ކުލަބު ޕޯލްސްޓަރގެ 23 ވަނަ ޤުރުއާން މުބާރާތުގެ އެއްވަނަ އައިޝަތު މައިހާ މާހިރު ރަށްމެދުގެ، ހއ. އިހަވަންދޫ ހޯދައިފިއެވެ. މިމުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ އޮތީ މިއަދު ހަވީރު އިހަވަންދޫ ސްކޫލްގެ ވަގުތީ ހޯލްގައެވެ.
ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ރީތިކޮށް ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔެވުމުގެ ރޫހު އަށަގެންނެވުމާއި އެކަމަށް ހިތްވަރު ދިނުމުގެ އިތުރުން ޤުރުއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއެކު ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކަށް ބޭނުންވާ ބައިވެރިންގެ އާރެއް ހއ. އިހަވަންދޫގައި އުފެއްދުމުގެ މަޤުސަދުގައި ކުރިއަށްގެންދިޔަ މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ މިދިޔަ މާރިޗް މަހުގެ 28 އަދި 29 ވަނަ ދުވަހުއެވެ.
މިމުބާރާތުގެ 1 ވަނަ އަށް ހޮވުނު މައިހާއަށް ވަނީ 5000ރ ގެ ފައިސާގެ އިނާމެއް ދީފައެވެ. މައިހާ އަކީ މިދިޔަ އަހަރު ކުލްބް ޕޯލްސްޓާރއިން ބޭއްވި ޤުރުއާން މުބާރާތުން 3 ވަނަ ހޯދި ދަރިވަރެވެ. މިދިޔަ އަހަރުގެ މުބާރާތުން ދެވަނަ ހޯދި އައިޝާ ޔާސިރުއަށް މިއަހަރުގެ މުބާރާތުންވެސް ލިބުނީ ދެވަނައެވެ. ޔައިޝާއަށް 3000ރ ގެ ފައިސާގެ އިނާމެއް ދީފައިވާއިރު މުޅިމުބާރާތުން ތިންވަނަ ހޯދި އިބްރާހިމް އަޔުޝް އަޝްރަފްއަށް 1000ރ ގެ ފައިސާގެ އިނާމެއް ދިނެވެ. މިމުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ އިހަވަންދޫ ކައުންސިލް މެމްބަރު މުހައްމަދު ޒާހިރު ހަސަންއެވެ.