ހއ. ހޯރަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ، އެއްލައްކަ ރުފިޔާގެ ބޮޑު އިނާމެއް ހުށަހަޅާފައިވާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހަމަވިއިރު، ހއ. އަތޮޅުގެ 7 ރަށަކުން ޖުމްލަ 10 ޓީމެއް ބައިވެރިވެފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިއީ މިހާތަނަށް ހއ. އަތޮޅުގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތުގައި ބައިވެރިވެފައިވާ ރަށްތަކަކީ ހޯރަފުށި، އިހަވަންދޫ، މޮޅަދޫ، މާރަންދޫ، ދިއްދޫ، ފިއްލަދޫ އަދި އުތީމެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މުބާރާތް ބާއްވާ ރަށް ކަމަށްވާ ހޯރަފުށިން ތިން ޓީމެއް ވާދަކުރެއެވެ. އެއީ 22 ސްޕޯރޓްސް ކްލަބް، ދަންމަރު ޔުނައިޓެޑް އަދި ޓީމް އެކްސީޑްއެވެ. އިހަވަންދޫއިން ދެ ޓީމެއް ވާދަކުރާއިރު، އެއީ ޖޭ ސްޕޯރޓްސް އެކަޑަމީ އާއި އިހަވަންދޫ ފުޓްސަލް ކުލަބެވެ. މީގެ އިތުރުން މާރަންދޫ ޔޫތް ސޮސައިޓީ، ޓީމް މޮޅަދޫ، ދިއްދޫ ހީވެސްނުވޭ، ފިއްލަދޫ ކްލަބް ވިންގްސް އަދި އުތީމު އެފްސީ ވެސް މި މުބާރާތުގައި ވާދަކުރާނެއެވެ.
ހޯރަފުށީ ފުޓްސަލް ދަނޑުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ މޫސާއެވެ. މިމުބާރާތް ފެށެމަށް ހަމަޖެހިފައިވަނީ އަން އޭޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ.