އިމަގު ވެޓެރަންސް ފުޓްސަލް ޓޯނަމެންޓްގެ ސެމީ ފައިނަލް މިރޭ!

ލުޤުމާން އަޙްމަދު

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ކުރިޔަށްގެންދާ އިމަގު ފަންސަތިރީސް ވެޓެރަންސް ފުޓްސަލް ޓޯނަމެންޓްގެ ސެމީ ފައިނަލް މިރޭ ކުޅޭނެއެވެ. މިރޭގެ ސެމީ ފައިނަލް މެޗްގައި ވާދަކުރާނީ ޖަންގަލް އަދި ސެންސިޓީއެވެ.

ޖުމްލަ 4 ޓީމެއް ވާދަކުރާ މިމުބާރާތުގެ ގްރޫޕް ސްޓޭޖުން 1 ވަނަ ހޯދައިގެން ޔުނައިޓެޑް ޔޫތް މިމުބާރާތުގެ ފައިނަލުން ޖާގައެއް ހޯދާފައިވާއިރު، މިހާތަނަށް މިމުބާރާތުން ކަޓާފައިވަނީ ކުޅުނު ހުރިހާ މެޗަކުންވެސް ބަލިވި ބަހްސީސްއެވެ. ޖަންގަލް މިމުބާރާތުގެ ސެމީ ފައިނަލުން ޖާހަގަ ހޯދައިފައިވަނީ ކުޅުނު 3 މެޗްގެ ތެރެއިން 2 މެޗުން މޮޅުވެ، 6 ޕޮއިންޓާއި އެކު ގްރޫޕް ސްޓޭޖްގެ ދެވަނަ ޓީމްގެ ގޮތުގައެވެ. ސެންސިޓީއަށް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުވީ ކުޅުނު ތިންމެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، 3 ޕޮއިންޓާއި އެކު ގްރޫޕް ސްޓޭޖްގެ ތިންވަނަ ޓީމްގެ ގޮތުގައެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި މިދެޓީމް ބައްދަކުކުރި މެޗް 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޖަންގަލް ޓީމެވެ.

މިރޭގެ މެޗް ކުޅޭނީ މިމުބާރާތް ކުރިޔަށްދާ ޢާޒީ ދަނޑުގައެވެ. މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައެވެ. މިރޭގެ މެޗުން މޮޅުވާ ޓީމެއް، މާދަމާރޭ އޮންނަ މިމުބާރާތުގެ ފައިނަލްގައި ވާދަކުރާނީ ޔުނައިޓެޑް ޔޫތާއި ދެކޮޅަށެވެ.

މިއަހަރުގެ އިމަގު ފަންސަތިރީސް މުބާރާތުގައި ވާދަކުރަނީ ޖަންގަލް، ސެންސިޓީ، ޔުނައިޓެޑް ޔޫތް އަދި ބަހްސީސްއެވެ. މިއީ މިމުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މިދިޔާ އަހަރުގެ ޗެމްޕިއަން ޗާލީ މިއަހަރުގެ މުބާރާތުގައި ވާދައެއް ނުކުރެއެވެ.