އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން ހައުސްކީޕަރެއްގެ ވަޒީފާއަށް ހުޅުވައިލުމުން 30 މީހަކު ކުރިމަތިލީކަމަށް މައުލޫމާތު ލިބިއްޖެއެވެ. 7700ރ އަސާސީ މުސާރައެއްދޭ އެވަޒީފާގެ މަޤާމުގެ އެލެވެންސްގެ ގޮތުގައި ކޮންމެ މަހަކު 2310ރ ދެއެވެ. އަދި ނުކުންނަ ކޮންމެ ދުވަހަކަށް 60ރ އަދި ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ޖުޑިޝިއަރީ ކޮންޓިނުއިޓީ އެލެވެންސްގެ ގޮތުގައި 120ރ ކޮންމެ ދުވަހަކު ދޭނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ވަޒީފާއަށް ކުރިމަތިލީ 30 މީހުންގެ ތެރެއިން އެންމެ އެކަށޭނެ މީހަކު ހޮވުމަށްޓަކައި 20 މީހަކު ޝޯޓްލިސްޓްކޮށް، މިހާރު ވަނީ އިންޓަވިއު މަރުހަލާވެސް ނިންމާލާފައެވެ. މިއީ އިހަވަންދޫގެ ތާރީޚުގައިވެސް ސަރުކާރުގެ މިފަދަ ވަޒީފާއަކަށް މިހާ ގިނަ އަދަދެއްގެ މީހުން ކުރިމަތިލީ ފުރަތަމަ ފަހަރު ކަމަށް ބެލެވެއެވެ.
އިހަވަންދޫ އަކީ ކުރިން މަސްވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ، އަދި އާބާދީގެ ބޮޑު ބަޔަކީ މަސްވެރިން ކަމަށްވާ ރަށެއް ނަމަވެސް، ފަހަކަށް އައިސް އެ މަންޒަރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މިހާރު އިހަވަންދޫގެ ގިނަ ބަޔަކު ވަޒީފާ އަދާކުރަމުން ދަނީ ސަރުކާރުގެ އެކި ކުންފުނިތަކުގައެވެ. މަސްވެރިކަން ދޫކޮށް ގިނަ ބަޔަކު ސަރުކާރު ކުންފުނިތަކުގެ (އެސް.އީ.އޯ) ވަޒީފާތަކަށް ބަދަލުވި ނަމަވެސް، އެ ތަންތަނުން ލިބޭ މުސާރަ ދަށްވުމުގެ ސަބަބުން ދިރިއުޅުމުގެ ހާލަތަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. ކޯޓުގެ ވަޒީފާއަށް މިހާ ބޮޑު ތަރުހީބެއް ލިބުނު މައިގަނޑު ސަބަބަކީ ކުންފުނިތަކުގެ މުސާރަ ދަށްވުމާއި، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުން ކަމަށް ބެލެވެއެވެ.