ރަސްތަރި މުބާރާތުގައި 7 ރަށަކުން ވާދަކުރަނީ!

.

އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް 2025، ގައި އިހަވަންދޫ އާއި އެކު 7 ރަށަކުން ބައިވެރިވެއްޖެއެވެ. އެއީ އިހަވަންދޫ، މޮޅަދޫ، ކެލާ، ދިއްދޫ، ބާރަށް، މާރަންދޫ އަދި އުތީމުއެވެ.

މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން މިމަހުގެ 29 އާއި ހަމަޔަށް ކުރިޔަށްދާ މިމުބާރާތް ބާއްވާ މިއީ 3 ވަނަ ފަހަރެވެ. . އެންމެ ފުރަތަމަ 2022 ވަނަ އަހަރު މިމުބާރާތް ބޭއްވީ “އިހަވަންދިއްޕޮޅު ރަސްތަރި މުބާރާތުގެ” ނަމުގައި މުޅި ހއ އަތޮޅަށް ހުޅުވާލައިގެންނެވެ.  އެފަހަރުގެ މުބާރާތުގައި 8 ރަށަކުން ވާދަކުރިއެވެ. އެއަށްފަހު އެއްއަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ އަހަރު މިމުބާރާތް ބޭއްވީ “ރަސްތަރި ޤުރުއާން މުބާރާތް 2024” ގެ ނަމުގައި އިހަވަންދޫއަށް ހުޅުވާލާއުގެންނެވެ. އެ ދެ މުބާރާތުގެވެސް އެއްވަނަ ހޯދީ އިހަވަންދޫ ދޭލިޔާގެ ޔައިޝާ ޔާސިރު އިބްރާހިމްއެވެ.

އިހަވަންދޫ ކައުންސިލުން މިހާރުވަނީ މިމުބާރާތް ސްޕޮންސަރ ކުރުމަށާއި މިމުބާރާތަށް އިނާމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފައެވެ.

މިއަހަރުގެ މުބާރާތުގެ އެއްވަނަ ބައިވެރިޔާއަށް ހުށަހަޅާފައިވަނީ އުމުރާ ދަތުރަކާއެކު 10,000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ދެވަނަ ބައިވެރިޔާއަށް 6,000 ރުފިޔާ އަދި ތިންވަނަ ބައިވެރިޔާއަށް 3,000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާއިރު، ރަށްރަށަށް ދޭ އިނާމުގެ ގޮތުގައި އެއްވަނަ ރަށަށް 10,000 ރުފިޔާ، ދެވަނަ ރަށަށް 7,000 ރުފިޔާ އަދި ތިންވަނަ ރަށަށް 5,000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.

މިމުބާރާތް ކުރިޔަށް ގެންދާނީ ތިން ރައުންޑަކަށެވެ. ފުރަތަމަ ރައުންޑާއި ދެވަނަ ރައުންޑަކީ އެލިމިނޭޝަން ރައުންޑެވެ. ތިންވަނަ ރައުންޑަކީ ފައިނަލް ރައުންޑެވެ. ދެވަނަ ރައުންޑަށް ހޮވޭނީ ފުރަތަމަ ރައުންޑުން އެންމެ މަތިން މާކުސް ހޯދާ 10 ބައިވެރިންނެވެ. އަދި ފައިނަލް ރައުންޑަށް ހޮވޭނީ ދެވަނަ ރައުންޑުން އެންމެ މަތިން މާކުސް ހޯދާ 5 ބައިވެރިންނެވެ.