ދަރުމަ ޤުރުއާން މުބާރާތުގެ އެއްވަނަ މިފަހަރުވެސް ހޯދީ އުވައިޝާ!

ލުޤުމާން އަޙްމަދު

ހިލޭސާބަހަށް ޤުރުއާނުގެ އިލްމު އުގަންނައިދިނުމުގެ މަގްސަދުގައި ކުރިޔަށް ގެންދާ ދަރުމަ ޤުރުއާން ކުލާހުން ބޭއްވި ދަރުމަ ދެވަނަ ޤުރުއާން މުބާރާތުގެ އެއްވަނަ އާއިޝަތު އުވައިޝާ ބިންތި އާދަމް، ހަނދުވަރީ މަންޒިލް ހއ އިހަވަންދޫ ހޯދައިފިއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ އެއްވަނަ ހޯދީވެސް އުވައިޝާއެވެ. މިމުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ އޮތީ ރޭ އިހަވަންދޫ ސްކޫލްގެ ވަގުތީ ހޯލްގައެވެ.

“ދަރުމަ ޤުރުއާން މުބާރާތް 2025” ގެ ނަމުގައި ކުރިޔަށް ގެންދިޔަ މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން މިމަހުގެ 1 ވަނަ ދުވަހުއެވެ. މިމުބާރާތުގައި 60 ކުދިން ބައިވެރިވެފައިވެއެވެ. މިމުބާރާތުގައި ކިޔަވާފައިވަނީ ދަރުމަ ޤްރުއާން ހަރަކާތް ފަރާތުން ކުރިޔަށް ގެންދާ ޤުރުއާން ކުލާސްތަކުގައި ބައިވެރިވާ ކުދިންނެވެ.

ހިލޭސާބަހަށް ޤުރުއާނުގެ އިލްމު އުގަންނައިދިނުމުގެ މަޤްސަދުގައި ކުރިޔަށް ގެންދާ ދަރުމަ ޤްރުއާން ކުލާހަކީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 26 ވަނަ ދުވަހު އިފްތިތާޙްކުރި ކުލާހެކެވެ. އެކުލާހުން ހިލޭ ޤުރުއާން ކިޔެވޭނެ މަގު ހަމަޖައްސައިދެއެވެ. “ދަރުމަ” ޤުރުއާން ކުލާހަކީ ހއ އިހަވަންދޫ، ހޯރަ، އިބްރާހިމް މޫސާ އިސްނަންގަވައިގެން ދަރުމަވެރިއެއްގެ އެހީތެރިކަމާއިއެކު ކުރިޔަށްގެންދާ ހަރަކާތަކެވެ. މިއީ އެހަރަކާތުގެ ފަރާތުން ބޭއްވި ދެވަނަ ޤުރުއާން މުބާރާތެވެ.

މިމުބާރާތުގެ ފާހަގަކުރެވޭ ވަނަތަކަށް ހޮވުނު ދަރިވަރުން:

މުޅިމުބާރާތުން 3 ވަނަ: ރީޝަމް ބިންތި ސުހައިލް މުހައްމަދު، ރޯޝަނީގެ ހއ. އިހަވަންދޫ
މުޅިމުބާރާތުން 2 ވަނަ: އަލޫފް އަހްމަދު، އާރު ހއ. އިހަވަންދޫ
މުޅިމުބާރާތުން 2 ވަނަ: ބަޝާރާ މުހައްމަދު ސަމީރު، ގޯލްޑް ހައުސް ހއ. އިހަވަންދޫ
މުޅިމުބާރާތުން 1 ވަނަ: އާއިޝަތު އުވެއިޝާ ބިންތި އާދަމް، ވާމަތީގެ ހއ. އިހަވަންދޫ