ހޯރަފުށި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބިޔަ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ޒިޔާޢު އަހްމަދު

ހއ. ހޯރަފުށީގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ  މަޝްރޫޢު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު އެކުންފުންޏާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިދިޔަ މާރިޗް މަހުގެ 22 ވަނަ ދުވަހުއެވެ. މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރަޓަރީ މުހައްމަދު ޝާމިލްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ހަސަން ނައުފަލް ނާސިރުއެވެ. މިރަސްމިއްޔާތުގައި ހޯރަފުށި ދާއިރާގެ އިއްޒަތްތެރި މެމްބަރު ޢަލީ މޫސާ ބައިވެރިވިއެވެ.

ހޯރަފުށީގެ ތަރައްޤީއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ޖުމްލަ 199,693,198.80 (ސަތޭކަ ނުވަދިހަ ނުވަ މިލިއަން، ހަލައްކަ ނުވަދިހަ ތިން ހާސް، އެއްސަތޭކަ ނުވަދިހަ އަށް ރުފިޔާ އަށްސަތޭކަ ލާރި) ގެ މަޝްރޫޢެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 330 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި:

  • 25.07 ހެކްޓަރުގެ ބިން ހިއްކުން.
  • 580 މީޓަރުގެ އެއްގަމު ތޮށި ޖެހުން.
  • 270 މީޓަރުގެ ގްރޮއިން ޖެހުން.
  • 1496 މީޓަރުގެ ބައޮސްވޭލް ހެދުން ހިމެނެއެވެ.

އެމްޓީސީސީއިން މީގެ ކުރިންވެސް ހޯރަފުށި ބިން ހިއްކާފައިވެއެވެ. 2019 ވަނަ އަހަރު ހޯރަފުށީގައި އެއަރޕޯރޓް ތަރައްޤީ ކުރުމަށްޓަކައި ބިން ހިއްކީވެސް އެކުންފުނިންނެވެ.