ކުރިޔަށްއޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓްގައި އިހަވަންދޫ ކައުންސިލަށް ވާދަކުރާ ކެނޑިޑޭޓުން މިނޫހަށް ކަށަވަރުވެއްޖެއެވެ.
އެމްޑީޕީގެ ޓިކެޓްގައި ކުރިޔަށްއޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވާދަކުރުމަށް ހުޅުވައިލުމުން، އިހަވަންދޫ ކައުންސިލްގައި އިންނަވާ ހަމައެކަނި އެމްޑީޕީ މެމްބަރު، މަރިޔަމް ޝިފާޒާ ޝައުގުވެރިކަން ފާޅުކުރިއެވެ. ނަމަވެސް ލީޑާޝިފުން ނުރެހޭތީ ކަމަށްބުނެ ޝިފާޒާވަނީ ނަން އަނބުރައި ގެންގޮސްފައެވެ.
އެމްޑީޕީއިން އިއުލާންކޮށްފައިވާ ކެނޑިޑޭޓުންނަށް ބަލާއިރު، އެޕާޓީގެ ޓިކެޓްގައި ކައުންސިލްގެ ރައީސް ކަމުގެ މަޤާމަށް ވާދަކުރަނީ، އިހަވަންދޫ ކައުންސިލްގެ ސެކެރަޓަރީ ޖެނެރަލް އަލީ ފަވާޒްއެވެ. ކައުންސިލް މެމްބަރުކަމަށް މޫސާ އަލީ އަދި އަބްދުﷲ ހަލީލް ވާދަކުރާއިރު، ކައުންސިލުން އަންހެން ކެނޑިޑޭޓުންނަށް ހާއްސަ ކޮށްފައިވާ ދެ ސްލޮޓަށް ވާދަކުރަނީ ނާސިރާ އަދި ޝިޔާމާއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކޮށްފައިވާ ތާރީހަކީ މިއަހަރުގެ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހެވެ.