އިމަގާއި ޕޯލްސްޓާރގެ މެޗް ސީދާ 3 ސެޓުން ކާމިޔާބުކުރީ އިމަގުޓީމު

މުޙައްމަދު އިމްރާން

ހއ.އިހަވަންދޫ މިމަހުގެ 3 އިން ފެށިގެން ކުރިއަށްދާ 44 ވަނަ އަންހެނުންގެ ޤައުމީ ވޮލީބޯޅަ މުބާރާތުގައި އެންމެ ވާދަވެރިވާނެކަމަށް ބެލެވޭ، އެއްމެޗުކަމުގައިވާ، ކުލަބު ޕޯލްސްޓާރއާއި އިމަގު ވާދަކުރިމެޗް އިމަގު ޓީމުން ކާމިޔާބުކޮށްފިއެވެ.

އިމަގުގެ ވޮލީޓީމުން، މިމެޗް ކާމިޔާބުކޮށްފައިވަނީ، ފަސޭހަކަމާއިއެކުގައި ސީދާ 3 ސެޓުންނެވެ.

ފުރަތަމަ ސެޓްގެ ކުޅުން ފެށިގެން ކުރިއަށް ދިޔައިރު ބޮޑު ލީޑަކުން އިމަގު ޓީމު ދިޔައީ ލީޑް ކުރަމުންނެވެ. އަދި، ކުލަބް ޕޯލްސްޓާރގެ ޓީމުން ގިނަމިސްޓޭކްތަކެއް މިސެޓްގައި ހެދިފާވާއިރު، 9 ޕޮއިންޓްގެ ލީޑަކުން މިސެޓް އިމަގުޓީމުން ކާމިޔާބުކުރީ 25 ޕޮއިންޓް 16 ޕޮއިންޓުންނެވެ.

ފުރަތަމަ، ސެޓްކޭ އެއްގޮތަށް މާރަނގަޅުކުޅުމެއް ދެވަނަސެޓްގައިވެސް ޕޯލްސްޓާގެ ޓީމަށް ދެއްކޭގޮތްވަނީ ނުވެފައެވެ. އަދި މިސެޓްވެސް، ފަސޭހަކަމާއެކުގައި އިމަގުގެ ޓީމުން ކާމިޔާބުކުރީ 25 ޕޮއިންޓް 16 ޕޮއިންޓުންނެވެ.

ފުރަތަމަ ސެޓާއި ދެވަނަ ސެޓްވެސް، ޕޯލްސްޓާރގެ ޓީމަށް ގެއްލިގެން ދިޔައިރު، ތިންވަނަ ސެޓް ހޯދުމުގެ އަޒުމުގައި ޕޯލްސްޓާރއިން ކުޅެން ނުކުތެވެ. އަދި، ކުރީ ސެޓްތަކަށްވުރެ ކުޅުން ރަނގަޅުކޮށް މިސެޓުގައި ފުރަތަމަ ލީޑް ކުރަމުން ގޮސްފައިވަނީ، ކުލަބު ޕޯލްސްޓާރގެ ޓީމުންނެވެ. ނަމަވެސް، މިސެޓްވެސް ކުލަބު ޕޯލްސްޓާރގެ ޓީމަށްވަނީ ގެއްލިފައެވެ. މިސެޓް އިމަގު ޓީމުން ކާމިޔާބުކުރީ 25 ޕޮއިންޓް 21 ޕޮއިންޓުންނެވެ.

ޤައުމުން ބޭރުން އިމަގުޓީމަށް ގެނެސްފައިވާ ކުޅުންތެރިޔާ، އެޓީމުގެ 5 ނަންބަރު ތަރުވާ އަނިކާ ގެ ކުޅުން ވަރަށް ރަނގަޅަށް ފެނިގެންގޮސްފައިވާ މިމެޗުގައި އަނިކާވަނީ ގިނަޕޮއިންޓްތަކެއް އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އަދި މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އަނިކާވަނީ ހޯދާފައެވެ.

މިހާތަނަށް އާއިރު، އިމަގާއި، ޕޯލްޓާރ އަދި ޕޮލިސްޓީމަށް ޕޮއިންޓްތާވަލްގެ އެންމެ ކުރިން ޖާގަ ލިބި ސެމީ ކަށަވަރުވެފައިވާއިރު، މީންކޮންމެޓީމަކަށްވެސް އަދި އެއްމެޗު ބާކީ އެބައޮތެވެ. މާދަމާ ހަވީރު އިމަގަށް ބައްދަލުކުރަންޖެހޭނީ ހުވާސްޓީމާ އެވެ. އަދި މާދަމާރޭ ފަހު މެޗަށް ޕޯލްސްޓާރއާއި ޕޮލިސް ނިކުންނައިރު މިމެޗަކީވެސް ފޯރިގަދަ މެޗަކަށް ވެގެންދާނެއެވެ. މާދަމާރޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މުރާދޫ އެކުވެރިންގެ ރޫޙްގެ ޓީމާއި ފިނޭ ޓީމެވެ.

މިމުބާރާތުގައި ޖުމްލަ 7 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކުރާ ގޮތަށް ލީގު އުސޫލުންނެވެ. އަދި ތިން ސެމީ ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ސެމީއަށް ހޮވޭނީ، 1 ވަނަ ޓީމާއި 2 ވަނަ ޓީމެވެ. ފުރަތަމަ ސެމީން މޮޅުވާ ޓީމެއް ސީދާ ފައިނަލަށް ދާއިރު، ބަލިވާ ޓީމަށް ތިންވަނަ ސެމީން  ޖާގަލިބޭނެއެވެ. އަދި 2 ވަނަ ސެމީގައި ކުޅޭނީ 3 ވަނަ ޓީމާއި 4 ވަނަ ޓީމެވެ. 2 ވަނަ ސެމީން ބަލިވާ ޓީމެއް ކަޓާ އިރު، މޮޅުވާ ޓީމެއް 3 ވަނަ ސެމީއަށް ދާނެއެވެ. އެހެންކަމުން 3 ވަނަ ސެމީގައި ކުޅޭނީ ފުރަތަމަ ސެމީން ބަލިވި ޓީމާއި، ދެވަނަ ސެމީން މޮޅުވާ ޓީމެވެ. މިމުބާރާތުގެ ފައިނަލްގައި ކުޅޭނީ، ފުރަތަމަ ސެމީން މޮޅުވާ ޓީމާއި، ތިންވަނަ ސެމީން މޮޅުވާ ޓީމެވެ. އަދި ތިންވަނަ ޓީމަކަށް ވާނީ ތިންވަނަ ސެމީން ބަލިވާ ޓީމެވެ.