ކުލަބު ޕޯލްސްޓަރގެ 24 ވަނަ ޤުރުއާން މުބާރާތުގެ އެއްވަނަ ޔައިޝާ ޔާސީރު އިބްރާހިމް / ދޭލިޔާގެ، ހއ. އިހަވަންދޫ ހޯދައިފިއެވެ. މިމުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ އޮތީ މިއަދު ހަވީރު ޕޯލްސްޓަރ ހިޔާގައެވެ.
ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ރީތިކޮށް ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔެވުމުގެ ރޫހު އަށަގެންނެވުމާއި އެކަމަށް ހިތްވަރު ދިނުމުގެ އިތުރުން ޤުރުއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއެކު ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކަށް ބޭނުންވާ ބައިވެރިންގެ އާރެއް ހއ. އިހަވަންދޫގައި އުފެއްދުމުގެ މަޤުސަދުގައި ކުރިއަށްގެންދިޔަ މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ މިދިޔަ މާރިޗް މަހުގެ 21 އަދި 22 ވަނަ ދުވަހުއެވެ.
މިމުބާރާތުގެ 1 ވަނަ އަށް ހޮވުނު ޔައިޝާއަށް ކްލަބް ޕޯލްސްޓަރއިން 3000ރ ގެ ފައިސާގެ އިނާމެއް ދީފައިވާއިރު، އެރިސްޑެކަރ އިން 1000ރ ގެ ފައިސާގެ އިނާމު ދީފައިވެއެވެ.
މިމުމުބާރާތުން ދެވަނަ ހޯދީ މަރިޔަމް މިދުހާ ހާޝިމް، އަންބަރީގެއެވެ. ދެވަނައަށް ކްލަބް ޕޯލްސްޓަރ އިން 2000ރ ގެ ފައިސާގެ އިނާމެއް ދިންއިރު، އެރިސްޑެކަރ އިން 750ރ ގެ ފައިސާގެ އިނާމު ދިނެވެ. މިމުމުބާރާތުން ތިންވަނަ ހޯދީ އައިޝަތު މައިހާ މާހިރު، ރަށްމެދުގެއެވެ. ތިންވަނައަށް ކްލަބް ޕޯލްސްޓަރ އިން 1000ރ ގެ ފައިސާގެ އިނާމެއް ދިންއިރު އެރިސްޑެކަރ އިން 500ރ ގެ ފައިސާގެ އިނާމު ދިނެވެ. މިމުބާރާތުގެ އެއަވަނަ، ދެވަނަ އަދި ތިންވަނައަށްވެސް ބާބަކިޔުހަޓް ރެސްޓޯރަންޓުން ވޮޗަރެއް ދީފައިވެއެވެ.
މިމުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ އިހަވަންދޫ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް މުހައްމަދު އަބުދުއް ސަމަދުއެވެ.