އިހަވަންދޫގައި ބެހެއްޓި އެމްއައިބީގެ އޭޓީއެމް ހުޅުވައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫގައި ބެހެއްޓި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމް ހުޅުވައިފިއެވެ. މިއަދު ހެންދުނު 9:15 ގައި ބޭއްވި ރަސްމިއްޔާތުގައި އެމްއައިބީގެ އޭޓީއެމް ހުޅުވައިދެއްވީ އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްއެވެ.

އިހަވަންދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމް އެއް ބެހެއްޓުމަށް އެކުންފުންޏާއި އިހަވަންދޫ ކައުންސިލާއި ދެމެދު އެއްބަސް ވުމެއްގައި ސޮއެކުރީ މިއަހަރުގެ ޖެނުއަރީމަހުގެ 29 ވަނަ ދުވަހުއެވެ. އިހަވަންދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމް ކިއޮސްކް ޤާއިމްކުރުމަށް ބިން ދޫކުރުމަށް، އިހަވަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ، 181 ވަނަ އާއްމު ޖަލްސާގައި  ނިންމިއެވެ. އެގޮތުން އެކުންފުންޏަށް ދޫކޮށްފައިވަނީ 3200 އަކަ ފޫޓްގެ ބިމެކެވެ. އަކަފޫޓެއް 2ރ ގެ ރޭޓުން 20 އަހަރު ދުވަހަށް ދޫކުރި އެބިން އޮންނަނީ އިހަވަންދޫ ބީއެމްއެލް ބުރާންޗާއި އިންވެގެން އިރުމައްޗަށެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިހަވަންދޫގައި ހުޅުވީ އޭޓީއެމް އަކީ އެކުންފުނިން ހއ އަތޮޅުގައި ހިދުމަތް ދޭންފެށި ދެވަނަ އޭޓީއެމް އެވެ. ހއ. ދިއްދޫގައި 2024 ވަނަ އަހަރުގެ ޑިސެމްބަރ މަހުން ފެށިގެން އެބޭންކުގެ ސާވިސްސެންޓަރުން އަންނަނީ ހިދުމަތް ދެމުންނެވެ.