ސެންސިޓީ ތުރީ އޮން ތުރީ ފުޓް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓެޑް ޔޫތް ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓެޑް ޔޫތް ހޯދީ ފައިނަލްގައި، 6-3 ގެ ނަތީޖާއަކުން ކަބީ ހުށީ ކަބީގަމް ބަލިކޮށްގެންނެވެ.
މިމުބާރާތުގެ އެންމެ މޮޅު 3 ކުޅުންތެރިންނަށް ހޮވުނީ، ޗެމްޕިއަން ޔުނައިޓެޑް ޔޫތްގެ ޝިފާޒު، ޝާނިއުގެ އިތުރުން ރަނަރަޕް ކަބީ ހުށީ ކަބީގަމްގެ ފަޔާޒްއެވެ. މިމުބާރާތުގެ ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާ، އަދި މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާއަށް ހޮވިފައިވަނީ ޗެމްޕިއަން ޔުނައިޓެޑް ޔޫތްގެ ޖާޒީ ނަންބަރު 11، ޝާނިއުއެވެ. އޭނާ ވަނީ މިމުބާރާތުގައި 11 ގޯލް ޖަހާފައެވެ.
މިއީ ސެންސިޓީއިން ކޮންމެ އަހަރެއްގެވެސް ފިތުރު އީދާއި ގުޅިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރުގެ މުބާރާތަކީ ސެންސިޓީއިން ބޭއްވި 3 އޮން 3 ގެ އެންމެ ފުރިހަމަ މުބާރާތްކަމަށް ފާހަގަކުރެވެއެވެ. މިމުބާރާތުގައި 10 ޓީމެއް ވާދަ ކޮށްފައިވެއެވެ.
ސެންސިޓީއިންވަނީ ރަމަޞާންމަހާއި އީދާއި ގުޅިގެންވަނީ ކުރީއަހަރުތަކެކޭ އެއްގޮތަށް ތަފާތު ހަރަކާތްތަކެއް ހިންގާފައެވެ. އޭގެ ތެރޭގައި ރޯދަވިއްލުން ދިނުމާއި، އީދު ހަދިޔާ ބެހުމުގެ އިތުރުން ސެންސިޓީއިން ބޭއްވި 3 އޮން 3 ފުޓްބޯޅަ މުބާރާތް ފާހަގަކުރެވެއެވެ.