ދެ ސަރުކާރުގެ އެއްބާރުލުންވެސް ކައުންސިލަށް ފުރިހަމަޔަށް ނުލިބޭ – ކައުންސިލަރު ޒާހިރު

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން  އަމާޒު ކަނޑައަޅައިގެން ކުރި މަސައްކަތްތަކުގައި، މަސައްކަތްތައް މިއަދާހަމަޔަށް އެންމެ ފުރިހަމަޔަށް ހާސިލްވެފައި ނުވަނީ، ދެ ސަރުކާރުގައިވެސް ކައުންސިލަށް ލިބެންޖުހުނު އެއްބާރުލުން ފުރިހަމަޔަށް ލިބިފައި ނުވާތީކަމަށް،  ކައުންސިލަރު މުހައްމަދު ޒާހިރު ހަސަން ވިދާޅުވެއްޖެއެވެ.

ކައުންސިލަރު ޒާހިރު މިހެން ވިދާޅުވީ، މިދިޔަ މަހުގެ 24 ވަނަ ދުވަހު އިހަވަންދޫ ކައުންސިލުން ރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޒާހިރު ވިދާޅުވީ އެބޭފުޅާ އިންމީދު ކުރައްވަނީ ކުރިޔަށް އަންނަ ކައުންސިލުން ރަށުގެ ތަރައްޤީއާ ލާބަޔާ މަންފާޔަށް އަދި ރައްޔިތުންގެ ހިންހަމަޖެހުމާއި އުފާވެރިކަން ލިބިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރާނެކަމުގައެވެ.

އިހަވަންދޫ ކައުންސިލްގެ މިހިނގާ 4 ވަނަ ދައުރުގެ ކައުންސިލަރުން ހުވާކުރީ 2021 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހުއެވެ. އެހެންކަމުން ނިމިދިޔަ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ކައުންސިލްގެ ދައުރުގެ ދެ އަހަރާއި 6 މަސް ދުވަސް ވޭތުވެދިޔައިރު، ބާކީ 2 އަހަރާއި 6 މަސް ހޭދަވާނީ މިހާރުގެ ރައީސުލް ޖުމްޖޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދައުރުގައެވެ.

ވެރިކަމުގެ ދެ ދައުރުގައިވެސް އިހަވަންދޫ ކައުންސިލުންވަނީ ތަރައްޤީގެ މަޝްރޫއުތައް އެކަށީގެންވާ ބާރުމިނެއްގައި ކުރިޔަށްނުދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ބަޔާންތައް ނެރެފައެވެ. ވެރިކަމުގެ ދެ ދައުރުގައިވެސް އިހަވަންދޫ ކައުންސިލުންވަނީ ސަރުކާރުގެ މަޝްރޫޢުތައް ހިންގުމަށް އެތައް ލައްކަ އަކަފޫޓެއްގެ ބިން ހަމަޖައްސައިދީފައެވެ. ނަމަވެސް އެބިންތަކުގައި މަޝްރޫއުތައް އެކަށީގެންވާ ސްޕީޑެއްގައި ނުހިނގާކަން، އިހަވަންދޫ ކައުންސިލުން ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި އަބަދުވެސް ފާހަގަކުރެއެވެ.

މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުށް މިސަރުކާރުން  ގެނަ އިސްލާހާއި ގުޅިގެން،  އިހަވަންދޫ ކައުންސިލަށް ވަރަށް ބޮޑަށް ދަތިވެފައިވާ ދަނޑިވަޅެއްކަން ފާހަގަކުރެވެއެވެ. އެގޮތުން، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް އިހަވަންދޫން މިދިޔަ އަހަރު ހުޅުވާލި ފުރުސަތުގައި، ގޯތި ދިނުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ސަރުކާރުން ލިބެންޖެހޭ ހުއްދަތައް އަދިވެސް ނުލިބޭކަން އިހަވަންދޫ ކައުންސިލުން ފާހަގަކުރެއެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސްއިން ލިބެންޖެހޭ ހުއްދަތައް ނުލިބުމުގެ ސަބަބުން، ހއ. އިހަވަންދޫ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ގިނަ ހިދުމަތްތަކަކާއި ތަރައްގީގެ މަސައްކަތްތަކެއް ހުއްޓިފައިވާކަމަށްވަނީ މައުލޫމާތު ލިބިފައެވެ.