީ އަދަކުރުމަށް ކައުންސިލުން ތައްޔާރީތައް ވަމުންދާކަމަށް ސޮބާހް މައުލޫމާތު ދެއްވިއެވެ. ރަށުގެ ވިޔަފާރިވެރިންނާއި ހެއޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއި އެކު މާދަމާ އިހަވަންދޫއަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް ހަދިޔާއެއް ލިބިގެން ދާނޭކަމަށް ސޮބާހް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ޒިޔާރަތްކުރާ ފަރާތްތަކަށް ޒަރޫރީ ބޭނުންތައް ފުއްދޭނެ އިންތިޒާމް ކައުންސިލުން ހަމަޖައްސަވައިދެއްވާނެކަމަށް ސޮބާހް ވިދާޅުވިއެވެ. އިހަވަންދޫއަށް ޒިޔާރަތްކުރާ މެހެމާނުން، ވިޔަފާރިކުރުމަށް ދަތިނުވާނެ ގޮތަކަށް އިންތިޒާމް ހަމަޖެއްސުމަށް، ފިހަރާތަކާއި، ހޮޓާ އަދި ރެސްޓޯރެންޓް ހިންގާ ފަރާތްތަކުގެ ކިބައިން ސޮބާހް އެދިލެއްވިއެވެ.

މާދަމާގެ ދަތުރުތައް އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ، ހޯރަ، އިބްރާހިމް މޫސާ އަދި މާރސް، އަބުދުލް މުއީދު އިބްރާހިމް، އިންތިޒާމްތައް ހަމަޖެއްސެވުމުގައި ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް އިހަވަންދޫ ކައުންސިލްގެ ރައީސް ސޮބާހް ޝުކުރު އަދާކުރައްވައެވެ. އަދި މީގެ އިތުރުން އިހަވަންދޫއަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ދޭން ހަމަޖެހިފައިވާ ހަދިޔާ ދިނުމަށް، އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ވެދެއްވި އެހީތެރިކަން ސޮބާހް  ފާހަގަކުރެއްވިއެވެ.

މުއުލޫމާތު ލިބިފައިވާ ގޮތުގައި، މާދަމާ އިހަވަންދޫއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފާހަނާކުރުވޭނެ އިންތިޒާމްގެ އިތުރުން އަންހެން ކަނބަލުންނަށް ނަމާދުކުރެވޭނެ އިންތިޒާމްވެސް ކައުންސިލުންވަނީ ހަމަޖައްސާފައެވެ. އެގޮތުން މާދަމާ އިހަވަންދޫއަށް ޒިޔާރަތްކުރާ މެހެމާނުން މަޑުކޮށްލުމަށާއި ފާހަނާކުރުމަށް އަދި ކަނބަލުން ނަމާދުކުރުމަށް އިހަވަންދޫ ރައްވެހި ހިޔާ، ޒުވާނުންގެ މަރުކަޒު، ފިނިހިޔާ އަދި ފެރީ ޓާމިނަލްވަނީ ކައުންސިލުން ހަމަޖައްސާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޅުދުއްފުށީ ދެ ބޯޓް ކަމަށްވާ ބާދްޝާހް ބޯޓް އަދި ސީކުއީން، ތުރާކުނު އޮއިވާލި ދޯނި އަދި ނޮޅިވަރަމް އަމާޒް ދޯނި  މާދަމާ އިހަވަންދޫއަށް އައުމަށް ހަމަޖެހިފައިވެއެވެ.

ޚިޔާލު ފައުޅުކުރުން

ތެންކިޔު
ވަރަށް ސަޅި، ވަރަށް ފުރިހަމަ ނަމޫނާ އެއް ތި ދެއްކެވީ ކައުންސިލް އިން، ތިފަދަ ގޮތަކަށް އެހެން ރަށްތަކުންވެސް އަމަލު ކުރާނެ ކަމަށް ވަރަށް އުއްމީދު ކުރަން، މިފަދަ އެއްބައިވަންތަކަން ދިވެހިންތެރޭގަ އޮންނަން ޖެހޭނެ، ކައުންސިލް އަށާއި އިހަވަންދޫ ރައްޔިތުންނަށް ވަރަށް ޝުކުރުވެ ވެރިވަން، ރިއަލް ޕްރައުޑް އޮފް ޔޫ ގައިސް.