ތިލައުތުރު ފުޓްސަލް މުބާރާތް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

.

ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް” ގެ ނަމުގައި ހއ އަތޮޅު ކައުންސިލުން ބާއްވާ ތިލައުތުރު ފުޓްސަލް މުބާރާތް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކުރީ އަހަރުތަކާއި އެއްގޮތަށް މިއަހަރުގެމުމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީވެސް ނަސްރުގެ ދުވަހާއި ގުޅުވައިގެން ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ އޯގަސްޓް މަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ.

ކުރީ އަހަރުތަކާ އެއްގޮތަށް މިއަހަރުގެ މުބާރާތުގައިވެސް ބައިވެރިވެވެނީ ކޮންމެ ރަށަކުންވެސް އެއް ޓީމަށެވެ. މުބާރާތުގެ ބޭނުމަށް އެރަށެއްގެ ރަށްވެއްސެއްކަމަށް ބަލަނީ 1 ޖެނުއަރީ 2025 ގެ ކުރިން އެރަށެއްގައި ރަށްވެހިވެފައިވާ ފަރާތްތަކަށެވެ.

މިއަދިޔަ އަހަރު ހއ އަތޮޅު ކައުންސިލުން ބޭއްވި، ތިލައުތުރު ފުޓްސަލް މުބާރާތް 2024 ކުރިޔަށް ގެންދިޔައީ ކެލާ ކައުންސިލާއި ގުޅިގެން ކެލާގައެވެ. މިއަހަރުގެ މުބާރާތް ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ ހއ އަތޮޅު ކައުންސިލާއި އުތީމު ކައުންސިލާއި ގުޅިގެން އުތީމުގައެވެ. މިއީ މިމުބާރާތް އުތީމުގައި ބާއްވާ ދެވަނަ ފަހަރެވެ.

މިއަހަރު މިބާއްވަނީ ތިލައުތުރު ފުޓްސަލް މުބާރާތުގެ 4 ވަނަ މުބާރާތެވެ. މިދިޔަ އަހަރު ކުޅުނު  ތިލައުތުރު ފުޓްސަލް މުބާރާތް 2024 ގެ  ޗެމްޕިއަންކަން ހޯދީ އިހަވަންދޫ ޓީމެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 35000 (ތިރީސް ފަސް ހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 5000 (ފަސް ހާސް) ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ.