އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!

.

ހއ އިހަވަންދޫއިން ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ (24 ޖުލައި 2025) މެންދުރު 13:00 އަށް ހަމަވާނެއެވެ.

ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއިރު އޮތީ މިމަހުގެ 15 ވީ ބުރާސްފަތި ދުވަހުގެ 13:00 އަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަމަވާގޮތަށެވެ. ނަމަވެސް، މިމަހުގެ 10 ވަނަ ދުވަހު ބޭއްވި އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 202 ވަނަ ޖަލްސާގައި ފާސްކޮށްފައިވަނީ، ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށެވެ. އެގޮތުން އެމުއްދަތުވަނީ މިމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އިތުރުކޮށްފައެވެ. މުއްދަތު އިތުރުކުރި ސަބަބެއްކަމަށް އިހަވަންދޫ ކައުންސިލުން ބުނެފައިވަނީ، ގޯތި ދޫކުރުމަށް ފޯމް ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ގިނަ ލިޔެކިޔުންތަކެއް ހަމަކުރަން ޖެހުމާއި ވަގުތު ކުޑަކަމަށް ގިނަ ފަރާތްތަކަކުން އެދެމުންދާތީ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިފަހަރު ހުޅުވައިލި ފުރުސަތުގައި ގާތްގަނޑަކަށް 400 އާއި 600 އާއި ދެމެދު އަދަދެއްގެ މީހުން ކުރިމަތި ލާނެއެވެ. މިއީ ކައިވެނި ކޮށްގެން އުޅޭ ދެމަފިރިންވެސް ހިމެނޭ ހެން ލާނެކަމަށް ބެލެވޭ ފޯމްގެ އަދަދެވެ. މިފަހަރު ދޫކުރުމަށް ނިންމާފައިވަނީ 150 ގޯއްޗެވެ.

އެންމެފަހުން އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެފަހުރު ދޫކޮށްފައިވަނީ 200 ގެވަޅެވެ. އެފަހަރު ބަންޑާރަ ގޯއްޗަށް އެދި ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވީ 455 މީހުންނެވެ.