ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން، ހއ. އިހަވަންދޫގައި ޤާއިމްކުރި ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) ގެ ތެޔޮޝެޑުން ރަސްމީކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
މިކަން އިއުލާންކުރައްވައި އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ސޯޝަލް މީޑިއާގައި ވިދާޅުވީ، މިއަދުން ފެށިގެން އިހަވަންދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ރިޔާސީ ވައުދެއްގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.
އިހަވަންދޫ އެފް.އެސް.އެމް ޝެޑުން ހިދުމަތް ދޭ ގަޑިތަކަށް ބަލާއިރު، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ހަވީރު 17:00 އަށް އަދި ރޭގަނޑު 20:30 އިން މެންދަމު 00:00 އަށް ހިދުމަތް ލިބޭނެއެވެ. ހުކުރު ދުވަހު ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށް އަދި ރޭގަނޑު 20:30 އިން މެންދަމު 00:00 އަށެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ ބޮޑު މަޝްރޫޢު ރައީސް ޑރ. މުޢިއްޒު އިއުލާންކުރެއްވީ 2024 ނޮވެމްބަރު 7 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ މަޝްރޫޢުގެ ދަށުން އިހަވަންދޫގައި ފިއުލް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމްކޮށް ނިންމުމަށް ކުރިން އަމާޒު ހިފާފައި އޮތީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހަށެވެ.
މި އިންތިޒާމާއެކު އިހަވަންދޫގެ މަސްވެރިންނަށާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް އަދި އާންމު ރައްޔިތުންނަށް ތެޔޮ ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.