ހޯރަފުށި ފެރީ ޓާމިނަލްގެ އަމަލީ މަސައްކަތް ފަށައިފި

ޢަބުދުﷲ ޙަމީދު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހއ. ހޯރަފުށީގައި ގާއިމުކުރާ ފެރީ ޓާރމިނަލް އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި ޓާމިނަލަކީ ދިވެހިރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން 1ގެ ރަށްތަކުގެ ތެރެއިން ހއ. އަތޮޅާއި،  ހދ. އަތޮޅާއި،  ށ. އަތޮޅަށް ފޯރުކޮށްދޭ ފުރަތަމަ ސްޕީޑް ފެރީގެ ހިދުމަތެވެ.  މި ފިޔަވަހީގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅުގައި 41 ޓާމިނަލް ހަދާނެ އެވެ.

މިނިޒާމް އަކީ އެއްރަށުން އަނެއްރަށަށް ދަތުރުކުރަން މިހާރު ހޭދަވާ ވަގުތު ތިންގުނަ އަވަސްކޮށްދޭނެ ނިޒާމެއް ކަމަށާއި، އަދި މިނިޒާމްގައި ބޭނުންކުރާނެ ފެރީ ތަކަކީ ސީދާ މިކަމަށް ފަރުމާކޮށް އަލަށް ބަންނަ ފެރީތަކެއް ކަމަށް އެމްޓީސީސީން މީގެ ކުރިން ވަނީ ބުނެފައެވެ.

މި ނެޓްވޯކުގައި ބޭނުންކުރާނީ ސީދާ މިކަމަށް ފަރުމާކޮށްގެން އަލަށް ބަންނަ ފެރީތަކެވެ. އެމްޓީސީސީން ބުނެފައިވަނީ ފެރީތަކުގެ ސީޓާއި ފަސިންޖަރުންގެ ކެބިން ފަރުމާކުރާނީ ދިގު ދަތުރުތަކަށް އެންމެ އެކަށޭނަ ގޮތަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމްތަކެއް ވެސް ފެރީތަކުގައި ގާއިމްކުރާނެ އެވެ.

މިއަދު އަމަލީ މަސައްކަތް ފެށުނު ހޯރަފުށީ ފެރީޓާމިނަލްގެ ބިންގާ އަޅާފައިވަނީ މިހިނގާ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު އެވެ.