މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން އިހަވަންދޫގައި ހިންގަމުންދާ މަޝްރޫޢުތައް ނުނިމެނީސް، އެކުންފުނީގެ ހުރިހާ ވެހިކަލެއް އިހަވަންދޫއިން ބާލައިފިއެވެ.
އިހަވަންދޫގައި ހިންގުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ ދެ މަޝްރޫއުއެއް އެބައޮތެވެ. އެއީ 10 ނޮވެމްބަރ 2020 ގައި އެކުންފުންޏާއި ގަވާލުކުރި، އިހަވަންދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި، 17 އޯގަސްޓް 2023 ގައި އެކުންފުންޏާއި ހަވާލުކުރި އިހަވަންދޫގައި ތަރައްޤީކުރުމަށް ނިންމާފައިވާ ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުއެވެ. ބިންހިއްކުމުގެ މަސައްކަތް އަދިވެސް ނުނިމޭއިރު ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އަދި ނުފަށައެވެ.
އެކުންފުންޏާއި ސުވާލުކުރުމުން ބުނެފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް ބިންހިއްކުމުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުން ދާކަމަށާއި، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ ގައި ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަސަކަތް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ. އިހަވަންދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މިހާތަނަށްވެސް ނިންމައިލެވިފައި ނުވާއިރު، ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަސަކަތް މިއަހަރުގެ ފުރަތަމަ ކުއާޓަރ ގައި ފަށާނަމަ މިމަސް ނިމުމުގެ ކުރިން ފަށަންޖެހޭނެއެވެ.
އެމްޓީސީސީއިން އިހަވަންދޫގައި އެކުންފުނިން ހިންގާ ބިންހިއްކުމުގެ މަޝްރޫޢު ނުނިމެނިސް އަދި ބަނދަރުގެ މަސައްކަތް ފަށަންޖެހިފައި އޮށްވާ އެކުންފުނީގެ ވެހިކަލްތައް އިހަވަންދޫއިން ގެންދިޔައީ ކިއްތްވެކަމެއް ނޭގެއެވެ.