އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް 2025، ގެ ބައިވެރިން އިހަވަންދޫއަށް އަންނަންފަށައިފިއެވެ. މިމުބާރާތުގެ ބައިވެރިވި ރަށްތަކުގެ ތެރެއިން ފުރަތަމަ މިއަދު 15:20 ގައި އިހަވަންދޫއަށް އައީ މޮޅަދޫއިން މިމުބާރާތުގައި ބައިވެރިވި ބައިވެރިންނެވެ.
މިމުބާރާތުގައި އިހަވަންދޫއާއި އެކު 7 ރަށަކުން ބައިވެރިވިއެވެ. އެއީ އިހަވަންދޫ، މޮޅަދޫ، ކެލާ، ދިއްދޫ، ބާރަށް، މާރަންދޫ އަދި އުތީމުއެވެ. މާދަމާ ހެނދުނު 8:00 ގައި މިމުބާރާތް ފެށެމަށް ހަމަޖެހިފައިވާއިރު، މިމުބާރާތުގައި ބައިވެރިވި ހުރިހާ ރަށްތަކެއްގެ ބައިވެރިން މިއަދު އިހަވަންދޫއަށް އަންނާނެއެވެ. މިމުބާރާތަށް އިހަވަންދޫ ކައުންސިލް ވަނީ ވަރަށްބޮޑަށް ތައްޔާރުވެފައެވެ.
މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން މިމަހުގެ 29 އާއި ހަމަޔަށް ކުރިޔަށްދާ މިމުބާރާތް ބާއްވާ މިއީ 3 ވަނަ ފަހަރެވެ. . އެންމެ ފުރަތަމަ 2022 ވަނަ އަހަރު މިމުބާރާތް ބޭއްވީ “އިހަވަންދިއްޕޮޅު ރަސްތަރި މުބާރާތުގެ” ނަމުގައި މުޅި ހއ އަތޮޅަށް ހުޅުވާލައިގެންނެވެ. އެފަހަރުގެ މުބާރާތުގައި 8 ރަށަކުން ވާދަކުރިއެވެ. އެއަށްފަހު އެއްއަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ އަހަރު މިމުބާރާތް ބޭއްވީ “ރަސްތަރި ޤުރުއާން މުބާރާތް 2024” ގެ ނަމުގައި އިހަވަންދޫއަށް ހުޅުވާލާއުގެންނެވެ. އެ ދެ މުބާރާތުގެވެސް އެއްވަނަ ހޯދީ އިހަވަންދޫ ދޭލިޔާގެ ޔައިޝާ ޔާސިރު އިބްރާހިމްއެވެ.
މިއަހަރުގެ މުބާރާތުގެ އެއްވަނަ ބައިވެރިޔާއަށް ހުށަހަޅާފައިވަނީ އުމުރާ ދަތުރަކާއެކު 10,000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ދެވަނަ ބައިވެރިޔާއަށް 6,000 ރުފިޔާ އަދި ތިންވަނަ ބައިވެރިޔާއަށް 3,000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާއިރު، ރަށްރަށަށް ދޭ އިނާމުގެ ގޮތުގައި އެއްވަނަ ރަށަށް 10,000 ރުފިޔާ، ދެވަނަ ރަށަށް 7,000 ރުފިޔާ އަދި ތިންވަނަ ރަށަށް 5,000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.
މިމުބާރާތް ކުރިޔަށް ގެންދާނީ ތިން ރައުންޑަކަށެވެ. ފުރަތަމަ ރައުންޑާއި ދެވަނަ ރައުންޑަކީ އެލިމިނޭޝަން ރައުންޑެވެ. ތިންވަނަ ރައުންޑަކީ ފައިނަލް ރައުންޑެވެ. ދެވަނަ ރައުންޑަށް ހޮވޭނީ ފުރަތަމަ ރައުންޑުން އެންމެ މަތިން މާކުސް ހޯދާ 10 ބައިވެރިންނެވެ. އަދި ފައިނަލް ރައުންޑަށް ހޮވޭނީ ދެވަނަ ރައުންޑުން އެންމެ މަތިން މާކުސް ހޯދާ 5 ބައިވެރިންނެވެ.
މިމުބާރާތުގެ ކިޔެވުން ކުރިޔަށްދާނީ ޕޯލްސްޓަރ ހިޔާގައެވެ.