އިތުރު، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އިހަވަންދޫގައި އަޅަނީ!

މުޙައްމަދު އަކުރަމް

މިހާރު އިހަވަންދޫގައި ހުރި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އިތުރުން، އައު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އިހަވަންދޫގައި ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން  މިހާރުވަނީ އެކަން އިހަވަންދޫ ކައުންސިލަށް އަންގައި، އެސެންޓަރު އެޅުމަށް ބޭނުންވާ ބިން ހަމަޖައްސައި ދިނުމަށް އިހަވަންދޫ ކައުންސިލްގައި އެދިފައެވެ. އެމިނިސްޓްރީއިން މިކަމަށް ބޭނުންވަނީ 95*45 ފޫޓްގެ ޖުމްލަ 4275 އަކަފޫޓްގެ ބިމެކެވެ. މިކަމާ ގުޅޭގޮތުން އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ވިދާޅުވީ، ސްޕޯޓްސް މިނިސްޓްރީއިން އެދިވަޑައިގެންފައިވާ ބިން، އެންމެ އަވަހަށް ބޭއްވޭ އިހަވަންދޫ ކައުންސިލްގެ ޖަލްސާގައި ކަނޑައަޅުއްވާނެ ކަމަށެވެ.

އިހަވަންދޫގައި މިހާރު ހުރި  ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހުޅުއްވައި ދެއްވީ ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލީހް އިހަވަންދޫއަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި 19 ޖުލައި 2023 ގައެވެ. ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ  ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. ޔޫތް މިނިސްޓްރީއިން ކުރިން މިނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، އިހަވަންދޫގައި އިމާރާތްކޮށްފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް  ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 4769741.15 (ހަތަރު މިލިއަން ހަތްސަތޭކަ އޮނަފަންސާސްހާސް ހަތްސަތޭކަ އެކާޅީސް ރުފިޔާ ފަނަރަ ލާރި) އަށެވެ.

ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތް ކުރަމުން ދިޔައިރުވެސް، އަދި އިމާރާތްކޮށް ނިމުނު ފަހުންވެސް، އެތަން އިމާރާތްކުރުމުގެ ފެންވަރު ދަށްކަމަށާއި ތަނުގެ ޑިޒައިން ކަމުނުދާކަމަށްބުނެ އިހަވަންދޫ ކައުންސިލްގެ ބައެއް މެމްބަރުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.