2023 އަދި 2024 ވަނަ އަހަރު ހއ އަތޮޅު ކައުންސިލުން ތަޖުރިބާ ދަތުރުތަކަށް 1.2 މިލިއަން ރުފިޔާ ހޭދަކުރި!

މުޙައްމަދު އަކުރަމް

ތިލަދުންމަތީ އުތުރުބުރީ (ހއ.) އަތޮޅު ކައުންސިލުން 2023 އަދި 2024 ވަނަ އަހަރު ތަޖުރިބާ ހޯދުމުގެ ދަތުރުތަކަށް 1.2 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއް ހޭދަކޮށްފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދާދިފަހުން ނެރެފައިވާ ހއ. އަތޮޅު ކައުންސިލް އިދާރާގެ 2023 އަދި 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުންނެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެ މުއްދަތުގެ ތެރޭގައި ހއ. އަތޮޅު ކައުންސިލުން ތަޖުރިބާ ހޯދުމުގެ ގޮތުން ޖުމުލަ ތިން ދަތުރެއް ކޮށްފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރު އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް ދަތުރުކޮށްފައިވާއިރު، 2024 ވަނަ އަހަރުގެ ތެރޭގައި ލ. އަތޮޅަށާއި ފިލިޕީންސްއަށް ތަޖުރިބާ ހޯދުމުގެ ދަތުރުތައް ކޮށްފައިވެއެވެ.

މި ދަތުރުތަކުގެ ޚަރަދުތަކަށް ބަލާއިރު، 2023 ވަނަ އަހަރު އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ކުރި ދަތުރަށް 314,080 ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި 2024 ވަނަ އަހަރު ލ. އަތޮޅަށް ކުރި ދަތުރަށް 228,486 ރުފިޔާ ހޭދަކޮށްފައިވާއިރު، އެ އަހަރު ފިލިޕީންސްއަށް ކުރި ދަތުރަށް އެކަނިވެސް 738,520 ރުފިޔާ ހޭދަކޮށްފައިވާކަން އޮޑިޓުން ވަނީ ދައްކާފައެވެ.

މި ތިން ދަތުރަށް އެ ކައުންސިލުން ޖުމުލަ 1,281,086 (އެއްމިލިއަން ދެލައްކަ އައްޑިހަ އެއްހާސް އައްޑިހަ ހަރުފިޔާ) ހޭދަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކޮށް، ހިންގުމުގެ އިތުބާރު (އެފިޝަންސީ) އިތުރުކުރުމަށް މިނިސްޓްރީ އޮފް ފައިނޭންސް އާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އިން އަންގާފައިވާ އެންގުންތަކާ އެއްގޮތަށް މި ޚަރަދުތައް ކޮށްފައިވާ ކަމަކަށް ނުބެލެވެއެވެ.