ޖެހިޖެހިގެން 3 ވަނަ ފަހަރަށް ރަސްތަރިޔަކަށް ޔައިޝާ!

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް 2025، ގެ އެއްވަނަ  ހއ. އިހަވަންދޫ، ދޭލިޔާގެ، ޔައިޝާ ޔާސިރު އިބްރާހިމް ހޯދައިފިއެވެ. މިމުބާރާތް 3 ފަހަރު ބާއްވާފައިވާއިރު، މިމުބާރާތުގެ އެއްވަނަ ކޮންމެ ފަހަރަކުވެސް ހޯދާފައިވަނީ ޔައިޝާކަން ފާހަގަކުރެވެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު  ޝަރަފުވެރި ކޮށްދެއްވި، މިމުބާރާތުގެ ނާތީޖާ ފާޅުކުރުމުގެ ހަފްލާ މިރޭ އިހަވަންދޫ ބަނދަރު ސަރަހައްދުގައި ބޭއްވިއިރު މިމުބާރާތުން އެއްވަނަ ރަށަކަށް ހޮވިފައިވަނީ ހއ. ދިއްދޫއެވެ. ދެވަނަ އިހަވަންދޫ ހޯދިއިރު، ތިންވަނަ ހޯދީ ކެލައެވެ.
ޔައިޝާ މިމުބާރާތުގެ އެއްވަނަ ހޯދިއިރު، ދެވަނަ ހޯދީ މަރިޔަމް ހިބާ ހުސައިން / ވިގޯރަސް، ހއ. ދިއްދޫއެވެ. އަދި މިމުބާރާތުގެ 3 ވަނަ ހޯދީ އައިޝަތު މައިހާ މާހިރު / ރަށްމެދުގެ، ހއ. އިހަވަންދޫއެވެ.

މިއަހަރުގެ މުބާރާތުގެ އެއްވަނަ ބައިވެރިޔާއަށް ހުށަހަޅާފައިވަނީ އުމުރާ ދަތުރަކާއެކު 10,000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ދެވަނަ ބައިވެރިޔާއަށް 6,000 ރުފިޔާ އަދި ތިންވަނަ ބައިވެރިޔާއަށް 3,000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާއިރު، ރަށްރަށަށް ދޭ އިނާމުގެ ގޮތުގައި އެއްވަނަ ރަށަށް 10,000 ރުފިޔާ، ދެވަނަ ރަށަށް 7,000 ރުފިޔާ އަދި ތިންވަނަ ރަށަށް 5,000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.

މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން މިމަހުގެ 29 އާއި ހަމަޔަށް ކުރިޔަށް ގެންގޮސްފައިވާ މިމުބާރާތް ބޭއްވި މިއީ 3 ވަނަ ފަހަރެވެ. . އެންމެ ފުރަތަމަ 2022 ވަނަ އަހަރު މިމުބާރާތް ބޭއްވީ “އިހަވަންދިއްޕޮޅު ރަސްތަރި މުބާރާތުގެ” ނަމުގައި މުޅި ހއ އަތޮޅަށް ހުޅުވާލައިގެންނެވެ.  އެފަހަރުގެ މުބާރާތުގައި 8 ރަށަކުން ވާދަކުރިއެވެ. އެއަށްފަހު އެއްއަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ އަހަރު މިމުބާރާތް ބޭއްވީ “ރަސްތަރި ޤުރުއާން މުބާރާތް 2024” ގެ ނަމުގައި އިހަވަންދޫއަށް ހުޅުވާލާއުގެންނެވެ.

މިރޭގެ ހަފުލާގައި އިހަވަންދޫގެ ފުރަތަމަ ޙާފިޡާ، މަރިޔަމް ރައްޔާ އަޙްމަދު ޤުރުއާން ހިތުދަސްކުރެއްވުމުގެ މަތިވެރި ކާމިޔާބީ ހޯއްދެވުން ފާހަގަކޮށް، އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން އިނާމު ދިނުންއޮތެވެ.