މަސްޖިދު ޒުބައިދާ އަޙްމަދު ހުޅުވައިފި

.

އަމިއްލަ ފަރާތަކުން އިހަވަންދޫގައި ބިނާކުރި މަސްޖިދު ޒުބައިދާ އަޙްމަދު ހުޅުވައިފިއެވެ. އެމިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އެމިސްކިތް ހުޅުވާފައިވަނީ މިއަދުގެ ހަވީރުއެވެ.

މަސްޖިދު ޒުބައިދާ އަޙްމަދަކީ ނިޝާން މުލީގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް މުޙައްމަދު ޞާލިޙް އިހަވަންދޫގައި ބިނާކޮށްދެއްވާފައިވާ މިސްކިތެކެވެ. 150 މީހުންގެ ޖާގައިގެ އެމިސްކިތް ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއެކޮށްފައިވަނީ 5 ޖޫން 2024 ގައެވެ. މިސްކިތުގެ ބިންގާ އަޅާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އިހަވަންދޫގައި ހުޅުވާފައިވަނީ، ހއ. އިހަވަންދޫ ރަންކޮކާގެ އަލްފާޟިލް މުޙައްމަދު ބަސީރު، އިހަވަންދޫގައި އިމާރާތް ކޮށްފައިވާ މިސްކިތެއްކަމުގައިވާ މަސްޖިދުލް އަބޫބަކުރު ސިއްދީޤު ރަޟިޔަﷲ އަންޙްއެވެ. 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު އެމިސްކިތް ހުޅުވައި ދެއްވީވެސް، ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.