ނޫރު މަދަހަ މުބާރާތުގެ އެއްވަނަ ނިޝާމް އަށް!

މުޙައްމަދު އަކުރަމް

މޮޅަދޫ ކައުންސިލުން އިސްނަގައިގެން މޮޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މޮޅަދޫ ސްކޫލް ގުޅިގެން ބާއްވާ، ނޫރު މަދަހަ މުބާރާތުގެ ދެވަނަ ސީޒަނުގެ އެއްވަނަ މޮޅަދޫ ފިނިވާގެ މުހައްމަދު ނިޝާމް ހޯދައިފިއެވެ.

މިމުބާރާތުގެ އެއްވަނަ  ނިޝާން ހޯދީ މިމުބާރާތުގައި ބައިވެރިވި އުމުރުފަރާތަކުން، ކޮންމެ އުމުރުފުރައެއްގެ ގަދަ 3 ވަނާގައި ހިމެނޭ ބައިވެރިންގެ މެދުގައި ރޭ ކުރިޔަށް ގެންދިޔަ ފައިނަލް ރައުންޑްއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދައިގެންނެވެ. މިމުބާރާތުން އެއްވަނަ ހޯދި މުހައްމަދު ނިޝާމްއަށް 5000ރ ގެ ފައިސާގެ އިނާމެއް ދީފައިވާއިރު، މިމުބާރާތުން ދެވަނަ ހޯދި ހައްވާ ޝިއުފާ ޙުސައިންއަށް 2500ރ އަދި މުބާރާތުން 3 ވަނަޔަށްދިޔަ ހަސަން ޝިޔާމް އަށް 1500ރ ގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.

މިފަހަރުގެ މުބާރާތުން އެއްވަނަ ހޯދި ނިޝާމްވަނީ، ނޫރު މަދަހަ މުބާރާތުގެ ފުރަތަމަ ސީޒަނުން ދެވަނަ ހޯދައިފައެވެ. ފުރަތަމަ ސީޒަނުގެ އެއްވަނަ ހޯދި ހަސަން ޝިޔާމްއަށް މިއަހަރުގެ މުބާރާތުން ލިބުނީ 3 ވަނައެވެ.
ރޭ މޮޅަދޫ ސްކޫލްގައިއޮތް މިމުބާރާތުގެ ފައިނަލް ރައުންޑް ޝަރަފްވެރި ކޮށްދެއްވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤްއެވެ. އަދި ގެސްޓް ޖަޖެއްގެ ގޮތުގައި، މަޝްހޫރު ލަވަކިޔުންތެރިޔާ، ޝަލަބީ އިބްރާހީމް ބައިވެރިވެފައިވެއެވެ.

މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ 4 އުމުރުފުރަޔަކަށް ބަހާލައިގެންނެވެ. އެއީ 9 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 16 އަހަރުން މައްޗެވެ. މިމުބާރާތުގައި އެކި އުމުރުފުރާތަކުން ޖުމުލަ 56 ބައިވެރިން މަދަހަ ހުށަހަޅާދީފައިވެއެވެ.